ވިލާ ގްރޫޕް

އެލާގެ ބަދަލުގައި ފެންފުށި ފަޅުން ބައެއް ދިނުމަށް ގާސިމް އެދިވަޑައިގެންފި

Aug 10, 2021
3

ތ. އެލާގެ ބަދަލުގައި ރިސޯޓެއް ތަރައްގީކުރަން އދ. ފެންފުށީގެ ފަޅުން ބައެއް ދިނުމަށް ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް ސަރުކާރުގައި އެދިވަޑައިގެންފި އެވެ.

ގާސިމް މިކަމަށް އެދިވަޑައިގެންފައި މިވަނީ މިމަހުގެ ހަތްވަނަ ދުވަހު އެމަނިކުފާނު ސޮއިކުރައްވާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ފޮނުއްވާފައިވާ ސިޓީއެއްގަ އެވެ.

ވިލާ އަށް ދޫކޮށްފައިވާ ތ. އެލާ ސަރުކާރަށް ނަގަން ނިންމުމާ ގުޅިގެން ގާސިމް ފުރަތަމަ އެދިވަޑައިގެންނެވީ ތ. ކަނިމީދު ނުވަތަ ތ. ކަޅުފަހަލަފުށި ދޫކޮށްދިނުމަށެވެ. ނަމަވެސް އެ ދެ ރަށް ވެސް މިވަގުތު ދެވެން ނެތް ކަމަށް ސަރުކާރުން އެންގުމުން ފެންފުށީ ފަޅުން ބައެއް ހިއްކައިގެން ރިސޯޓެއް ހަދަން ގާސިމް ހުށަހެޅުއްވީ ކަން އަވަސް އަށް ކޮޕީ ލިބިފައިވާ ސިޓީގައިވެ އެވެ.

"މިސިޓީ އާއި އެކު މި ހުށަހަޅާ ޗާޓުގައި ފާހަގަކޮށްފައިވާ ގޮތަށް އދ. ފެންފުށީގެ ހުޅަނގު އުތުރު ފަޅުން ބިން ހިއްކައިގެން ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި އެ ފަޅު ހަމަޖައްސަވައި ދެއްވުން އެދެމެވެ." ގާސިމް ސޮއި ކުރައްވާފައިވާ ސިޓީގައިވެ އެވެ.

ފެންފުށި ފަޅުން ބައެއް ހަމަަޖައްސައިދޭނަމަ ރިސޯޓު ހެދުމަށް އަށް އަހަރުގެ މުއްދަތެއް ދިނުމަށާއި އެއްބަސްވުމުގެ މުއްދަތު 99 އަހަރަށް ހަމަޖައްސަވައި ދެއްވުމަަށްވެސް ގާސިމް ޝަރުތުކުރައްވާފަ އެވެ.

"މިގޮތަށް މި ދެންނެވީ ފަޅުރަށެއްގައި [ތ. އެލާގައި] ރިޒޯޓެއް ހެދުމަށްވުރެ ފަޅު ހިއްކައިގެން ރިޒޯޓެއް ހެދުމަށް ބޮޑެތި ހަރަދުތަކަކާއި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެތީ އެވެ." ސިޓީ ނިންމާލަމުން ބުނެފައިވެ އެވެ.

އެކަމަކު ފަޅު ހިއްކައިގެން ރިސޯޓު ހަދާނަމަ އެންމެ ގިނަ ވެގެންވެސް ދެވޭނީ 30 މަސް ދުވަސް ކަމަށް ގާނޫނުގައިވެ އެވެ.

އދ. ފެންފުށި ފަޅަކީ ގާސިމްގެ ރިސޯޓެއް ކަމުގައިވާ ސަން އައިލެންޑް ރިސޯޓާއި ގާސިމްގެ ރަށް، މާމިގިއްޔާ ވެސް ވަރަށް ގާތުގައި އޮތް ފަޅެކެވެ.

ވިލާ އަށް ދީފައިވާ ރ. މާނެންފުށި، ކ. ބޮލިދުއްޕަރު، ވ. ވާވެއްދިފަޅު، ތ. އެލާ އަދި ގދ. ގަޒީރާގެ އެއްބަސްވުންތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ ބާތިލްކޮށްފަ އެވެ. އަދި އެތަން ތަނަށް ދޭން ޖެހޭ ކުލީގެ ގޮތުގައި 188 މިލިއަން ޑޮލަރު ނުވަތަ 2.9 ބިލިއަން ރުފިޔާ ދެއްކުމަށް ވެސް ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރުގެ ތެރޭގައި ވިލާ އަށް އެންގި އެވެ.

ސަރުކާރުން އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ވިލާ އިން މައްސަލަ ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ އެ ރަށްތައް ސަރުކާރުން އަތުލީ ގާނޫނާ ހިލާފަށް ކަމަށް އޭޕްރީލް، 2018 ގައި ކަނޑައަޅައި ހުކުމްކޮށްފަ އެވެ.