(8 އޯގަސްޓް 2021 އާ ގުޅޭ)
"ޔޫ އޯކޭތަ؟" އީހާން ހަރަކާތެއްނުކޮށް އިންނަން ފެށުމުން ނީރާ އަހާލިއެވެ. ފަރުވާކުޑަ ގޮތަކަށް އީހާން ބޯޖަހާލިއެވެ. ދެން ތެދުވެގެން އެ ކޮޓަރިން އޭނާ ނުކުތެވެ. ދެން ވެސް ނީރާއަށް ވިސްނަން އިނދެވުނީއެވެ. ޝީންއާއި އީހާނުގެ ދެމެދުގައި ޖެހުނީ ކޮންމައްސަލައެއް ކަމާމެދު ވިސްނާށެވެ.
ކަންތައްމިވީ ގޮތުން އީހާންގެ ތަބީޢަތް ގޯސްވާނޭކަން ނީރާއަށް އެނގެއެވެ. އަދި އޭނާ ނޭވާލާނޭ ވަގުތެއް އީހާނު ނުދޭނެއެވެ. ތަބީޢަތް ގޯސްވެއްޖެނަމަ އީހާނު ހަމައަކަށް އެޅުވުމަކީ ނީރާއަށް އެކަނި ކުރެވޭ ކަމެއް ކަހަލައެވެ. އީހާނާއެކު ހުރިހާ ވަގުތަކު ނީރާ ހުންނަން އޭނާ އެދޭނެއެވެ. އީހާނަށް ހުރިހާ ވަގުތެއް ނީރާއައީ ހުސްކުރަމުންނެވެ. ނަމަވެސް މިހާރު އެފަދައިން ކަންތައް ކުރެވޭކަށް އޭނާއަކަށް ނެތެވެ. ހަޔާތުން ހާއްސަ މަގާމެއް ލައިޒަލްއަށް ދެވިފައިވީމައެވެ. ލައިޒަލްއަކީ ނީރާގެ ހިތުގެ ހަމަޖެހުމެވެ.
ހަފްތާގެ ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ކަންތައް ވަމުން އައީ ނީރާ ހީކުރި ފަދައިންނެވެ. އެކަހެރިވެލާނޭ ވަގުތެއް ނީރާއަށް އީހާނު ނުދެއެވެ. ގެއިން ބޭރަށް ނުކުތަސް އީހާން ހުންނަނީ ނީރާގެ ފަހަތުގައި ވިއްދާފައެވެ. އެކަނި ތަނަކަށް ދާން އުޅެފިނަމަ އީހާނުގެ ސުވާލުތައް ހާހަކަށްވުރެ އިތުރުވެގެން ދެއެވެ. ލައިޒަލް ބައްދަލުކުރަން އެދުމުން ނީރާއަށް ދެވޭގޮތެއް ނުވީ ހެންނެވެ. އޭނާ ގުޅުމުން ވެސް ލައިޒަލްއާ ވާހަކަދައްކާލާނޭ ފުރުސަތެއް ނީރާއަށް ލިބޭގޮތެއް ނުވިއެވެ. ކައިރީގަ އީހާނު ހުންނާތީ ނިކަން ނޫން ގޮތަކަށް ދެތިން އެއްޗެއް ބުނެލާފައި ފޯނުކޯލު ޖެހެނީ ކަނޑާލާށެވެ. ނީރާއާއި ލައިޒަލްގެ ގުޅުމުގެ ވާހަކަ ބުނުމަކީ އީހާނުގެ ތަބީއަތް އިތުރަށް ގޯސްވާނޭ ކަމެއްކަން ނީރާއަށް އެނގޭތީ އެކަން ހާމަކުރަން މީ ރަނގަޅު ވަގުތެއްނޫނެވެ. ހަފްތާ ނިމުމަކަށް އައިއިރު ލައިޒަލް ހިތްހަމަނުޖެހުން ފާޅުކުރަންފެށިއެވެ. އީހާނާމެދު ނީރާ ބަހައްޓާ ގާތްކަން ލައިޒަލްއަށް ކަމުނުދަނީއެވެ. އެކަމުގައި ލައިޒަލް ކުށްވެރިކުރަނީ ނީރާއެވެ. ފާޅުގައި ނޫނެކޭ ބުނަން ޖެހޭ ފަހަރު ކެރި ހުރެގެން ނޫނެކޭ ބުނަން ޖެހޭނެކަން ނީރާ ކައިރީ ލައިޒަލް އައީ ބުނަމުންނެވެ. އީހާނެއް ކަމަކު ނީރާގެ ދިރިއުޅުން އޭނާގެ މުށުގެތެރެއަކަށް ނުލެވޭނެކަން ލައިޒަލް ހާމަކުރެއެވެ.
ހަފްތާ ބަންދުގައި ޝޯ ދިނުމަށް މިއުޒިކު ބޭންޑާއެކު ރިސޯޓަށް ލައިޒަލް ފުރައިގެން ދިޔައީ ނީރާދެކެ ނުރުހިފައި ހުރެއެވެ. އެކޮޅުގައި ހުރިއިރު އޭނާ އެއްފަހަރު ވެސް ނީރާއަށް ނުގަޅައެވެ. މާލެ އެނބުރި އައިސްފަ ވެސް ނީރާއަށް ޚަބަރެއް ނުވިއެވެ. ކެތްކުރަން ދަތިވެ ނީރާ ދުނިޔޭން މޮޔަނުވީ ކިރިޔާއެވެ. އޭނާ ލައިޒަލްއަށް ހުއްޓާނުލާ އެތައް ފަހަރަކު ގުޅިއެވެ. އެތައް ސަތޭކެ މެސެޖެއް ކުރިއެވެ. ދެމެދުގައި ހިނގީ ބޮޑުކަމަކަށް ނުވިޔަސް ލައިޒަލްގެ އަޅާލުން ނުލިބުމުން އޭނާ ބިރުގަތީއެވެ. ލައިޒަލްދެކެ އިންތިހާއަށް ލޯބިވާތީއެވެ. އޭނާ ނީރާ ދޫކޮށްލަފާނޭ ހީވީއެވެ. މިހާ ލޯބި އެނާ ދުވަހަކުވެސް މީހަކުދެކެ ވެދާނޭކަން ޚުދު ނީރާއަށް ގަބޫލެއް ނުކުރެވެއެވެ.
ދަންވަރުގެ ވަގުތެވެ. ރޮއެރޮއެ ދެ ލޯ ރަތްވެފައި އިން ނީރާ އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން އިންދާ ފޯނަށް މެސެޖު އައެވެ. އިރުއިރުކޮޅާ ފޯނަށް ބެލުންނޫން ކަމެއް ނީރާއަށް ނުކުރެވެއެވެ. އޭނާގެ އަމަލުތައް ފެންނަ މީހަކަށް އެއީ މޮޔައެކޭ ހީވާނެއެވެ. އެވަރަށް މީހަކުދެކެ ލޯބިވާން ވެދާނެ ހެއްޔެވެ. އެކަމަކު އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އެކި މީހުންނަށް ލޯބި ސިފަވަނީ އެކި ގޮތަށެވެ. އިހްސާސް ކުރެވޭ ގޮތް ވެސް ތަފާތެވެ. ލައިޒަލްއަކީ ނީރާގެ ފުރަތަމައެވެ. ހުރިހާ ގޮތުން ބެލިޔަސް ލައިޒަލް ވަނީ ނީރާގެ ކަންކަމުގައި ކުރި ހޯދާފައެވެ. އެއްވެސް ފިރިހެނަކަށް މިހާތަނަށް ދީފައިނުވާ ފަދަ ބޮޑު އިތުބާރަކާއި ގާތްކަން ނީރާ ވަނީ ލައިޒަލްއަށް ދީފައެވެ. އެހާބޮޑަށް އޭނާގެ ހިތް ލައިޒަލްގެ މައްޗަށް ލެނބިފައިވަނީ އެހެންވެއެވެ.
"މާދަން ވަގުތުވާނެތަ؟ ބައްދަލުވާން ބޭނުން." ފޯނަށް އައި މެސެޖު ވަގުތުން ނީރާ ކިޔާލިއެވެ. ހަމައެހިނދުން އާނއެކޭ ބުނެ ނީރާ ޖަވާބު ފޮނުވާލީ ކުޑަކޮށް ވެސް ވިސްނާނުލައެވެ. އެއާއެކު ހެނދުނު ލައިޒަލް ބަލާ އަންނާނަން ކަމުގައި ބުނެ މެސެޖު ކުރިއެވެ. ދެން އެއަށްފަހު އޭނާގެ ޚަބަރެއް ނުވިއެވެ. އޭރުއްސުރެ ހެނދުނުވާނޭ އިރަކަށް ނީރާ އިންތިޒާރު ފެށިއެވެ. އަނެއްކޮޅުން ހެނދުނުގެ ވަގުތަކީ އޮފީހުގެ މަސައްކަތް ކުރާ ވަގުތެވެ. މެންދުރުފަހު ކިޔަވައިދޭން އެސޯސިއޭޝަނަށް ވެސް އޭނާ ދާން ޖެހޭނެއެވެ. ވީއިރު އެހާ ހެނދުނާ ބައްދަލުވާން ލައިޒަލް އެދުނީ ކީއްވެކަމެއް ނީރާއަށް ނުވިސްނުނެވެ. އޭނާ ފޮނުވާފައި ހުރި އެއްވެސް މެސެޖަކަށް ޖަވާބު ނުދީ ލައިޒަލް ބައްދަލުވާން އެދުމުން ސުވާލެއް ކުރާން ނީރާ އިނީ ނުކުރިފައެވެ. ކޮންމެ ގޮތަކުން ވެސް ލައިޒަލްއާ ބައްދަލުވެ އޭނާއާ ގާތުގައިވުމަށް ހިތް އެދި ރޮމުންދާތީއެވެ.
ކޮޓަރިއަށް ނުވަނުމަށް ނީރާ އެދުނީތީ އީހާން އޮތީ އޭނާގެ އަމިއްލަ ކޮޓަރީގައެވެ. ނިދިފައި ދޭތެރެއަކުން އޭނާއަށް ހޭލެވެއެވެ. ދެފަހަރު އެނދުން ތެދުވެފައި އޭނާ އޮށޯތީ ނީރާ ކައިރިއަށް ދާން ބޭނުންވެފައި ހުރެއެވެ. ނީރާގެ ތަބީއަތް ރަނގަޅުނޫންހެން ހީވާތީއެވެ. އެއްވެސް ވާހަކައެއް ނީރާ ދައްކާފައެއް ނުވެއެވެ. އެހެންވިޔަސް ނީރާއަށް ކަމެއްވެއްޖެހެން އީހާނަށް ހީވަނީއެވެ. ރޭގެ ވަގުތުތައް ފާއިތުވެ ދިޔައީ އެކަހަލަ މިކަހަލަ ގޮތަކަށެވެ. ނިދިފައި ހޭލިފައި، ނީރާއާ މެދު ފުކުރުމުގައި ވަނިކޮށެވެ. ހެނދުނު ނީރާ ކޮޓަރިން ނުކުންނަންވާއިރަށް އީހާނު ވެސް ނުކުތެވެ. ހައިރާންވީ އެހެން ދުވަސްދުވަހަށްވުރެ ކުރީން ނީރާ ތެދުވެ އުޅޭތަން ފެނިފައެވެ. ބަދިގޭގައި ނީރާއަށް ސައި ހަދައިދޭން މަންމަ އުޅެއެވެ. އީހާނު އައިސް ނީރާގެ ކައިރީ އިށީނެވެ.
"މިއަދު ގޭގަ ވޯކްކުރާ ދުވަހެއްނޫންތަ؟" ހެނދުނުގެ ސަލާމް ކޮށްލާފައި އީހާން ބުންޏެވެ.
"އެކޮޅަށް ދާންޖެހިގެން." ކޮފީޖޯޑު ދެއަތުން އުފުލާލައިގެން އިނދެ ނީރާ ބުނެލިއެވެ.
"ކިހާ އިރަކަށް ދަނީ." އީހާން އަހާލިއެވެ.
"އަހަރެން އެކަނި ދާނީ." އީހާންގެ ގަސްދު އެނގޭތީ ނީރާ ނިކަން އަވަހަށް ބުނެލިއެވެ.
"ކާރުގައެއްނު ދާނީ. މިހެން ހުއްޓަސް އޯކޭވާނެ. މީހަކަށް ނުފެންނާނެ. ދޯ މަންމާ." އީހާން ހޭލި ގޮތަށް ހުރުމުން ނީރާއަށް ކަމުނުދިޔައީ ކަމަށް ހީކޮށް ބުނެލިއެވެ.
"ޑޯންޓް ފުޝް އިޓް... އައި ނީޑް ސަމް ސްޕޭސް." މިފަހަރު ވެސް ނީރާ ވާހަކަދެއްކީ އީހާނަށް ބަލާނުލައެވެ. އެ އަޑުގައި ޝައުގުވެރިކަން ކުޑައެވެ. އެހެންނަމަވެސް ނީރާގެ މަޑުމައިތިރިކަން ގެއްލި ރުޅިއަތުވެދާނޭކަމުގެ އިންޒާރަކަށް ފުދުނެވެ. ލަމްހާއަށް ނީރާގެ ހަރަކާތްތަކާއި ދެއްކި ވާހަކަ ފާހަގަކުރެވުނެވެ. ކޮންމެވެސް ކަމެއް ނީރާއަށްވެއްޖެއޭ ލަމްހާގެ ހިތަށް އެރިއެވެ.
"އެހިސާބަށް ހިނގާފަތަ ދަނީ." ލަމްހާ އަހާލިއެވެ.
"ޓެކްސީއެއްގަ ދާން ކަމަށް." މަންމައަށް ވެސް ނީރާ އޮޅުވާލިއެވެ.
"ކީއްކުރަން ޓެކްސީއެއް. މިބުނީނު އަހަރެން ދާނަމޭ." އީހާނު ބުންޏެވެ. އެވަގުތު ލަމްހާ ގޮވާލީ އީހާނަށެވެ. ނީރާ ގޮވައިގެން ދާނެކަމެއްނެތްކަން ނިންމީ ލަމްހާއެވެ. ނީރާގެ އަތުގައި ފައިސާ ހުރިތޯ ވެސް ލަމްހާ އަހާލިއެވެ.
"ބަލީތަ..." ލަމްހާއަށް ނީރާގެ ކޮނޑުގައި ފިރުމާލެވުނެވެ. ނީރާ މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ. އޭނާ އެ އިނީ ލައިޒަލްގެ ސަބަބުން ހާސްވެފައިކަން ބުނާނީ ކިހިނެއް ހެއްޔެވެ. ގޭގައި މަސައްކަތް ކުރިޔަސް ދޭތެރެއަކުން އޭނާ އޮފީހަށް ނުކުންނަން ޖެހޭތީ ލައިޒަލްއާ ބައްދަލުކުރަން ބަހަނާއެއް ދައްކަން އުނދަގުލެއް ނުވިއެވެ.
ސައިބޮއެ ނިންމާފަ ނީރާ ގޮސް ކޮޓަރިއަށް ވަނެވެ. އައިލެންޑް ދޮށުން އީހާން ތެދުވީ ނީރާގެ ކައިރިއަށް ދާންކަން ލަމްހާއަށް އެނގުނެވެ. ވަގުތުން ފިރިހެން ދަރިފުޅަށް ގޮވާލުމާއެކު އިށީނުމަށް އޭނާ ބުންޏެވެ.
"ނީރާއަށް ވަގުތު ދީ. އަބަދު ދަރިފުޅު ތިހުންނަނީ އެކުއްޖާގެ ފޫބުޑުގަ ޖައްސާފަ. މަންމައަށް ޔަގީން ކަމެއްވެއްޖެ. ކަމަކާ ނުތަނަވަސްވެފައި ހުރިހެން ހީވޭ. ރޮއެފަ ނޫނީ ރޭގަ ރަނގަޅަށް ނުނިދާ އެހުރީ... މިއަދު ކުއްލިއަކަށް އޮފީހަށް އަންނަން ބުނީމަ ކަންނޭނގެ. އެތަނުގަ ކަމެއް ހިނގީތަ؟ އީހާން ކައިރީ ބުނިތަ އެއްވެސް އެއްޗެއް." ލަމްހާ ވާހަކަދެއްކީ ސިއްރުންނެވެ.
"ނުބުނޭ... އެހެންވެއޭ ގޮވައިގެން ދާން މިއުޅެނީ." އީހާން ވަގުތުން ބުނެލިއެވެ.
"ނޫން، މިއަދު ދެން ނީރާ ދާން ދޫކޮށްލާ." ލަމްހާ އެއްބަހެއްނުވިއެވެ.
މަންމަގެ ބަސް އީހާން ގަބޫލުކުރިއެވެ. އެކަމަކު އޭނާގެ ހައިރާންކަން އިތުރުވީ ޓެކްސީ އަންނަންދެން ނީރާއާއެކު އިމާރާތުގެ ތިރީގައި މަޑުކުރަން އީހާން އެދުމުން އެކަން ވެސް މަނާކުރީމައެވެ. ފަހަތުން ނާންނަން ނީރާ އެދުމުން އީހާނުގެ ހިތް މާނަކުރީ ތަފާތުކޮށެވެ. ގަދަ ހަދާލާފައި ގޮސް ނީރާއާއެކު އިމާރާތުގެ ލިފްޓަށް އެރިއެވެ. އީހާންދެކެ ނީރާ ހިތްހަމަނުޖެހުނެވެ. އޭނާ ކަމަކަށް އެދުމުން އީހާން އެގޮތަށް އަމަލުނުކުރާތީއެވެ. ލިފްޓުތެރޭ އަޑުބާރުކޮށް އީހާނަށް ނީރާ އަމުރުކުރިއެވެ. ފަހަތުން ނައުމަށެވެ. ތިރިއަށް އައިސް ހުއްޓުނު ލިފްޓުގެ ދޮރު ހުޅުވުމުން ހަލުވިކަމާއެކު ނީރާ ނުކުތެވެ. ޝަހަދާތް އިނގިލި ދައްކާލުމާއެކު އީހާން ކައިރީ ލިފްޓުން އެނބުރި ދިއުމަށް ނީރާ ބުނެލިއެވެ. އެސްފިޔަޖަހާލުމެއް ނެތި ނީރާއަށް ބަލަން އީހާނު ހުއްޓެވެ. ލިފްޓުގެ ދޮރުލެއްޕުނެވެ. ނީރާ ހިނގައިގަތީ އެހެންވެއެވެ. އިމާރާތުން ނުކުންނަން އައި ނީރާއަށް ލިފްޓުން ނުކުމެގެން އޭނާއަށް ސިއްރުން ފާރަލަމުން އީހާނު އައިކަމެއް ނުދެނަހުއްޓެވެ. އެއަށްވުރެ ބޮޑަށް ނީރާގެ ސަމާލުކަން ދެވިފައިވީ މަގުމަތީ މަޑުކޮށްގެން އޮތް ކަޅުކުލައިގެ ކާރަށެވެ. އިމާރާތަށް ވަންނަ ދޮރުކައިރީ ހުންނަ ސެކިއުރީ ޕޯސްޓާ ނިވާވެލައިގެން ހުރި އީހާނަށް ހުރިހާ މަންޒަރެއް ފެނުނެވެ. ނީރާ ގޮސް ކާރާ ހަމަވީ ވަގުތު ކާރުގައި އިން މީހާ ފޭބިއެވެ. ކާރުގެ ކުރީކޮޅުންލާފައި ހުރަސްކުރަމުން އައިސް ނީރާގެ ގާތުގައި މަޑުކޮށްލީ ލައިޒަލްއެވެ. އޭނާ ފަރުވާތެރިކަމާއެކު ނީރާގެ މޫނަށް ބަލަންފެށުމުން ނީރާ އިސްއޮބާލީއެވެ. އެހިނދު ނީރާގެ ކޮނޑުން ފެށިގެން ތިރިއަށް ލައިޒަލްގެ އަތްތިލި ހިންގާލުމާއެކު ނީރާގެ އަތްތިލައިގަ ހިފާލިއެވެ. ކާރުގެ ކުރީ ދޮރުފަތް ލައިޒަލް ހުޅުވާލީ ދެނެވެ. އެ ކާރުގައި އެ ދެ ޒުވާނުން އެކީގަ ނައްޓާލި މަންޒަރު ބަލަން ހުރި އީހާންއަށް ދަތްކުނޑިވިކާލެވުނެވެ. ނިތްކުރިއާއި ނޭފަތާއި ގުޅިފައިވީ ހިސާބުގައި ދެއިނގިލިކުރީން އީހާން ހިފަހައްޓާލިއެވެ. ބޯމައްޗަށް ހިލަގަނޑެއް ވެއްޓުނު ކަހަލައެވެ. ގަދަ ރިހުމެއް އޭނާގެ ނިތުގައި އުފެދިއްޖެއެވެ. ހަމައެހާމެ ގަދަ ރުޅިއަކުން އެ ސިކުނޑިއާއި ހިތް ބަނދެވި ހިސާރުވެއްޖެއެވެ. ބާރުވެފައި ދަތްތަކުގެ ދޭތެރެއިން ލައިޒަލްގެ ނަން އީހާން ކިޔާލިއެވެ.
ކަތި ނަޒަރަކުން ނީރާ ބަލާލިއެވެ. އިސްތަށިގަނޑުގައިވާ ތެތްކަމާއި ކައިރިވެލި ހިނދު ދުވި ސެންޓުގެ ވަހުން ލައިޒަލްގެ ތާޒާކަން ތަސައްވުރު ކުރެވުނެވެ. އެއްވެސް ވާހަކައެއް ލައިޒަލް ނުދެއްކިއެވެ. ދަނީ ކޮންތާކަށްކަމެއް ނޭނގިފައި ނީރާ އިނެވެ. މަންޒިލާ ކައިރިވެފައި ވަނިކޮށް ނީރާގެ ސުވާލަށް ޖަވާބު ލިބުނެވެ. ވަށައިގެންވީ ދަންނަ މާހައުލަކަށްވީމައެވެ. ކާރު ޕާކުކޮށްފައި ފުރަތަމަ ފޭބީ ލައިޒަލްއެވެ. އޭނާ އަންނަންވާއިރަށް ނީރާ ކާރުން ފޭބިއެވެ. ދޮރުފަތް ލައްޕާލި ގޮތަށް ނީރާގެ އަތުގައި ލައިޒަލް ހިފިއެވެ. އެމީހުން އައިސް ވަނީ ލައިޒަލްގެ ބޭންޑް ޕްރެކްޓިސްކުރާ އިމާރާތަށެވެ. އެތަނުގައި ލައިޒަލް ހިފާފައި ހުރި އެޕާޓްމެންޓަށް އައިސް ވަނެވެ.
"ލައިޒަލް..." ދޮރު ލައްޕާލި ގޮތަށް ލައިޒަލް ބަލަން ހުރުމުން އެ ހިމޭންކަން ފޫދުއްވާލުމުގެ ގަސްދުގައި ނީރާއަށް ގޮވާލެވުނެވެ. އަދިވެސް ލައިޒަލް ހިތްހަމަނުޖެހިފައި ހުރިއްޔޭ އޭނާއަށް ހީވެއެވެ. ނަމަވެސް ދުލުން ލައިޒަލްގެ ނަން ކިޔާލި ހިނދު ނީރާގެ ތުންފަތުގައި ކުއްލިއަކަށް ޖައްސާލީ ލައިޒަލްގެ ޝަހާދަތް އިނގިއްޔެވެ. ބޮޑު އެއް ފިޔަވަޅު ނީރާއާ ގާތަށް އަޅާލުމާއެކު ދެމެދުގައިވި ދުރުކަން ލައިޒަލް ނެތިކޮށްލިއެވެ. ނީރާގެ ދެއަތުގައި ހިފާލުމާއެކު ކުރިއަށް ލައިޒަލް ޖެހުނެވެ. ފަހަތަށް ދިޔަ ނީރާގެ ބުރަކަށި ޖެހުނީ ލައްޕާފައި ހުރި ދޮރުގައެވެ. އޭނާގެ ދެއަތް މައްޗަށް އުފުލާލައި ލައިޒަލް ދަމާލި ގޮތުން ހުރީ ވާންވެފައެވެ. އޭނާގެ އެންމެ އަތެއްގެ ހައްޔަރުގައި ގައިދުވެފައި ނީރާގެ ދެއަތްތިލަ ވީއިރު ލައިޒަލްގެ އެދުން އޭނާ އުނދަގުލަކާނުލައި ފުރިހަމަކުރިއެވެ. ނީރާގެ ދެ ލޯ އަމިއްލަ އިހްތިޔާރުން ބޭރުގައި މެރުނެވެ. ނޭވާ ފުންވެ އޭގެ ރާގު ބަދަލުވެލިއެވެ.
"އައި އޭމް ސޮރީ..." ކުރުވެފައިވާ ނޭވާގެ ތެރެއިން ލިބުނު މިނިވަންކަމުގައި ނީރާ ބުންޏެވެ.
"އައި މިސްޑް ޔޫ." ސިއްރެއް ބުނެލީ ފަދައިން ނީރާގެ ކޯތާފަތުގައި ލައިޒަލްގެ ތުންފަތް ހަރަކާތްވެލިއެވެ.
ނީރާގެ އަތުގައި ހިފައިގެން ކެތްތެރިކަން ކުޑަވެފައި ހުރި ލައިޒަލް އައިސް ވަނީ ނިދާ ކޮޓަރިއަށެވެ. ކިހިނެއްކަންވާން މިއުޅެނީ ނަގައިގަންނަން ނީރާއަށް އުނދަގުލެއްނުވިއެވެ. އެނދުމައްޗަށް ނީރާ ވައްޓާލިއިރު ކުރިން ނުފެންނަ ހަރުކަށިކަމެއް ލައިޒަލްގެ ހަރަކާތްތަކުގައި ވިއެވެ. ތަންމަތީގެ ތަރުތީބު ގެއްލުނެވެ. ބައެއް ބާލިސްތައް އެނދު ދޫކޮށް ތަޅުންމަތީން ޖާގަ ހަދަމުންދިޔައެވެ. ފިނިކަމުގެ ތެރޭގައި އުދާސްކަމެއް އުފެދި ފަޒާ ބަދަލުވިއެވެ. ކެތްތެރިކަމެއްނެތް އަޑުތަކުން ކޮޓަރީގެ ހިމޭންކަން މުގުރާލެވިފައި ވިއެވެ. ލައިޒަލްގެ ހަރުކަށިކަމާއި ގަދަބާރުގެ ތެރޭން ތަފާތު ލައްޒަތެއް ނީރާއަށް ހާސިލުވަމުންދިޔަ ފަދައެވެ. ސިކުނޑިއާއި ހިތް ހަގީގީ ދުނިޔޭގެ ތެރެއަށް އައީ ދެ ޖިސްމުގެ ހޫނުކަން ފިނިވުމުންނެވެ.
"އިގްނޯ..." ރިންގުވާން ފެށި ފޯނުގެ އަޑަށް ނީރާ ބަލާލުމުން ލައިޒަލް ބުނެލިއެވެ.
"މަންމައަށް ވެދާނެ. އެންމެ ފުރަތަމަ މިތަނަށް ލައިޒަލްއާއެކު އައި ރެއަކީ... އަހަރެންގެ ހަޔާތުން މަންމައަށް ކަމެއް އޮޅުވާލި ފުރަތަމަ ފަހަރު. މިއަދު ވެސް މަންމަ ހީކޮށްގެން ހުންނާނީ އަހަރެން ދިޔައީ އޮފީހުން އަންނާށޭ ބުނެގެންކަމަށް." ލައިޒަލްގެ އަތައި ބޯއަޅާލައިގެން އޮވެ ނީރާ ބުންޏެވެ.
"ހުރިހާ ތަނަކަށް ގުޅާފަ މިއަދު އޯފް ނަގާ. ޔޫ އާ ނޮޓް ގޮއިން އެނީވެއާ ޓުޑޭ." ލައިޒަލް ބުނެލިއެވެ.
ނީރާ ކަންތައް ކުރީ އެފަދައިންނެވެ. ލައިޒަލްއާ ދެބަސްވާކަށް އޭނާ ބޭނުމެއްނޫނެވެ. ދެމީހުން ބައްދަލުވީ އެކަކުއަނެކަކަށް ނުފެންނަތާ ދުވަސްތަކެއް ފަހުންވިއްޔާއެވެ. މިވަގުތުކޮޅުގެ އުފާ ގެއްލިގެން ދާން ނީރާ ނޭދެއެވެ. ފޯނު ރިންގުވާވަރުން ނީރާ އެނދުން ތެދުވިއެވެ. އަތްދަބަހުގެ ތެރެއިން ފޯނު ނެގިއިރު ގުޅަނީ އީހާނެވެ. ވަގުތުން އެނދުގައި ކުރުއަތްމައްޗަށް އޮތް ލައިޒަލްއަށް ނީރާ ބަލާލިއެވެ. ކިހިނެއްވީތޯ އަހާލާ ފަދައިން ލައިޒަލް ނިތްއަރުވާލިއެވެ.
"އީހާން އެ ގުޅަނީ... އައި ހޭވް ޓު ޓޭކް ދިސް." އީހާންއޭ ނީރާ ބުނަންވީއިރަށް ލައިޒަލް މޫނުހަދާލައިފިއެވެ. އެހެންވިޔަސް ނީރާ ފޯނުކޯލު ނެގިއެވެ.
"ކޮންއިރަކުން ނިމެނީ." އީހާނު އަހާލިއެވެ.
"ފަހުން ގުޅާނަން. ސްޓޮޕް ކޯލިން މީ." ނީރާ މަޑުމަޑުން ސިއްރުން ވާހަކަދައްކާ ފަދައިން ބުނެލިއެވެ. އީހާނު އިތުރު ވާހަކައެއް ދައްކަން ފުރުސަތު ނުދީ ފޯނުކޯލު ނީރާ ކަނޑާލިއެވެ. ދެން އައިސް އަވަހަށް ލައިޒަލްގެ ގާތަށް އެނދަށް އެރިއެވެ.
"އައި ޑޯންޓް ލައިކް ހިމް." ލައިޒަލް ފާޅުގައި ބުނެލިއެވެ.
"އައި އޭމް ސޮރީ." މައާފަށް އެދުން ނޫން ގޮތެއް ނީރާއަށް ނެތް ކަހަލައެވެ. އެކަމާ އިތުރަށް ލައިޒަލް ގަޔާނުވިއެވެ.
"އޭނާ ގަސްދުގަ ކުރާކަމެއްހެން ހީވަނީ. ތީ އަހަރެންގެ މިލްކެއް. އެކަން އޭނާއަށް ވިސްނައިދޭންވީތަ؟" ނީރާގެ ވައަތު ހިކަނދި މަސްގަނޑުގައި ހިފާ ލައިޒަލްއާ ގާތަށް ނީރާ ދަމާލީ ތަންކޮޅެއް ބާރަށެވެ.
"ޝީންއާ ބްރޭކްއަޕްވި ފަހުން އީހާނަށް ވެފައި ހުރި ގޮތެއް ނޭނގެ. އެކަމަކު އަދިއެއްނޫން. އިހަށް މަޑުކުރޭ. އީހާންގެ ބާތްޑޭ އަންނަނީ. އޭނާގެ ބާތްޑޭގެ ފަހުން އަހަރެން މަންމަ ކައިރީ ބުނާނަން. އީހާނު ކައިރީ ވެސް... ޔާނުއާ ރިދާ ވެސް ޝައްކުކުރޭ. އެންމެންނަށް ސިއްރުން އުޅޭކަށް އަހަރެން ވެސް ބޭނުމެއްނޫން." ނީރާ ބުންޏެވެ.
"އޭނަ ބާތްޑޭ... އެއީ ކިހާ ދުވަހެއް." ލައިޒަލް އަހާލިއެވެ.
"އޯގަސްޓް ފަނަރަ. ދެ ހަފްތާއަށްވުރެ ވެސް މަދު ދުވަސްކޮޅެއް. ޕްލީޒް." ކެތްކޮށްލާށޭ ބުނެ އާދޭސް ކުރާ ފަދައިން ލައިޒަލްގެ މޫނުގައި ނީރާ ފިރުމާލިއެވެ. އޭނާ މަޑުމަޑުން ބޯޖަހާލީއެވެ. އަދި ނީރާގެ އުފަންދުވަސް އަންނަނީ ކޮންއިރަކުންތޯ އެއްސެވެ.
"އޮކްޓޯބަރގަ... ޓެވެންޓީ..." ނީރާ ބުނެލުމާއެކު ނިކަން ފުޅާ ހިނިތުންވުމެއް ލައިޒަލްގެ ތުންފަތަށް ވެރިވިއެވެ.
"އަހަރެންގެ ވެސް." ލޯބިން ދެއަތުގެ ތެރެއަށް ނީރާ ގެނެސް ލަމުން ލައިޒަލް ބުންޏެވެ. އޭނާގެ އުފަން ދުވަހަކީ އޮކްޓޯބަރު މަހު އެކެކެވެ. އިއްތިފާގަކުން ދެ މީހުންގެ އުފަން ދުވަސް ދިމާވީ އެއް މަހަކާވީމަ ލައިޒަލްއަށް ނިކަން ކަމުދިޔައެވެ. މިހާރުއްސުރެ އޭނާގެ ހިތުގައި ނީރާގެ އުފަންދުވަހަށް ރޭވުންތައް ރާވަން ފެށިއެވެ.
"އެންމެންނަށް އެނގުނީމަ އަހަރެންގެ ކާފައާ ނީރާ މީޓުކޮށްދޭން ބޭނުން." ލައިޒަލް ބުނެލިއެވެ. ފުޅާ ހިނިތުންވުމެއް ނީރާގެ މޫނުން ފާޅުވެލިއެވެ. ލައިޒަލްގެ އާއިލާއާ ބެހޭ ގޮތުން އޭނާ އެއްޗެކޭ ބުނި މީ ފުރަތަމަ ފަހަރެވެ. އާއިލާއާ ބައްދަލުކޮށްދޭހާ ނީރާއާ އޮތް ގުޅުން ސީރިއަސްކަމުގައި ލައިޒަލް ދުށީތީ އެކަމާ ނީރާ އިންތިހާއަށް އުފާވިއެވެ. ކައިވެނީގެ ހިޔާލެއް މީގެ ކުރީން ކޮށްފައިނުވާ ނީރާގެ ހިޔާލުތަކުގައި ކައިވެނީގެ ނަން ފަވާލެވުނެވެ. ވީހާވެސް އަވަހަކަށް ލައިޒަލްއާ ކައިވެނިކުރެވޭނެނަމައޭ އޭނާގެ ހިތް އެދެންފެށިއެވެ. އޭރުން މިހާރު އޭނާ އެ އުޅޭހެން ސިއްރުން ބައްދަލުކުރާކަށް ނުޖެހޭނެއެވެ. ހުރިހާ ވަގުތެއްގައި ހުރެވޭނީ ލައިޒަލްގެ ގާތުގައެވެ. އޭނާގެ މީހެއްގެ ގޮތުގައެވެ.
* * * * *
މެންދުރު ފަސްވުމުން ވެސް ނީރާ ނުގުޅުމުން އީހާން ގުޅިއެވެ. ފޯނެއް ނުނެގިއެވެ. އޭނާ ހުއްޓުމެއްނެތި ގުޅާތާ އެތައް ވަގުތެއް ފާއިތުވީ ފަހުން ނީރާ ފޯނުކޯލު ނެގިއެވެ. ކިހިނެއްވީތޯ ސުވާލުކުރިއިރު އެ އަޑުގައިވަނީ ރުންކުރުކަމެވެ. އެވަގުތު ފިރިހެނެއްގެ އަޑު އިވުނުހެން އީހާނަށް ހީވިއެވެ. ކޮންތާކުތޯ އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. ނުހަނު އަވަހަށް އެގަޑީގަ އުޅޭނީ އެސޯސިއޭޝަނުގައޭ ނީރާ ބުންޏެވެ. އެހެންވިޔަސް އީހާންގެ ހިތް މޭގައި ތެޅިފޮޅެމުންދިޔައެވެ. އޭނާ ހުރީ ހަވީރު ނުވެގެންނެވެ. ނީރާ މަސައްކަތް ކުރާ އެސޯސިއޭޝަން ކައިރިއަށް އީހާން އައެވެ. ނީރާ ނިމިގެން ނުކުންނަންވާއިރަށެވެ. ކާރުގައި އިނުން އުނދަގޫވެ އީހާން ކާރުން ފައިބައިގެން އައިސް ގޭޓު ކައިރީ މަޑުކުރިއެވެ. އެތަނުން މީހުންތައް ނުކުންނާނީ ކޮންއިރަކު ކަން އީހާނަށް އެނގޭތީއެވެ. (ނުނިމޭ)