ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގެސްޓް ހައުސް ވިޔަފާރި

ކަރަންޓީން މީހުން ބޭތިއްބުން ހަމައިން ނެއްޓި ބޮޑެތި އޮޅުވާލުންތަކެއް

މެދުއިރުމައްޗަށް މަސައްކަތު ދިއުމުގެ ކުރިން ރާއްޖޭގައި ކަރަންޓީން ވާން އަންނަ "ޓޫރިސްޓުން" ގެނައުމާއި ބޭތިއްބުން ހަމައިން ނެއްޓި، ބޮޑެތި އޮޅުވާލުން ތަކެއް ފެންމަތިވާން ފަށައިފި އެވެ.

ކޮވިޑް-19ގެ ދެވަނަ ރާޅަށްފަހު އިގްތިސޯދު ހުޅުވުމާއެކު އަވަށްޓެރި- އިންޑިއާ- ޕާކިސްތާނު އަދި އެހެން ގައުމުތަކުން ދަނީ ރާއްޖެ އަށް ކަރަންޓީން ވާން ގިނަ އަދަދެއްގެ މީހުން އަންނަމުންނެވެ. އަދި މި މީީހުންގެ ސަބަބުން އިގްތިސާދަށް ބޮޑެތި ފައިދާ ތަކެއް ވެސް ލިބެމުންދެ އެވެ. ކޮންމެ މީހެއްގެ ބޮލަށް އެވްރެޖުކޮށް 1،000 ޑޮލަރާއި 1،500 ޑޮލަރު ވަރު ދައްކަ އެވެ.

ނަމަވެސް، މި މީހުން ގެނެސް ބޭއްތިބެނީ އެޗްޕީއޭ އިން ހަދާފައިވާ ހާއްސަ ގައިޑްލައިނުގައި ބުނާ ކަންކަން ފުރިހަމަކޮށްފައިވާ ގެސްޓްހައުސްތަކެއްގަ އެވެ. އަދި އެ ފަރާތްތަކުން ހާއްސަ ގައިޑްލައިންތަކެއް ފޮލޯ ކުރަން މަޖުބޫރެވެ.

ގޭގޭގެ ކޮޓަރިތަކުގައި އެ މީހުން!

އަވަސް އަށް އެނގިފައިވާ ގޮތުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދައިގެ އިތުރުން މިހާލަތުގައި ހިދުމަތް ދޭން ހާއްސަ ހުއްދައެއް ނަގަން މަޖުބޫރުވި ނަމަވެސް މިހާރު އެކަން ނުކޮށް ގިނަ ބަޔަކު ދަނީ ކަރަންޓީން ވާން އަންނަ މީހުން ބައިތިއްބަމުންނެވެ. މިގޮތުން ގޭގޭގެ ކުލީ ކޮޓަރިތަކުގައި ވެސް ކަރަންޓީން ވާން އަންނަ އިންޑިއާ މީހުން ބައިތިއްބާފައި ތިބިކަން އަވަސް އަށް ވަނީ އެނގިފަ އެވެ.

މިފަދަ އެތަށް ބަޔަކު މާލެ ތެރޭގައި ދަނީ އުޅެމުންނެވެ. މީގެ އިތުރުން ކަރަންޓީން ވާން ކުޑަކުދިން ހިމެނޭ ގޮތަށް މުޅި އާއިލާ އެކުގައި 14 ދުވަހަށް ރާއްޖެ އަންނައިރު އެ މީހުން ފައިސާ ދެއްކި ކޮޓަރި ނުލިބުން ފަދަ މައްސަލަތައް ވެސް ދަނީ ފެންމަތިވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ ކޮންމެ ދުވަހަކު މިފަދަ ދެތިން މައްސަލަ ފެންމަތިވާ ކަމަށެވެ.

ފޭކް ބުކިންގައި ރާއްޖެ އަންނަ މައްސަލަތައް އުޅޭ. ގަވައިދާ ހިލާފަށް ތިބޭ މީހުން އެފަދަ ތަންތަނުން ފޮނުވާލަން ޖެހޭ. ޓޫރިސްޓު އެސްޓާބްލިސްމަންޓެއް ނަމަ މިދަނީ ފުލުހުން މެދުވެރިކޮށް ފިޔަވަޅު އަޅަމުން. އެފަދަ ބުކިންތަކުގައި އަންނަ މީހުންނަށް ޖެހޭނީ ގަވައިދާ އެއްގޮތަށް ހުންނަ ތަނަކަށް ބަދަލުވުން ނޫނީ ޑީޕޯޓްކޮށްލަން. ނަމަވެސް ޑީޕޯޓްކޮށްލާ ހިސާބަކަށް އަދި މައްސަލައެއް ނުދޭ. އޭގެކުރިން އެފަދަ މީހުން ތަންތަނަށް ބަދަލުވޭ.
އަލީ ރައްޒާން | ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަ އެގްޒެކެޓިވް ޑިރެކްޓަރު

އޭނާ ވިދާޅުވީ މި ފަދަ މައްސަލައެއް ދާދިފަހުން ރިސޯޓަކަށް އައި ބަޔަކަށް ވެސް ކުރިމަތިވެފައިވާ ކަމަށެވެ.

"އދ. އަތޮޅުގެ ރިސޯޓަކަށް އައި 12 މީހުންގެ އާއިލާއެއް. އެ މީހުން އެބަ ދައްކާ ބުކިން. އެކަމަކު ރިސޯޓަކު ނެތް އެ މީހުންގެ ބުކިންއެއް. އެއީ ކޮންމެވެސް ވަރަކަށް ތަނަވަސް އާއިލާއެއް. އެހެންވެ އެ މީހުން ތިންރޭ ވަރު އަމިއްލައަށް އަތުން ފައިސާ ދީގެން ތިބީ. އޭގެފަހުން އެޖެންޓުން ފައިސާ ފޮނުވީ،" ރައްޒާން ވިދާޅުވި އެވެ.

މި ފަދަ ބޮޑު މައްސަލައެއް މިދިޔަ ހަފުތާގެ ބުދަ ދުވަހު ދުވަހުގެ ރޭ ވެސް ވަނީ ފެންމަތިވެފަ އެވެ. ހުޅުމާލެ ގެސްޓްހައުސް އަކަށް ދިޔަ އިންޑިއާގެ 80 ވަރަކަށް މީހުންނަށް ކޮޓަރި ނުލިބިގެން ވަނީ މައްސަލަ ގޯސްވެފަ އެވެ. އެނގިފައިވާ ގޮތުގައި މި މީހުން ކޮންމެ މީހެއްގެ ބޮލަށް ހާހަކަށްވުރެ ގިނަ ޑޮލަރު ދައްކާފައިވެ އެވެ. ފަހުން އެ މީހުން މަސް ދޯންޏެއްގައި ކައިރި ރަށަކަށް ވަނީ ފޮނުވާލާފަ އެވެ.

އޮޅުވާލުމުގެ މައްސަލަތަކުގެ ޝަކުވާތައް ޓޫރިޒަމް މިނިސްޓްރީ އަށް ވެސް ލިބެމުންދާ ކަމަށް އެ މިނިސްޓްރީން ވަނީ އަވަސް އަށް ޔަގީންކޮށްދީފަ އެވެ. އަދި ރަށްރަށުގައި ދިމާވާ މިފަދަ ބައެއް މައްސަލަތަކުގައި ކައުންސިލްތައް މެދުވެރިވެގެން ދަނީ ފިޔަވަޅު ވެސް އަޅަމުންނެވެ. އެގޮތުން ބައެއް ގެސްޓްހައުސް ތަކަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން ވަނީ ހިފަހައްޓާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އިބްރާހިމް ފަރުހާދު ވިދާޅުވީ އޮޅުވާލުމުގެ ޝަކުވާތައް ލިބެމުންދާ ކަމަށާ، އެފަދަ ބައެއް ކަންކަން ބަލަމުންދާ ކަމަށެވެ.

"ގެސްޓުން އަންނައިރު އެބަތިބޭ އެއާޕޯޓަށް ގޮސް ގެސްޓުން ބަލާ އެހެން މީހުން. އަސްލު ގެސްޓްހައުސްގެ މީހުން އަންނަވާއިރަށް އެ މީހުން ގޮސް އެހެން ތަންތަނަށް އެބަހުރި ގެންގޮސްފަ. އެފަދަ ކަންކަން ވެސް އެބަ ހިނގާ،" ފަރުހާދު ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެން ވާނީ އަންގާފައި ގެސްޓުން ބަލައިދާއިރު ކޮން ގެސްޓްހައުސްއެއް ކަން އެނގޭ ގޮތަށް ޓީޝާޓެއް ނަމަވެސް ލައިގެންދާން."

"ފޭކް ބުކިން"ގެ މައްސަލަތަކެއް!

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބުނި ގޮތުގައި "ފޭކް ބުކިން" ހައްދައިގެން އަންނަ މީހުންގެ ޝަކުވާ ގެސްޓްހައުސްތަކަށް ބޮޑަށް ލިބެމުންދެ އެވެ. އަދި މައްސަލަ ގޯސްވެ އެއާޕޯޓުގައި މާރާމާރީ ހިންގުމާއި ގެސްޓްހައުސް އަަށް ދާއިރު ބުކިން ނެތުން ފަދަ މައްސަލަތައް ވެސް ފާހަގަވަމުންދާ ކަމަށެވެ.

ގޭމްގެ ރައީސް އަބްދުﷲ ނާޝިދު ވިދާޅުވި ގޮތުގައި މިހާލަތުގައި ޓޫރިސްޓުން ބައިތިއްބަން ހުއްދަ ނެތް ތަންތަނުގައި ވެސް މީހުން ބައިތިއްބަމުން ގެންދާ ކަމަށާ، މިފަދަ ކަންކަން ނުކުރަން އިލްތިމާސް ކުރާ ކަމަށެވެ.

"ކަރަންޓީން މީހުން ގެނައުން މައްސަލައެއް ނެތް. އެކަމަކު މިމަހު 15 ގައި އެޗްޕީއޭ އިން އޮންނާނެ ގައިޑްލައިނެއް ނެރެފަ. އެ ގައިޑްލައިންގައި ހުރި ކަންކަން ފުރިހަމަ ކޮށްފައި ހުންނަ ތަންތަނަށް ނޫނީ މީހުން ގެނެވިގެން ނުވާނެ. ޓޫރިސްޓުން ބޭތިއްބުމުގެ ލައިސަންސް ނެތް ތަންތަނުގައި ވެސް މީހުން ބައިތިބައިފައި އެބަހުރި،" އަބްދުﷲ ވިދާޅުވި އެވެ.