ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ރަހުމަތްތެރިކަން ގުޑުވައި ނުލެވޭނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ މަޝްހޫރު ވިޔަފާރި ނޫހެއް ކަމަށްވާ "ފައިނެންޝިއަލް އެކްސްޕްރެސް" ގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާ ހަވާލާދީ ބުނެފައިވަނީ، އިގްތިސޯދީ އުދަރެހުގައި ބަބުޅަމުންދާ ޗައިނާގެ ހިއްސާއެއް ނެތް ގައުމެއް މިއަދު ދުނިޔޭގައި މަދު ކަމަށާއި، ޗައިނާއިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓް ތަކަކީވެސް އެފަދަ އިންވެސްޓްމަންޓް ތަކެއް ކަމަށެވެ.
އެހެން ނަމަވެސް އެއީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން ކުޑަވެދާނެ ކަމަށް ދެކިގެން އިންޑިއާ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި، ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖެ އައުމަކުން ދެ ގައުމުގެ ގުޅުމަށް ކުޑަވެސް ހީނަރުކަމެއް ނާންނާނެ ކަމަށް މިނިސްޓަރު ދުންޔާ މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އެގައުމުގެ ފޮރިން މިނިސްޓަރު ޝުޝްމާ ސުވަރާޖް އާ ބައްދަލުކުރައްވައި ވިދާޅުވި ކަމަށް އެ ނޫހުގައިވެ އެވެ.
ދުންޔާ ވިދާޅުވެފައި ވަނީ ރާއްޖެއާ އިންޑިއާ ދެމެދުގައި އޮތް ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށެވެ. ދިމާވާ އެކި ކަންކަމުގައި ރާއްޖެއިން އިންޑިއާއާ މަޝްވަރާކުރާ ކަމަކީ އޭގެ ހެއްކެއް ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
"އިގްތިސާދީ އަދި އެހެނިހެންވެސް ކަންކަމުގައި ރާއްޖެއިން ދަނީ އިންޑިއާގެ ލަފަޔަށް އެދެމުން. މިއަދުގެ ދުނިޔޭގައި އިގްތިސޯދީ ދާއިރާއިން ޗައިނާގެ އަތް ނުފޯރާ އެއްވެސް ގައުމެއް ނެތް. އެހެން ނަމަވެސް ޗައިނާއިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތަކުން ރާއްޖެ-އިންޑިއާ ގުޅުމަށް ނުބައި އަސަރު ކުރާވަރަށް ވުރެ ދެގައުމުގެ ގުޅުން ވަރުގަދަ،" ދުންޔާ ވިދާޅުވި އެވެ.
އިންޑިއާއާ ރާއްޖެއާ ދެމެދު އެއްވެސް އިރެއްގައި ނުރުހުންތެރިކަމެއް އޮތްނަމަ އެކަން މިހާފު ފިލައި ގޮސްފައިވާ ކަމަށާއި، ދެގައުމުގެ ދެމެދުގައި މިހާރު ބަދަހިވަމުންދަނީ ނުގުޑާނެ ވަރުގަދަ ގުޅުމެއް ކަމުގެ ފިރިހަމަ ޔަގީންކަން މިނިސްޓަރު ދުންޔާ ދެއްވި ކަމަށް ވެސް ނޫހުގައި ބުންޏެވެ.
ރަސްމީ ދަތުރުފުޅެއްގައި ދުންޔާ މައުމޫން ދެ ދުވަހަށް އިންޑިއާ އަށް ފުރާ ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހު އެވެ. އެކަމަނާ އިންޑިއާއަށް ވަޑައިގެންނެވީ ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާކުރުމުގެ ގޮތުންނެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޝުޝްމާ ސުވަރާޖް އާ ބައްދަލުކުރައްވާނެ ކަމަށް މިނިސްޓަރު ވަނީ ފުރާވަޑައިގެންނެވުމުގެ ކުރިން ވިދާޅުވެފަ އެވެ.