ކޮވިޑް - 19 އިން ދިފާއުވާން ޖަހަމުންދާ ވެކްސިން ފުރިހަމަ ނުކުރި ފަސް ޓީޗަރަކު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފި އެވެ.
ކޮވިޑް ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ސުކޫލްތަކުގެ މުވައްޒަފުން މިމަހުގެ 10ގެ ކުރިން ފުރަތަަމަ ޑޯޒް ފުރިހަމަކުރަން އޮތީ އަންގާފަ އެވެ. އަދި ދެވަނަ ޑޯޒް ނުޖަހާ މީހުންވެސް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ވެކްސިން ފުރިހަމަކުރަން އޮތީ އަންގައިފަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ އަވަސް އަށް ވިދާޅުވީ ވެކްސިން ފުރިހަމަކުރަން ދިން މުއްދަތު ފާއިތުވެ ދިޔައިރުވެސް ތިން ސްކޫލަކުން ފަސް ޓީޗަރަކު އެއްވެސް ޑޯޒެއްް ފުރިހަމަކޮށްފައި ނުވާ ކަމަށާއި އެހެންވެ އެ ޓީޗަރުން މަގާމުގެ މަސްއޫލިއްޔަތުން އެކެހެރިކޮށްފައިވާ ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ރޭ ބުނީ ވެކްސިން ފުރިހަމަ ނުކުރާ ޓީޗަރުންނާ މެދު އަޅާނެ ސީދާ ފިޔަވަޅެއް އަދި ނުނިންމާ ކަމަށެެވެ. އަދި އެފަދަ ނިންމުމެއް ނިންމާނީ ސިވިލް ސާވިސްއާ ވެސް މަޝްވަރާކޮށްފައި ކަމަށާއި ޓީޗަރުންގެ ދަތިކަން އުޅޭއިރު ޓީޗަރުން ވަކިކުރަން އަދި ބޭނުން ނުވާ ކަމަށެވެ. ނަަމަވެސް ސްކޫލަށް ދަރިވަރުންދާއިރު އެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންވާ ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އެންމެ ފަހުން އާންމުކުރި އުސޫލުގެ ދަށުން އަންނަ މަހު އެކެއްގެ ފަހުން ވެކްސިން ނުޖަހާ މީހުން ސްކޫލަށް ވަނުން މަނާ ވާނެ އެވެ. އަދި ވެކްސިން ފުރިހަމަކުރާ ބެލެނިވެރިންނަށް ގްރީން ކާޑެއް ދޭން ވެސް އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ސްކޫލުތަކުގައި އުމުރުން 12 އަހަރާއި 17 އަހަރުގެ ދަރިވަރުންނަށް ފައިޒާ ވެކްސިން ދިނުމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ދަނީ ތައްޔާރުވަމުންނެވެ.