ހިޔާ މަޝްރޫއު

ހުއްދަ ނުދެނީސް ހިޔާ ފްލެޓްގެ މަސައްކަތް ފެށި މައްސަލައެއް ފެންމަތިވެއްޖެ

ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތް ކުރަން ހުއްދަ ނުދެނީސް ބަޔަކު އެތަނަށް ވަދެ މަސައްކަތް ފެށި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

ފްލެޓްތައް ލިބުނު ފަރާތްތަކާއި އެކު މަސައްކަތް ކުރަމުންދާ "އާންމުންގެ އެކުވެރި ގުޅުން" ޖަމިއްޔާގެ މެމްބަރުންތަކެއް ސޯޝަލް މީޑިއާގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހިޔާގެ އެޗް 16 ވަނަ ފްލެޓްގެ ތެރޭގައި ތަށިމުށި ޖެހުމުގެ މަސައްކަތް ބަޔަކު ކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ އެ މައްސަލަ އެ ކޯޕަރޭޝަނާއި ހަމައަށް އައުމުން މިހާރު ވާނީ އެމަސައްކަތް ހުއްޓުވާފައި ކަމަށެވެ. އަދި އެކަން ހިނގާދިޔަ ގޮތް ބަލަމުންދާ ފާހަގަކޮށް އެޗްޑީސީން ބުނީ އެކަމުގައި އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް އޮތް ނަމަ އެމުވައްޒަފކާއި މެދުގައި ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

ފްލެޓްތަކުގެ ހައްގުވެރިން އެތަންތަނުގެ ފިނިޝިން މަސައްކަތް ކުރަން ހުޅުވާލުމަށް އެޗްޑީސީން ނިންމާފައިވަނީ ދާއިމީކޮށް ހުރިހާ ފްލެޓަކަށް ކަރަންޓު ދެވުމުންނެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއި ކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. ސޮއިކުރާ ދުވަހު ފްލެޓްގެ ތަޅުދަނޑި ވެސް ހަވާލުކުރެ އެވެ.