ސިވިލްސާވިސް ކޮމިޝަން

އެސްޖީން އައްޔަން ކުރެވޭނީ ސެޕްޓެމްބަރުގައި: ސީއެސްސީ

ލޯކަލް ކައުންސިލްތަކަށް ސެކްރެޓަރީ ޖެނަރަލުންގެ މަގާމަށް ބޭފުޅުން އައްޔަން ކުރެވޭނީ ސެޕްޓެމްބަރު މަހުގައި ކަމަށް ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.

އަވަސް އަށް ދެއްވި އިންޓަވިއު އެއްގައި ސީއެސްސީގެ ނައިބު ރައީސް އިބްރާހީމް ރަޝީދު ވިދާޅުވީ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ އިމްތިހާން ބާއްވާފައިވާ ކަމަށެވެ. އިމްތިހާނަށް ފުރުސަތު ދިނުމުން 272 މީހަކު އިމްތިހާން ހަދާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން މިހާރު 236 މީހުން ސޯޓްލިސްޓް ކޮށްފައިވާ ކަމަށެވެ.

ކުރިން ރަޝީދް ވިދާޅުވީ ކަނޑައަޅާފައިވާ ގޮތަށް ލޯކަލް ކައުންސިލްތަކަށް މި މަހުގެ ތެރޭ ސެކްރެޓަރީ ޖެނަރަލުންގެ މަގާމަށް ބޭފުޅުން އައްޔަން ކުރާނެ ކަމަށެވެ. ނަމަވެސް އަދިވެސް އެސްޖީން އައްޔަން ކުރަން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށް ރަޝީދް ވިދާޅުވި އެވެ. އެހެންވެ އެސްޖޭއިން ނެގެމުގެ މަސައްކަތް ނިމޭނީ ސެޕްޓެމްބަރު މަހުގެ 15 ހިސާބުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކަށް މުޅިން އަލަށް ސެކްރެޓަރީ ޖެނަރަލުން އައްޔަން ކުރަން ތައްޔާރުވާއިރު ލާމަރުކަޒީ ގާނޫނުގައި ބުނެފައި ވަނީ އެ މަގާމަށް މީހުން އައްޔަނު ކުރާނީ ކައުންސިލްގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.

ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރަނީ ފަސް އަހަރުގެ މުއްދަތަކަށް ކޮންމެ ކައުންސިލަކަށް ބޭފުޅެކެވެ.

ލޯކަލް ކައުންސިލް ތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލިއިރު 511 މީހަކު ކުރިމަތިލާފައިވެ އެވެ. އެގޮތުން ސިޓީ ކައުންސިލްތަކަށް 54 އެޕްލިކޭޝަން އަތޮޅު ކައުންސިލްތަކަށް 86 އެޕްލިކޭޝަން އަދި ރަށު ކައުންސިލްތަކަށް 317 އެޕްލިކޭޝަން ލިބިފައިވެ އެވެ.

ރަޝީދު ވިދާޅުވީ އާބާދީ ކުޑަ ރަށްރަށުން އެ މަގާމަށް ކުރިމަތި ނުލާ ކަން ފާހަގަކުރެވުނު ކަމަށެވެ. ނަމަވެސް ރަށްރަށަށް ވަގުތީ ގޮތުން މީހަކު އައްޔަނު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި މަހަކު 18،170 ރުފިޔާ، އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި މަހަކު 21،000 ރުފިޔާ އަދި ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މަހަކު 35،500 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.