ގއ. ދާންދޫގައި ފުލުހުން ކުރިއަށް ގެންދަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ގުޅުންހުރި މައުލޫމާތުތަކެއް ލީކްކޮށްލި މައްސަލައިގެ ތުހުމަތުގައި ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ ފޯން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު އަވަސް އަށް ވިދާޅުވީ ދާންދޫގައި ފުލުހުންގެ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކްކޮށްލި ކަމުގެ ތުހުމަތުގައި ދާންދޫން ހަތަރު މީހެއްގެ ފޯން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ރޭގެ ވަގުތެއްގައި އެމީހުންގެ ފޯން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނުން ފިޔަވާ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.
ބައެއްގެ ފޯން ފުލުހުންގެ އަތުގައި އޮތް ނަމަވެސް ދާންދޫ ކައުންސިލްގެ ރައީސްގެ ފޯން އޮތް ކަމަކަށް ނުބުނެ އެވެ.
ފުލުހުންގެ އޮޕަރޭޝަންގައި ބަލައި ފާސްކުރަން އުޅުނީ ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ އާއިލީ މީހެއްގެ ގެ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި އޮޕަރޭޝަންގެ މައުލޫމާތު ލީކް ކޮށްލުމާ ގުޅިގެން ފުލުހުންނަށް އެއްވެސް އެއްޗެއް ހޯދިފައެއް ނުވެ އެވެ.