އެޗްޑީސީ

އެޗްޑީސީގެ "ވެށި ސާފު" ޕްރޮގްރާމް ވަރަށް ކާމިޔާބު

Aug 12, 2021

ރައްޔިތުންގެ ބައިވެރިވުމާއެކު އެޗްޑީސީން ކުރިއަށް ގެންދާ "ވެށި ސާފު" ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް އެބަ ދެއެވެ.

އެޗްޑީސީން އާންމުން ހިމަނައިގެން ކުރިއަށް ގެންދާ ގޮތަށް ހުޅުމާލޭގައި ފެށި "ވެށި ސާފު" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވާފައި ވަނީ އޭރުގެ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

މިއީ ހުޅުމާލެ ސާފުކޮށް ބޭއްވުމަށާއި އަމިއްލަ ގޭގެ ސަރަހައްދު ކުނިކަހާ ސާފުކުރުމުގެ އާދަ ދެމެހެއްޓުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މިހާރުވެސް ކުރިއަށްދާ ކަމަށާއި މި ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށް އެޗްޑީސީން ބުނެ އެވެ.

ވެށި ސާފު ޕްރޮގްރާމުގައި ބައިވެރިވާން ދެ ބުރަކަށް ފުރުސަތު ހުޅުވައިލި އިރު 600 އަށް ވުރެ ގިނަ މީހުން ހުށަހެޅި އެވެ. ނަމަވެސް އެ ކަމަށް ނަގާފައި ވަނީ 64 މީހުންނެވެ.

ފުރަތަމަ ބުރަށް ނަގާފައިވަނީ 34 މީހެކެވެ. އެއީ ފްލެޓް ހުންނަ 34 ސަރަހައްދެއް ސާފު ކުރާށެވެ. ދެވަނަ ބުރުގައި ނަގާފައި ވަނީ 30 މީހެކެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ސާފުކޮށް ބޭއްވުމާއި ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އާދައެއް ކަމުގައިވާ ދިރިއުޅޭ ގޭގެ ވަށައިގެންވާ ސަރަހައްދު ކުނިކަހާ ބެލެހެއްޓުމުގެ ސަގާފަތް ދެމެހެއްޓުމަށް ހިތްވަރު ދިނުމަކީ މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް މަގްސަދު ކަމަށެވެ.