ތިމާވެށި

ވައިގެ ސާފު މިންވަރު ބަލާ ދެ ސްޓޭޝަން ރާއްޖެއަށް ހަދިޔާކޮށްފި

ވައިގެ ސާފު މިންވަރު ބެލުމަށް ބޭނުންކުރާ އެމްބިއަންޓް އެއާ ކޮލިޓީ މޮނިޓަރިންގެ ދެ ސްޓޭޝަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނި ގޮތުގައި ވައި ތަގައްޔަރުކުރުވާ ގިނަ މާއްދާތަކެއް މި ސްޓޭޝަންތައް މެދުވެރިކޮށް މޮނިޓާ ކުރެވޭނެ އެވެ.

ޑަބްލިޔު.އެޗް.އޯ ހަދިޔާކުރި ދެ ސްޓޭޝަންގެ ތެރެއިން އެއް ސްޓޭޝަން ގާއިމުކުރަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކްގަ އެވެ. އެ ސްޓޭޝަން ބެލެހެއްޓުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރުމުގެ އެއްބަސްވުމެއްގައި އެންވަޔަރަންމަންޓް މިނިސްޓްރީއާއެކު ވަނީ ސޮއިކޮށްފަ އެވެ.

މި ސްޓޭޝަންގެ ޒަރިއްޔާއިން ލިބޭ ޑާޓާ ބޭނުންކޮށްގެން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި ޑާޓާ އާންމުންނަށް ފެންނާނެހެން ޝާޢިއުކުރުމުގެ މަސައްކަތް އެޗްޑީސީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.

މި ސްޓޭޝަން މެދުވެރިކޮށް ވައި ތަގައްޔަރުކުރުވާ ގިނަ މާއްދާތަކެއް ކަމަށްވާ ކާބަން މޮނޮކްސައިޑް، ކާބަންޑައިއޮކްސައިޑް، އެމޯނިއާ، ހައިޑްރަޖަން ސަލްފައިޑް، އޯޒޯން، ކާބަން މޮނޮއޮކްސައިޑް، ނައިޓްރޮޖެން ޑައިއޮކްސައިޑް، ސަލްފަ ޑައިއޮކްސައިޑް، ޕާޓިކިއުލޭޓް މެޓާ (10)، ޕާޓިކިއުލޭޓް މެޓާ (2.5) އަދި ޕާޓިކިއުލޭޓް މެޓާ (1) މޮނިޓާ ކުރެވިގެންދާނެ އެވެ.

މީގެ އިތުރުން އެއާ ކޮލިޓީ ދެ މޮނިޓާ ހަވާލުކުރުމުގެ އެއްބަސްވުމެއްގައި އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެޗްޑީސީ އިން ވަނީ ސޮއިކޮށްފަ އެވެ.

މި މޮނިޓާތަކުގެ ޒަރިއްޔާއިން ޕާޓިކިއުލޭޓް މެޓާ (10)، ޕާޓިކިއުލޭޓް މެޓާ (2.5) އަދި ޕާޓިކިއުލޭޓް މެޓާ (1) އަދި ކާބަންޑައިއޮކްސައިޑް ގޭސް ވައިގައި ހުރި މިންވަރު މޮނިޓާ ކުރެވޭނެ އެވެ.

މި މޮނިޓާތައް ހަރުކުރަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގަ އެވެ. ވައި ތަގައްޔަރުވެފައިވާ މިންވަރު އަންގައިދޭ މިންގަނޑު ކަމަށްވާ "އެއާ ކޮލިޓީ އިންޑެކްސް" ނުވަތަ އޭ.ކިއު.އައިވެސް މި މޮނިޓާތަކުން އެނގޭނެ އެވެ.

އެއާ ކޮލިޓީ މޮނިޓަރިން ނެޓްވޯކެއް ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި މިހާތަނަށް މި މޮނިޓާ ހަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ސ. ހިތަދޫގަ އެވެ. މާލޭގައި މި މޮނިޓާ ހަރުކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފަ އެވެ. ވިލިމާލޭގައިވެސް އަވަހަށް މި މޮނިޓާ ހަރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެންވަޔަރަންމަންޓް ވަނީ ބުނެފަ އެވެ.