ރީކޯ މޫސާ މަނިކު

"ލަންކާ ހިލިގަނެގެން އުޅޭ މައްސަލައަށް ވާހަކަ ދައްކަންޖެހޭ"

ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ކަންބޮޑުވާންޖެހޭ ކަންތައްތަކެއް މިހާރު ހިނގާ ކަމަށާއި "ސްރީލަންކާ ހިލިގަނެގެން" އުޅޭ އުޅުމާމެދު ދެ ސަރުކާރުން ވާހަކަ ދައްކައިގެން އެކަންކަމަށް ހައްލު ހޯދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ޗެނަލް ތޭރައިގެ "ނިއުސް ޓޯކް" ޕްރޮގްރާމުގައި ރާއްޖެއާ ލަންކާއާ ދެމެދު މިފަހުން ހިނގި ބައެއް ކަންކަމަށް އަލި އަޅުވާލައްވައި މޫސަ ވިދާޅުވީ ރާއްޖެއިން ލަންކާއަށް ކަންޑަ އަޅުއްވާފައިވާ ސަފީރު އެ ގައުމުގެ ފޮރިން މިނިސްޓަރީއަށް ހާޒިރު ކުރުވައި، އަދި ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރުމާމެދު ލަންކާގެ އިސްވެރިން ހިތް ހަމަނުޖެހިގެން ރާއްޖޭގެ ޓޫރިޒަމަށް ގެއްލުން ވާނެ ގޮތަށް ގަސްދުގައި އެވާހަކަތައް ނޫސް ތަކުގައި ލިޔުއްވަމުން ގެންދިއުން އެއީ ވަރަށް ބޮޑަށް ކަންބޮޑުވެ ދެރަވާންޖެހޭ ކަމެއް ކަމަށާއި އެކަންކަން އެހެން ނުވާނެ ގޮތަކަށް ވާހަކަ ދެކެވެން ޖެހޭނެ ކަމަށެވެ.

މޫސަ ވިދާޅުވީ ދިވެހި ގިނަ އާއިލާތަކެއް ލަންކާގައި ދިރިއުޅެމުން ދާއިރު ރާއްޖޭގެ ގިނަ އެއާލައިން ތަކުގައި ތިބީ ލަންކާ މީހުން ކަމަށާއި އޮޑިޓު ފާމްތައް ހިންގަނީ ލަންކާ މުވައްޒިފުން ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި މަސައްކަތްކޮށް ގިނަ ކައްކާއިންނާއި ޓީޗަރުންގެ އިތުރުން ބޯކޮށާ މީހުނަށް ވެސް ރާއްޖޭގައި ތިބީ ލަންކާ މީހުން ކަމަށެވެ.

"މިހެން އޮތްއިރު ދެން އަޅުގަނޑުމެންނާއި އެމީހުންނާއި ޖެހުނީމަ މީ ކިހާ ބޮޑު ނުރައްކަލެއްތޯ މީއީ! އެހާ ގާތްކޮށް އުޅުން ބަޔަކާއެކު މިކަހަލަ މައްސަލަތައް ޖެހި އޮޅުން އަރަންޏާ ކިހިނެތްތޯ ދެން ވާނީ؟ އެހެންވެ އަޅުގަނޑު އެދެން ދެ ސަރުކާރުމެދު މިކަމާއި ބެހޭގޮތުން ވާހަކަ ދައްކައިގެން މިކަމާގުޅޭ ގޮތުން ގޮތްތަކެއް ހޯދަން،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ސްރީލަންކާގެ 30 އަހަރު ވަންދެއް ހަނގުރާމަ ހިނގައި ދިވެހިންގެ އެތަށް ބަޔަކު މަރުވީއިރު އެކަމާ ރާއްޖޭ ބަހެއް ނުބުނާ ކަމަށާއި އަދި ދިވެހިންގެ ބަޔަކާއި ގުޅިގެން ރާއްޖެ އަރައި 19 ދިވެހިން ޝަހީދުކޮށްލީ ވެސް ލަންކާއަށް ނިސްބަތްވާ ބައެއް ކަމަށާއި އެހެން ނަމަވެސް އެކަމަށް ވެސް ރާއްޖޭގެ ހިތްބަރު ކަމެއް ނެތް ކަމަށެވެ.

"އެހެން ނަމަވެސް މިހާރު ސްރީލަންކާ އިން ކުއްލިއަކަށް ހިލިގަނެގެން ނުރުހުން ބަސް ބުނާ ހިސާބަށް ދިއުމަކީ އަޅުގަނޑުމެން ވަރަށް ދެރަވާން ޖެހޭ ކަމެއް،" މޫސަ ވިދާޅުވި އެވެ.