ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ "ހިސާން ބިލް" ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރަން މިހާރު ބޭނުން ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން މަޖިލީހަށް ފޮނުވާ ކޮންމެ ބިލަކީ އެ އޮތްގޮތަށް ފާސްވާންޖެހޭ ބިލެއް ނޫން ކަމަށާއި އިސްލާހުކުރަންޖެހޭ ކަންކަން ބިލްގައި ހުންނާނެ ކަމަށެވެ. އަދި ބައެއް ބިލްތައް މަޖިލީހަށް ފޮނުވުމަށް ފަހު، އަނބުރާ ގެނެސްފައި ވެސް ހުންނާނެ ކަމަށާއި އެއީ މިއަދު އެކަނި އެކަން ހިނގާ ގޮތް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ބިލް މަޖިލީހަށް ފޮނުވި ފަހުން އާންމުންގެ ފަރާތުން ލިބުނު ހިޔާލުތަކަށް ވިސްނާލެއްވުމުން ބިލަށް އިތުރު އިސްލާހުތަކެއް ގެންނަންޖެހޭ ކަން އެނގިވަޑައިގެންނެވި ކަމަށެވެ. އެހެންވެ ބިލްގެ ކޮމިޓީ މަރުހަލާގައި ސަރުކާރުން އިސްލާހުތަކެއް ހުށަހެޅި ކަމަށާއި ކޮމިޓީގައި ބައެއް އިސްލާހުތައް ގެނެސްފައި ހުރިކަން ގަބޫލުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.
"އެހެންވީމަ، އެ ބިލް ސަރުކާރުން އޭރު ފޮނުވި ގޮތަށް ފާސްކުރުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން. އެއަށް ގަންނަންޖެހޭ އިސްލާހުތައް އަދިވެސް އެބަހުރި. އެ އިސްލާހުތަކާ އެކީގައި ފާސްވެގެން ދިއުން އަޅުގަނޑު އެދެނީ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ހިސާން ބިލް އަލުން އިސްލާހުކުރުމަށް ރައީސް ސޯލިހް މިހާރު ބޭނުންވި ނަމަވެސް އެ ބިލް ފާސްކުރަން މިހާރު ބޭނުންވަނީ އެންމެ ފުރަތަމަ ބިލް ހުށައެޅިއިރު އޮތްގޮތަށް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ރައީސް ނަޝީދު މިިދިޔަ މަހުގެ 17 ގައި ނެރުއްވި ބަޔާނުގައި ވިދާޅުވީ އެމްޑީޕީން ގަބޫލުކުރާ އެންމެ އަސާސީ ސިފަތައް ތަންފީޒުކުރުމުގެ ހިތްވަރު ޕާޓީގެ ލީޑަޝިޕްގެ ތެރޭގައި އޮންނަންވާނެ ކަމަށެވެ. އަދި ސަރުކާރުން ނަފްރަތުގެ ބިލު ފާސްކުރުމަށް ތާއީދު ނުދައްކާ ނަމަ، މި ސަރުކާރަށް ތާއިދުކުރަން އުނދަގޫވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީ ފިޔަވައި ސަރުކާރު ކޯލިޝަންގައި އޮތް ހުރިހާ ޕާޓީތަކުންވެސް ދެކޮޅު ހަދާ އެ ބިލްގެ ކޮމެޓީ މަރުހަލާ ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވި އެވެ. ނަމަވެސް އެ ބިލް ފާސްކުރުމާ މެދު އެމްޑީޕީގެ މެންބަރުންގެ މެދުގައި ހުރި ބޮޑެތި ހިޔާލުތަފާތުވުންތަކާ ގުޅިގެން އަނެއްކާ ވެސް ހިސާން ބިލް ވަނީ މަޖިލީހަށް ފޮނުވާލާފަ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން 100 އަށް ވުރެ ގިނަ ކައުންސިލުންނާއި 100 އަށް ވުރެ ގިނަ ދީނީ އިލްމުވެރިން ވެސް އެ ބިލާ ދެކޮޅަށް ވާހަކަދައްކާފައިވާއިރު ދައުލަތުގެ ބައެއް އިދރާތަކުން ވެސް ބިލް ފާސްކުރުމާ ދެކޮޅު ހަދާފައިވެ އެވެ.