ސަރަނގު އާދަމް މަނިކު

އިންޑިއާ އައުޓް އަދި ލާދީނީވެސް ގޮވޭނެ

މީހަކާ ދިމާއަށް "ލާދިނީ"އޭ ބުނުމުން ޖެހެންވީ މައްސަލައެއް ނެތް ކަމަށް މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަަމް މަނިކު ވިދާޅުވެއްޖެ އެވެ.

އާދަމް މަނިކު މިހެން ވިދާޅުވީ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ "ހިސާން ބިލް" ފާސްކުރުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. އާދަމް މަނިކު ވިދާޅުވީ އެ ބިލަށް ތާއީދު ނުކުރައްވާ ކަަމަށެވެ. އޭނާ ވަނީ "ލާދީނީ" ގޮވަނީ ކާކު ކާކާ ދިމާއަށްތޯ ސުވާލު އުފައްދަވާ އެކަމުން ޖެހުނު މައްސަލައަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

"ބައްލަވާ މީހަކު މީހަކާ ދިމާއަށް ލާނީއޭ ބުނީމަ ކޮން މައްސަލައެއްތޯ ޖެހެނީ. ކާކު ކާކާ ދިމާލައްތޯ ގޮވަނީ. ގޮވައިގެން ކާކަށްތޯ މައްސަލައެއް ޖެހުނީ،" އާދަމް މަނިކު ވިދާޅުވިއެވެ.

މީގެ އިތުރުން "އިންޑިއާ އައުޓް" ކެންޕެއިނާއި ދެކޮޅަށް ރައީސް ނަޝީދު ދައްކަވާ ވާހަކަތަކަށްވެސް އާދަމް މަނިކު ރައްދު ދެއްވިއެވެ. އޭނާ ވިދާޅުވީ ނަޝީދު އެހެން ވިދާޅުވާ ހިސާބުން އެ އޮތީ ގޯސްވެފައި ކަމަށެވެ.

"ރައީސް ނަޝީދުގެ މިހާރުގެ ވިސްނުން ހުންނަ ގޮތުން އެމްޑީޕީގެ ގްރާސް ރޫޓް ބޭފުޅުންވެސް އޭނާއަކަށް ތާއީދެއް ނުކުރޭ. އެ ވާގޮތަކީ އެމްޑީޕީގެ ރޫހާނީ ލީޑަރު، ރައީސް ޔާމީނާއި ގުޅެން ގޮވާލީމާ، އިންޑިއާ އައުޓް ނުގޮވާށޭ ބުނީމާ އެ އޮތީ އެހިސާބުން ގޯސްވެފައި. އޭތި ކަޑަ. އެއް ގޮތަކަށްވެސް ރައީސް ނަޝީދު ވިދާޅުވެގެން ނުވާނެ ރައީސް ޔާމީނާއި ގުޅެން. ސިޔާސީ ކަންކަމުގައިވެސް ޑީލް ހަދަން ޖެހޭނެ. ނަމަވެސް އެކަމުގައިވެސް ހައްދެއް އޮންނަންވާނެ،"

އާދަމް މަނިކު ވިދާޅުވީ ދިވެހިން ތިބީ އިންޑިއާއެކު ރަހުމަތްތެރި ކަމުގެ ގުޅުންތައް ކުރިއަށް ގެންދަން ކަމަށެވެ. ނަމަވެސް އެއީ ދެ ފަރާތުންވެސް އެއް މިންވަރަކަށް އިހުތިރާމް ކުރާ ގުޅުމަކަށްވާން ޖެހޭ ކަމަށެވެ. އިންޑިއާއާއެކީ އެންމެ ހަރުދަނާ ގުޅުންތަކެއް ބޭއްވެވީ ރައީސް މައުމޫންގެ ވެރިކަމުގައި ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ނޮވެންބަރު ތިނެއްގެ ހާދިސާއާއެކު ރާއްޖެ އައި އިންޑިއާ ސިފައިން އަހަރު ދުވަހަށް ފަހު ރާއްޖެއިން ފޮނުވާލި ފޮނުވާލުން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް މިއަދު އިންޑިއާ ސަފީރުވެސް އުޅުއްވަނީ އުޅުއްވާނެ ގޮތަކަށް ކަމަށް ވިދާޅުވެ ރާއްޖެ-އިންޑިއާ ގުޅުން މިހާރު އޮތް ހާލަތާމެދު އާދަމް މަނިކު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"އިންޑިއާއިންވެސް އަޅުގަނޑުމެންނާއި ޑީލް ކުރަން ޖެހޭނީ ރެސްޕެކްޓާއެކީގައި. ބްލީ ކުރާ ގޮތަކަށް ނޫން. ފަރުދާގެ އަނެއް ފަރާތުގައި ތިބެގެން އަޅުގަނޑުމެންގެ ސިޔާސީ ވެރިންނަށް ރިޝްވަތު ދީގެން ފާޑުފާޑުގެ އެގްރީމަންޓެއް ނޫން ހަދަންވީއެއް،" އާދަމް މަނިކު ވިދާޅުވިއެވެ.