ރައީސް މުހައްމަދު ނަޝީދު

"ހަސަން ކުުރުސީ" އަކީ އަޅުގަނޑާއި ދަރިފުޅުގެ އެކައުންޓެއް ނޫން: ނަޝީދު

އެކްސްގައި "ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ އެކައުންޓަކީ އެމަނިކުފާނު އަދި އެމަނިކުފާނުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދުގެ އެކައުންޓެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ "ހަސަން ކުރުސީ" އެކައުންޓަކީ އެމަނިކުފާނުގެ ދަރިކަނބަލުން މީރާގެ އެކައުންޓެއް ކަމަށް ތުހުމަތުކޮށް އިންޑިއާގެ ބައެއް މީހުން އެކްސްގައި ޕޯސްޓްކުރަން ފެށުމުންނެވެ.

ނަޝީދު ވިދާޅުވީ "ހަސަން ކުރުސީ" އެކައުންޓް ހިންގަނީ އެމަނިކުފާނު އަދި އެމަނިކުފާނުގެ ދަރިކަނބަލުން ނޫން ކަމަށެވެ. އަދި އެ އެކައުންޓުން އިންޑިއާއާ ދެކޮޅަށް ފާޅުކުރާ ޝުއޫރުތަކާ އެއްބަސްވެވަޑައިނުގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"ހަސަން ކުރުސީ" ޓްވިޓާ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއް ނޫން ކަމަށް ނަޝީދު މީގެ ކުރިންވެސް ވިދާޅުވެފައިވެ އެވެ. އަދި އެ އެކައުންޓް ހިންގާ މީހެއް ހޯދަން ނަޝީދު ފުލުހުންނަށްވެސް ހުށަހެޅި އެވެ.

އިންޑިއާގެ ލަކްޝަދީބުގައި ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އިންޑިއާގެ މީހުންކޮށްފައިވާ ޕޯސްޓްތަކަށް "ހަސަން ކުރުސީ" ވަނީ އެކްސްގައި ރައްދުދީފަ އެވެ.

ލަކްޝަދީބްގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެރަށަށް ވަޑައިގެން ނެންގެވި ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުކުރުމާ އެކު އިންޑިއާގެ ފަތުރުވެރިން ދެން ރާއްޖެއަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ރާއްޖެ ދައްކޮށްލުމުގެ ނިޔަތުގައި އިންޑިއާގެ ބައެއް ރައްޔިތުން ސޯޝަލްމީޑިއާގައި ޝުއޫރުފާޅުކުރި އެވެ.

އެއާއެކު ދިވެހި ސަރުކާރުގެ ބައެއް އިސްވެރިންނާއި ބައެއް އާންމު ދިވެހިން ވަނީ މޯދީ އާއި އިންޑިއާ ރައްޔިތުންނަށް ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަކޮށްފަ އެވެ.