އެފްއޭއެމް

އޯވަންއޯ އާއި ބުރު ސެމީ ފައިނަލަށް

ތިންވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ބައްދަލުކުރި މެޗުން މޮޅުވެ ބުރު ސްޕޯޓްސް ކްލަބާއި، ކްލަބް އޮންލީ ވަން އޮޕަޗިއުނިޓީ (އޯވަންއޯ) ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އޯވަންއޯ އާއި ޓެންޓް ސްޕޯޓްސް ކްލަބް އަންގާރަ ދުވަހުގެ ހަވީރު ބައްދަލު ކުރި މެޗުން އޯވަންއޯ މޮޅުވީ 2-0 ގެ ނަތީޖާ އަކުންނެވެ. އަދި އަންގާރަ ދުވަހުގެ ރޭ ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބާއި ބައްދަލު ކުރި މެޗުން ބުރު މޮޅުވީ 11-0 އިންނެވެ. ތިންވަނަ ޑިވިޝަނުގެ މެޗުތައް ކުޅެނީ އެފްއޭއެމްގެ އެއް ނަންބަރު ޓާފްގަ އެވެ.

ކުއާޓާ ފައިނަލުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުމުން މި ދެޓީމު ވަނީ ދެވަނަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ.

އޯވަންއޯ އިން ދެލަނޑު ޖަހައިގެން މެޗު ކާމިޔާބު ކުރިއިރު، އެޓީމުގެ ދެލަނޑު ޖަހާފައިވަނީ މީގެ ކުރިން ފަސްޓް ޑިވިޝަންގައި ކުޅެފައިވާ ދެ ކުޅުންތެރިންނެވެ. މެޗުގެ ފުރަތަމަ ލަނޑު އޯވަންއޯ އަށް ކާމިޔާބު ކޮށްދިނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު ޝަހީމް އަބްދުލް ގާދިރު އެވެ. އަދި ދެވަނަ ލަނޑު ޖެހީ ވިކްޓްރީ އާއި ވެލެންސިއާއަށް ކުޅުނު އޮމޮދޫ ގޮޑްފްރޭ ވެސްޓް އެވެ.

ގިނަ ގޯލު ތަކަކާއި އެކު ބުރު ސްޕޯޓްސް ކްލަބުން މެޗު ކާމިޔާބު ކުރިއިރު އެޓީމުގެ އަބްދުﷲ ޝާފިއު ވަނީ ހެޓްރިކް ހަދާފަ އެވެ. އަދި މުހައްމަދު ތަސްމީން (ތައްތި) އާއި، ހުސައިން ޝަރީފްގެ އިތުރުން ވަޑީމް ޕެޓްރޯވް ވެސް މި މެޗުގައި ގޯލު ޖެހި އެވެ. މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ ދެ ގޯލު ޖަހާފަ އެވެ. މީގެ އިތުރުން ޑިފެންޑަރު ރޯމަން ކުޑްޗެންކޯ ވެސް ގޯލެއް ޖެހި އެވެ.

ކުއާޓާ ފައިނަލުގެ ބާކީ އޮތް ދެމެޗު ކުޅޭނީ މިއަދު އެވެ. ހަވީރު ހަތަރެއް ޖަހާއިރު ބައްދަލު ކުރާނީ ލޮރެންޒޯ ސްޕޯޓްސް ކްލަބާއި އެލްޓީ ސްޕޯޓްސް ކްލަބެވެ. ރޭގަނޑު މެޗުގައި ކްލަބް ޓީނޭޖް ވާދަކުރާނީ ބިސް ބުރު ސްޕޯޓްސްއާ އެވެ. މި ދެ މެޗުން މޮޅުވާ ދެޓީމު ސެމީ ފައިނަލުގެ ބާކީ ދެޖާގަ ކަށަވަރު ކުރާނެ އެވެ.