ކޮވިޑް-19 ގެ ބަލިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި ހެލްތް މިނިސްޓްރީ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ކުރި ހަރަދު 1.6 ބިލިއަން ރުފިޔާ އަށް ވުރެ މަތިވެއްޖެ އެވެ.
ހެލްތް މިނިސްޓްރީން އާއްމުކުރި ކޮވިޑް-19ގެ "ވީކްލީ ސްޕެންޑިން" ރިޕޯޓުގައިވާ ގޮތުން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެންޑީއެމްއޭ އަށް 868.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި ހެލްތް މިނިސްޓްރީން 737.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ހެލްތް މިނިސްޓްރީން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ހޯދުމަށެވެ. މިބަޔަށް 500.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މުވައްޒަފުންގެ އެލަވަންސް ދިނުމަށް 58.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ކެޕިޓަލް އިކްއިޕްމަންޓަށް 80.9 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. އަދި އެހެނިހެން އޮޕަރޭޝަނަލް ހިދުމަތްތަކަށް 63.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ޑިޒާސްޓާ އިން ވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހިދުމަތް ދޭން ބޭނުންވާ ތަކެތި ހޯދުމަށެވެ. މި ބަޔަށް މިހާތަނަށް 363.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ކެޕިޓަލް އިކްއިޕްމަންޓް ހޯދުމަށް 112.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މީގެ އިތުރުން އޮޕަރޭޝަނަލް ސާވިސަސް އަށް 114.3 މިލިއަން ރުފިޔާ އަދި ދަތުރު ކުރުމަށް 39.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މި ހަރަދުތަކުގެ އިތުރުން ޑިޒާސްޓާ މެނޭޖުމަންޓް ފަންޑުން މިހާތަނަށް 84.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީގެ މި ރިޕޯޓުގައިވާ ގޮތުން މިހާތަނަށް ކޮވިޑް-19ގެ އޮޕަރޭޝަނަށް ހަތަރު ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މީގެތޭގައި ސިއްހީ ދާއިރާއަށް 1.9 ބިލިއަން ރުފިޔާ އަދި އިގްތިސޯދު ހިންގަން 1.7 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.