މިނިސްޓްރީ އޮފް އެޑިއުކޭޝަން

އޯލެވެލް އަދި އެސްއެސްސީ ނަތީޖާ ސެންޓަރުތަކަށް ދޫކޮށްފި

Aug 12, 2021

މިއަހަރު ކުރިއަށް ގެންދިޔަ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާތައް، އިމްތިހާނު ސެންޓަރުތަކަށް ދޫކުރަން ފަށައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އޯލެވެލް ނަތީޖާތައް މިއަދު ހެނދުނު 10:00 އިން ފެށިގެން އިމްތިހާން ސެންޓަރުތަކަށް ލިބޭނެ ކަމަށެވެ. އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާތައް މިއަދު މެންދުރުފަހު 1:00 އަށް ސެންޓަރުތަކަށް ލިބޭނެ ކަމަށެވެ.

އިމްތިހާނުގެ ނަތީޖާތައް ދަރިވަރުންނަށް ދޫކުރުމުގެ މަސައްކަތް ސެންޓަރުތަކުން އިންތިޒާމުކުރާ ގޮތެއްގެ މަތީން ކުރިއަށް ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެ އެވެ. ނަމަވެސް ދަރިވަރުންނަށް ނަތީޖާ ދޫކުރާނެ ދުވަހެއް ނުބުނެ އެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނު ކުރިއަށް ގެންގޮސްފައި ވަނީ މޭ މަހުގެ ދެވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އިމްތިހާން ކުރިއަށް ގެސްގޮސްފައި ވަނީ މާލޭގެ 22 ސެންޓަރަކާއި އަތޮޅު ތެރޭގެ 213 ސެންޓަރެއްގަ އެވެ.

މިއަހަރުގެ އިމްތިހާންގައި މާލެ އާއި އަތޮޅުތަކުން ޖުމްލަ 5،955 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އެއީ މާލޭގެ ސްކޫލްތަކުން 2،196 ދަރިވަރުންނާއި، އަތޮޅުތެރޭގެ ސްކޫލުތަކުން 3،759 ދަރިވަރުންނެވެ.