މިނިސްޓްރީ އޮފް އެޑިއުކޭޝަން

އޯލެވަލް އިމްތިހާން ފަށައިފި

May 2, 2021

އޯލެވަލް އިމްތިހާނު މިއަދު ފަށައިފި އެވެ. އިމްތިހާނު ކުރިއަށް ދާނީ މިއަދުން ފެށިގެން ކުރިއަށް އޮތް ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ އިމްތިހާންގައި މާލެ އާއި އަތޮޅުތަކުން ޖުމްލަ 5،955 ދަރިވަރުން ބައިވެރި ވެފައިވެ އެވެ. އެއީ މާލޭގެ ސްކޫލްތަކުން 2،196 ދަރިވަރުންނާއި، އަތޮޅުތެރޭގެ ސްކޫލުތަކުން 3،759 ދަރިވަރުންނެވެ.

އިމްތިހާން ކުރިއަށް ގެންދަނީ މާލޭގެ 22 ސެންޓަރަކާއި އަތޮޅު ތެރޭގެ 213 ސެންޓަރެއްގަ އެވެ.

އޯލެވަލް އިމްތިހާނު މިއަދު ފަށާފައިވާއިރު އެޑެކްސެލް އޭލެވަލް އިމްތިހާނު ވެސް މިހާރު ކުރިއަށް އެބަދެ އެވެ. އެޑެކްސެލް އިމްތިހާންގައި 2800 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެ އެވެ. އެއީ މާލޭގެ ސްކޫލްތަކުން 1،890 ދަރިވަރުންނާއި، އަތޮޅުތެރޭގެ ސްކޫލުތަކުން 931 ދަރިވަރުންނެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނީ އިމްތިހާންތައް ކުރިއަށް ގެންދަނީ ކޮވިޑް 19އާއި ގުޅިގެން އެޗްޕީއޭ އިން އަންގާފައިވާ އުސޫލުތަކާ އެއްގޮތަށް ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ދުވަސް ތަކަކު ސްކޫލުތައް ބަންދުކޮށްފައި ބެހެއްޓުމަށްފަހު އެކަޑެމިކް ކަލަންޑަރަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން މި އަހރު ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ދިރާސާ އަހަރުގެ ކިޔެވުން ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ ތެރޭގައި ފަށާ ގޮތަށް ވަނީ ނިންމާފަ އެވެ.