ގާނޫނު އަސާސީ އަކީ ވެރިކަން ގެއްލުމުން ވެރިކަމަށް އަރަން ބޭނުން ކުރާ ހަތިޔާރަކަށް ހެދުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ވަކި ބައެއްގެ ތަރިކަ މުދަލެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީ ހިމާޔަތް ކުރަން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން އެއްގަލަކަށް އަރައިފިކަން އިއުލާން ކޮށްފައިވަނިކޮށް، ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވާ އަދީބު މިރޭ ވިދާޅުވީ ގާނޫނީ އަސާސީ އަކީ ތަރިކަ މުދަލަކަށް ހަދައިގެން ވެރިކަމަށް އަރައި އެ ގާނޫނީ އަސާސީ ވީދާލީ ކޮންބައެއްކަން ހަދާން ކުރަން ޖެހޭ ކަމަށެވެ. އަދި އެ ގާނޫނު އަސާސީ ފިސްފިސް ކޮށްލައި ގާޒީން ހައްޔަރުކޮށް ހެދީ ވެސް ގާނޫނު އަސާސީގެ ނަމުގައި ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
"ޒުވާނެއްގެ ހައިސިއްޔަތުން މިރޭ ދައްކާ ވާހަކާގައި ދަންނަވާލަން. ކޮންމެ ފަހަރަކު ވެރިކަމުން ވެއްޓި، ވެރިކަމުން އަރަން ބޭނުން ކުރާ އެއްޗަކީ ގާނޫނު އަސާސީ. ބައެއް ބޭފުޅުންނަށް ހީވަނީ ގާނޫނު އަސާސީއަކީ ތަރިކަ މުދާހެން. ހަމަ އެންމެ ވެރިކަމަށް އެރުމާއެކީގައި ގާނޫނު އަސާސީ ވީދާލަށް މަސައްކަތްކޮށް ސިޔާސީ ވެރިން ހައްޔަރުކޮށްކުރި،" އިކޮނޮމިކް ކޮމިޓީގެ ކޯޗެއާކަން ވެސް ކުރައްވާ އަދީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގާނޫނު އަސާސީ ހިމާޔަތް ކުރާވާހަކަ ދައްކާ އިރު، ޒުވާނުންނަށް އެއްވެސް ކަމެއް ކޮށް ނުދޭ ކަމަށެވެ. އަދި މި ސަރުކާރުން ބަލަނީ ސިޔާސީ ބޭކާރު ވާހަކަތަކަށް ސަމާލުކަން ނުދީ ގައުމު ތަރައްގީކޮށް އިގްތިސާދީ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
"ރައީސް މަސައްކަތް ކުރައްވަނީ ކެބިނެޓްގެ ހުރިހާ ޓީމްތަކެއް އެއްކޮށްގެން ގުޅިގެން މަސައްކަތް ކުރުމަށް. މިފަދަ މަޝްރޫއުތައް ފެށިގެން މިދަނީ ކެބިނެޓްގައި ހިމެނޭ ގާބިލް ޓީމްތައް އެކައްޗެއްގެ ގޮތުގައި މަސައްކަތްކޮށްގެން. އުމަރާއި ނާޒިމާއި މިހެން ގޮސް އަޅުގަނޑުމެންގެ އަންހެން މިނިސްޓަރުގެ ޓީމާއި މި ޓީމްތަކުން މި އަންނަނީ ގަދައަޅައި މަސައްކަތް ކުރަމުން. މިއީ އަޅުގަނޑުމެން ޓީމްތަކުން މި ކުރާ މަސައްކަތުގެ ނަތީޖާ އަކީ،" އަދީބު ވިދާޅުވި އެވެ.