އަންނަ ޑިސެމްބަރު އިންޑިޔާގައި ފަށާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި ނުކުޅެން ޕާކިސްތާން ނިންމައިފި އެވެ.
ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް އަންވަރުލް ހައްގު މިއަދު ވިދާޅުވީ ސާފް ޗެމްޕިއަންޝިޕުގެ ނަމުގައި މިހާތަނަށް ބާއްވަމުން އައި މުބާރާތުގައި ވާދަނުކުރާނެކަން ޕާކިސްތާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން އިއްޔެ އަންގާފައިވާ ކަމަށެވެ. މިއީ 1997 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި ވާދނުކުރަން ސަރަހައްދީ ގައުމަކުން ނިންމި ފުރަތަމަ ފަހަރެވެ.
"އަހަންނަށް އިއްޔެ ވަނީ ޕާކިސްތާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ފަރާތުން އީމެއިލްއެއް ލިބިފައި. އޭގައި ބުނެފައިވަނީ ޕާކިސްތާން މުބާރާތުން ވަކިވި ވާހަކަ،" އަންވަރުލް ހައްގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިސެމްބަރު 23 އިން އަންނަ އަހަރުގެ ޖެނުއަރީ ތިނަކަށް ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން ޕާކިސްތާން ވަކިވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް މި އަހަރު މިހާތަނަށް ބޭއްވި ސާފުގެ އެއްވެސް މުބާރާތެއްގައި ޕާކިސްތާން ވާދައެއްނުކުރެ އެވެ. އޭގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕް 16 އަހަރުން ދަށުގެ މުބާރާތާއި 19 އަހަރުން ދަށުގެ މުބާރާތް ހިމެނެ އެވެ.
ޕާކިސްތާނުގެ ފުޓްބޯޅަ މައްސަލަތަކެއްގެ ތެރެއަށް ވެއްޓުނީ އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިންތިހާބާ ހެދި އެވެ. ޕާކިސްތާނުގެ ކޯޓުން ހުކުމް ކޮށްފައިވަނީ އިންތިހާބު ސައްހަ ނޫން ކަމަށެވެ. ނަމަވެސް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން މިކަން ގަބޫލެއް ނުކުރެ އެވެ. މިހެންވެ މި ކޯޅުމުގެ ތެރެއިން ޕާކިސްތާނުގެ ފުޓްބޯޅަ ހަރަކާތްތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަންވަރުލް ހައްގު ވިދާޅުވީ ޕާކިސްތާނުގެ އީމެއިލްގައި ވަކި ސަބަބެއް ބުނެފައިނުވި ނަމަވެސް މައްސަލައަކީ އިންތިހާބުގެ މައްސަލަ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ޕާކިސްތާން ވަކިވި ނަމަވެސް މުބާރާތް ކެންސަލެއްނުވެ އެވެ. މުބާރާތުގައި ޕާކިސްތާން ހިމެނިފައި އޮތީ އިންޑިޔާ އާއި ނޭޕާލް އަދި ސްރީލަންކާއާ އެއްގްރޫޕެއްގަ އެވެ. ރާއްޖެ އާއި ޗެމްޕިއަން އަފްގާނިސްތާން އަދި ބޫޓާނާއި ބަނގްލަދޭޝް އޮތީ ގްރޫޕް ބީގަ އެވެ.