ޣައްސާން މައުމޫން

ކުންފުނިތައް ހަލާކުވީ ހެޔޮނުވާވަރު ބޮޑު ހަރަދު ކުރުމުން: ޣައްސާން

ދައުލަތުގެ ކުންފުނިތަކުގެ ހާލަތު ގޯސްވީ މި ހާލަތުގައި ކުރަން ހެޔޮނުވާވަރުގެ ބޮޑެތި ހަރަދުތައް ކުރުމުގެ ސަބަބުން ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނާއިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މިހެން ވިދާޅުވީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޖޮވިންޓް ވެންޗާ (ޖޭވީ) ހަދަން މަޝްވަރާ ކުރަމުންދާ ކަމަށް ސަރުކާރުން ހާމަކުރުމާއި ގުޅިގެންނެވެ. ޣައްސާން ވިދާޅުވީ ދައުލަތުގެ މުދަލާއި ސަރުކާރު ކުންފުނިތަކުގެ ހަގީގީ މިލްކުވެރިންނަކީ ދިވެހި ރައްޔިތުން ކަމަށެވެ. މި ހާލަތުގައި ކުރަން ހެޔޮނުވާވަރުގެ ބޮޑެތި ހަރަދުތައްކޮށް އެކަން ފޫބެއްދުމަށް ވަގުތީ ފައިސާކޮޅަކަށް ރައްޔިތުންގެ ކުންފުނިތަކުގެ ހިއްސާ އާއި މުދާ ނުވިއްކުމަށްވެސް ޣައްސާން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މޯލްޑިވިއަން އިން ބޭރުގެ ކުންފުންޏަކާ އެކު ޖޭވީ ހަދަން މަޝްވަރާ ކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި މަޝްވަރާ ކުރަމުން ގެންދަނީ މެދުއިރުމަތީގެ ދެ ކުންފުންޏަކާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް މަޝްވަރާ ކުރަނީ ކޮން އެއާލައިންތަކަކާ ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.

އެކަމަކު އަވަސް އަށް އެނގިފައިވާ ގޮތުގައި ދަރަނި ބޮޑު އަދި ދައުލަތަށް މާލީ ގޮތުން ބޮޑު ބުރައެއް 2018ގެ ފަހުން އުފުލަން ޖެހިފައިވާ މޯލްޑިވިއަން އިން ޖޭވީ ހަދަން މަޝްވަރާ ކުރަނީ މެދުއިރުމަތީގެ އެންމެ ބޮޑު އެއް އެއާލައިންއާ އެވެ. މި އެއާލައިނުން ވަނީ މަޝްވަރާ ތަކަށް ފަހު ސަރުކާރަށް ހުށަހެޅުމެއް ވެސް ހުށަހަޅާފަ އެވެ.
އަވަސް އަށް ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވެސް މިފަދަ މަޝްވަރާ ތަކެއް ކުރައްވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން އެއާލައިންތަކެއް ކަމެއް އޭނާ ވެސް ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއީ [ޖޭވީ] ހެދުމަކީ ވަރަށް ރަނގަޅު ނިންމުމެއް،" މިހާދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޖޮއިންޓް ވެންޗާ ހަދާނެ ވަކި ކުންފުންޏެއް އަދި ނިންމާފައިވާކަން އެނގިފައި ނެތް ކަމަށެވެ.

"މި ވަގުތު ގަވަރުމަންޓާއެކު މަޝްވަރާ ކުރަމުން އެދަނީ. ޕްރޮޕޯސަލް ލިބުމުން ސަރުކާރުން އެ ޕްރޮޕޯސަލްތައް އިވޭލުއޭޓް ކުރައްވާނީ،" މިހާދު ވިދާޅުވި އެވެ.

މެދުއިރުމަތީގެ ކުންފުންޏަކާއެކު ޖޭވީއެއް ހަދަން އުޅޭ ކަމަށް ރައީސް ވިދާޅުވިއިރު މި ސަރުކާރުގެ އިސްވެރިން ދާދިފަހުން ވަނީ ގާތްގާތުގައި މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ދަތުރުތަކެއްވެސް ކުރައްވާފަ އެވެ. އެންމެ ފަހުން މެދުއިރުމައްޗަށް ވަޑައިގަތް ބޭފުޅަކީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. މި ސަރުކާރުގެ ވެރިން އެންމެ ގިނައިން މިފަހުން ދަތުރުކުރި ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ހިމެނެ އެވެ.

ޔޫއޭއީއަކީ މެދުއިރުމަތީގެ އެންމެ ބޮޑު ދެ އެއާލައިން ކަމަށްވާ އިއްތިހާދު އެއާވޭސް އާއި އެމިރޭޓްސް އެއާލައިން ނިސްބަތްވާ ގައުމެވެ. މޯލްޑިވިއަން އަކީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވެފައިވާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އަށް ވަނީ 25.3 މިލިއަން ރުފިޔާގެ ގެއްލުން ވެފަ އެވެ.

މޯލްޑިވިއަން އިން ޖޭވީ ހަދަން ނިންމާފައިވާއިރު، މިއީ މި ސަރުކާރުން ޕްރައިވެޓައިޒް ކުރާނެކަން ރަސްމީކޮށް އިއުލާނު ކުރި ފުރަތަމަ ކުންފުންޏެވެ. ސަރުކާރު ކުންފުނިތައް ޕްރައިވެޓަައިޒް ކޮށްގެން 400 މިލިއަން ރުފިޔާ ހޯދަން މި އަހަރަށް ބަޖެޓުކޮށްފައިވެ އެވެ.