(10 އޯގަސްޓް 2021 އާ ގުޅޭ)
ނީރާ މަސައްކަތް ކުރާ އެސޯސިއޭޝަން ކައިރިއަށް އީހާން އައެވެ. ނީރާ ނިމިގެން ނުކުންނަންވާއިރަށެވެ. ކާރުގައި އިނުން އުނދަގޫވެ އީހާން ކާރުން ފައިބައިގެން އައިސް ގޭޓު ކައިރީ މަޑުކުރިއެވެ. އެތަނުން މީހުންތައް ނުކުންނާނީ ކޮންއިރަކުންކަން އީހާނަށް އެނގޭތީއެވެ. އެހެންނަމަވެސް އަތުކުރީ އޮތް ގަޑިއަށް އީހާނުގެ ނަޒަރު ހުއްޓެއެވެ. ހިތް އަވަސްވެފައި ހުރެ އިރުއިރު ކޮޅުން އޭނާގެ އިސްތަށިގަނޑުގައި އިނގިލިތައް ހިންގާލެވެއެވެ. ބޯއަރިކޮށް ގޭޓުން އެތެރެއަށް އީހާނު ބަލާލައެވެ. ބަޔަކު ނުކުންނަން އަންނަތަން ފެނުމުން އަވަސްއަވަހަށް ގޭޓުގެ ފާރުކައިރިއަށް ޖެހިލިއެވެ. އެތެރެއިން ނުކުންނަން މީހުންނަށް ފަރުވާތެރިކަމާއެކު އީހާނު ބެލިއެވެ. އޭނާގެ ލޮލަށް ނުފެނި ނީރާއަށް ނުކުންނާނޭ ފުރުސަތެއް ނުދޭން ކަހަލައެވެ.
"ދާލިޔާ... ދާލިޔާ..." އީހާނަށް ފެނުނު އަންހެން ކުއްޖާގެ ނަމުން ގޮވާލިއެވެ. އެއީ ނީރާއާ އެންމެ ގާތްކޮށް އެތަނުގައި މަސައްކަތްކުރާ އެކުވެރިޔާކަން އީހާނަށް އެނގޭތީއެވެ. ދެތިން ފަހަރަށް ގޮވާލިފަހުން ދާލިޔާއަށް އަޑެއް ނީވޭނެކަން އީހާނު ހަނދާންވިއެވެ. ހަލުވިކޮށް ފަހަތުން އައިސް ދާލިޔާގެ އަތުގައި އީހާނު ހިފިއެވެ.
"ނީރާ... ކޮބާ..." އަބަދުވެސް ނީރާ ނުކުންނަނީ ދާލިޔާއާއެކުކަން އެނގޭތީ އީހާނު ސުވާލުކުރިއެވެ. ދާލިޔާ އަތުން އެ ދެއްކި ހަރަކާތެއް އީހާނަށް ދޭހައެއް ނުވިއެވެ. އެހެންވިޔަސް ދާލިޔާއަށް އީހާނު އެނގިއްޖެކަން ގައިމެވެ. ނީރާ ބަލާ އައުމުގައި ދާލިޔާއަށް ކާރުގައި އިންނަ އީހާން ހުރީ ފެނިފައެވެ. ދާލިޔާ ދައްކާ ވާހަކަ އީހާނަށް ފަހުމް ނުވާކަން އެނގުނެވެ. އޭނާ އިހާނަށް އިޝާރާތް ކުރީ އައުމަށެވެ.
އެތެރެއަށް ދާލިޔާ ވަދެގެން ދިޔައެވެ. ގޭޓުކައިރީ އީހާން މަޑުކޮށްލައިގެން ހުރީ ދާލިޔާ އެދުނު ފަދައިންނެވެ. ގިނައިރެއްނުވެ އޭނާ އެނބުރި އައީ އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެންނެވެ. އީހާންގެ ކުރިމަތީ އެ ދެ އަންހެންކުދީން މަޑުކުރިއެވެ. ދާލިޔާ މިފަހަރު ވާހަކަދެއްކީ އޭނާއާއެކު ހުރި އަންހެންކުއްޖާއާއެވެ.
"ނީރާ މާބޮޑަށް ބަލިވީތަ؟" ދާލިޔާގެ މޫނަށް ބަލަން ހުރެފައި އީހާނަށް ބަލާލައި އެ އަންހެންކުއްޖާ ބުންޏެވެ.
"ނީރާ ކޮބާ؟" އީހާނު އެއްސެވެ.
"ސަލާމްބުނީ... ބަލިވެޔޭ ބުނީ. ކިހިނެއްވީ؟ މިއަދު ނާދޭ... ނޭނގޭތަ؟ ނީރާ ނުބުނޭތަ؟ އަހަރެން ހީކުރީ ނީރާގެ ޚަބަރެއް ހިފައިގެން އައިސް ހުރީކަމަށް." ދާލިޔާ ދެއްކި ވާހަކަ މިފަހަރު ވެސް އޭނާގެ ކައިރީ ހުރި އަންހެންކުއްޖާ ލަފުޒުން ލަފުޒަށް ކިޔައިދިނެވެ.
އީހާނަށް ބުނާނޭ އެއްޗެއް ނޭނގި އިރުކޮޅަކު ދާލިޔާގެ މޫނަށް ބަލަން ހުރެވުނެވެ. ދާލިޔާ ދޮގެއް ނުހަދާކަން އެ މޫނުން ފާޅުވައި އަސަރުތަކުން އީހާނަށް ޔަގީންވެއެވެ. ބޮޑު ސިހުމެއްގައި އީހާނު ވީ ހިތާއި ސިކުނޑީގައި އުތުރިއަރަމުން އައި ހިޔާލު ތެދަކަށްވުމުންނެވެ. ނީރާ ބަލާ އައީ އެ ހިޔާލުތައް ދޮގަކަށް ވާން އެދި ހުރެއެވެ. ނަމަވެސް ހަގީގާތް ފާޅުވުމުން އެހެންނުވުމަށް އެދި ގޮވަމުންދިޔަ އަޑު ސިކުނޑީގެ ތެރޭ ފަނޑުވެ ހިނދިގެން ހިނގައްޖެއެވެ.
"މިއަދު ނީރާއާ ދިމާނުވާތީ ނޭނގުނީ. ސޮރީ..." އީހާން ބުނެލިއެވެ.
ކުރިމަތީ ހުރި އަންހެންކުއްޖާ ދާލިޔާ ކައިރީ އީހާނު ބުނި އެއްޗެއް ބުނަންދެން މަޑެއް ނުކުރިއެވެ. ހަލުވިކޮށް އައިސް އީހާން އަވަހަށް ކާރަށް އަރައިފިއެވެ. ދެއަތުން ހުންގާނުގައި ހިފަހައްޓާލައިގެން އިނެވެ.
"ސޯ... ޔޫ އާ ވިތް ހިމް." ސިއްރެއް ބުނެލީ ފަދައިން އީހާނު ބުނެލިއެވެ. ކޯ ކަށިގަނޑަށް ވާންވެލި ގޮތުން އީހާން އެ އިނީ ދަތްކުނޑިވިކާލައިގެންކަން ޔަގީނެވެ. އެ ދެ ލޮލުން ނުރައްކާތެރި ވިދުމެއް ފާޅުވެލިއެވެ. އަންނަން އޮތް ކޮޅިގަނޑުގެ ބިރުވެރިކަމާއި ނުރައްކާތެރިކަން ބުނެދޭން އުޅޭހެން، ވައިހިނދި ހިމޭންވި ފަދަ ހަމަހިމޭންކަމެއް އީހާނުގެ ނަފްސަށް ވެރިވަމުންދިޔައެވެ. ކަޅުކަން ގަދަ އަނދިރިގަނޑެއްގެ ތެރެއަށް އީހާނުގެ ނަފްސު ގެނބެމުންދަނީއެވެ. ލޯ މަރާލުމާއެކު ފުންނޭވާއެއް އީހާނު ލިއެވެ. މޭގައިވި ރިހުން ހައްތަހާވީ ގަދައެވެ. އެހެންވިޔަސް ކާރު އިސްޓާޓު ކޮށްލުމާއެކު އީހާން ނިންމީ އެނބުރި ގެއަށް ދާށެވެ.
"ކޮންތާކަށް ދިޔައީ؟" ގޭތެރެއަށް ވަދެގެން އައި އީހާން ފެނުމުން ސުޖާއު އަހާލިއެވެ. އެކުވެރިއަކާ ބައްދަލުކޮށްލަން ދިޔައީ އޭ ބުނެ އީހާނު އައިސް ވަނީ ކޮޓަރިއަށެވެ. ދެން ފެނުނީ އޭނާގެ ޖިމް ދަބަސް ހިފައިގެން ނުކުތްތަނެވެ. ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރިއިރު އޭނާ ވާހަކަދައްކަމުން ދިޔައީ ޔަމާނާއެވެ.
"ކާރުގަތަ ދަނީ؟" ކާރުގައި ތަނަކަށް ދާން ބޭނުންވެފައި އިން ސުޖާއު އަހާލިއެވެ. އޭނާ މަޑުކޮށްގެން އެ އިންނަނީ ވެސް އީހާނު ގެއަށް އަންނާނެ އިރަކަށެވެ. ސުޖާއަށް ބަލާލަމުން ފޯނުގައި ހުރެ ދެފަރާތަށް އީހާނު ބޯހޫރުވާލިއެވެ. އަދި އޭނާ ގެއިން ނުކުތީއެވެ.
* * * * *
ޖިމަށް ވަދެގެން އައިއިރު ވެސް އެހެން ދުވަސްދުވަހާ އީހާނު ތަފާތުކަން ޔަމާނަށް ފާހަގަކުރެވުނެވެ. ޕާސަނަލް ޓްރެއިނާއަކަށްވާތީ އެވަގުތު އޭނާގެ ކްލައިންޓު ދޫކޮށްލާފައި އީހާނުގެ ކައިރިއަށް ނާދެވުނަސް އެކުވެރިޔާގެ ހަރަކާތްތަކަށް އޭނާ އައީ ބަލަމުންނެވެ. އެހެން ދުވަސްދުވަހާ ހިލާފަށް ގިނައިން އޭނާ ކަސްރަތުކުރިއެވެ. އޭނާގެ ތަބީއަތް ރަނގަޅުހެނެއް ހިޔެއްނުވެއެވެ. މީހުން މަދުވެ ޔަމާނުގެ ޑިއުޓީ ނިމުނުއިރު ވެސް އީހާން ނިންމާލަން ގަސްދެއް ނުކުރިއެވެ.
"މިއަދަށް ވާވަރުވެއްޖެ. ދެން ތެދުވޭ... ސްޓްރެޗިން ހަދާފަ އާދޭ ދާން." އީހާންގެ ކުރިމަތީ ހުއްޓެމުން ޔަމާން ބުނެލިއެވެ. މޭމަތީގެ ކަސްރަތު ކުރާ "ފްލައި މެޝިން"ގަ އިން އީހާނު ގަދަކަމުން ނެގިއެވެ. އީހާނު މަޖުބޫރުވެފައި ހުރެ ޔަމާނާއެކު ސްޓްރެޗިން ހަދަން ފެށިއެވެ. އޭނާ އަދި އެނބުރި ގެއަށްދާން ތައްޔާރެއްނޫނެވެ. ދާހިއްލާ މީހާ ވަރުބަލިވެފައި ވިޔަސް މެއެވެ.
"ކޮފީއަކަށް އަރާފައެއްނު ދާނީ." ޖިމް ހުންނަ އިމާރާތުން މަގުމައްޗަށް ނުކުންނަމުން ޔަމާނު ބުންޏެވެ. އީހާނު އާނއެކޭ ބުނެލީ ހަމައެކަނި ބޯޖަހާލަމުންނެވެ. ދެ ޒުވާނުން ސައިކަލުގައި އައިސް އެމީހުން އާންމުކޮށް އަރާ ތިބޭ ކެފޭއަށް ވަނެވެ.
"ކަމެއް ދިމާވީތަ؟... މިހާރު ޝީންއާ އެއްކޮށް ނުފެނޭ. ރިދާ ގުޅީމަ ޝީން ފޯނު ނުނަގާ ވާހަކަ ބުނި." ފަރުވާތެރިކަމާއެކު އީހާނުގެ މޫނަށް ބަލަން އިނދެ ޔަމާނު ވާހަކަދެއްކިއެވެ.
"އެކަން ނިމިއްޖެ. ތިމީހުންނާ ބައްދަލުވީ އަހަރެންގެ ފަރާތުންވީމަ ގުޅުން ބާއްވަން ބޭނުންނޫނީ ކަންނޭނގެ." އީހާނު ބުނެލީ ނިކަން ފަސޭހައިންނެވެ.
"އެކަމުގެ ވަރުތަ ތި ބާލާލީ." ޔަމާނު އަހާލިއެވެ. އީހާނު ނޫނެކޭ ބުނާހެން ދެފަރާތަށް ބޯހޫރާލިއެވެ.
"އެވާހަކަ ބާއްވާ. ޔާނު ބުނެބަލަ... ރިދާއާ އިންނާކަށް ނުވިސްނަން. ތިހެން ހުއްޓާ ރިދާ އެހެންމީހަކާ ރައްޓެހިވެއްޖެއްޔާ. ކައިވެނި ކުރާ ހިޔާލެއްކޮށްފިއްޔާ ދެނޯ." އީހާނުގެ ވާހަކައިން ޔަމާނު ކައިރިއަށް އައީ ހިންޏެވެ.
"ރިދާ... ކައިވެނި... އެހެންމީހަކާ... އަހަރެމެން ސީރިއަސްހެން ހީނުވަނީތަ؟. ހެ ހެ ހެ... އަސްލު ކައިވެނި ނުކުރާކަށްނޫން. ރިދާއަށްވުރެ ބޮޑަށް އަހަރެން އޭނާދެކެ ލޯބިވޭ. އޭނާ އެދެފިނަމަ މިހާރު ވެސް ކައިވެނި ކުރާނަން. އެކަމަކު އޭނާއަކީ އެކަހަލަ އަންހެންކުއްޖެއްނޫން. މުސްތަގުބަލާމެދު ވަރަށް ދުރަށް ރިދާ ވިސްނާ... އަހަރެމެން ހަމަޖެހިގެން އުޅޭން އޭނާ ވިސްނާ. އޭނާ ދިރިއުޅުމުގަ ހާސިލުކުރަން އެދޭ ކަންކަން އެބަހުރި. ރިދާ އަހަންނަށް ކުރާ އިތުބާރު އޭނާއަށް ވެސް އަހަރެން ކުރަން. ދެމެދުގައި އޮތް އިހްސާސްތައް އެއްގޮތްވާން ޖެހޭނެ. ރިދާ ދޯކާއެއް ނުދޭނެކަން އެނގޭ. އެކަހަލަ ބޭކާރު ޝައްކުތަކެއް މަށެއްނުކުރަން. އަހަރެންގެ ފޯކަސް ހުރީ މެރީ ކުރަންވާއިރަށް ފައިސާ އެއްކުރުން. ރިދާ ޓްރެވެލްކުރަން ބޭނުންވާވަރު އަހަންނަށް އެނގޭ. އައި ވޯންޓް އެވްރިތިންގް ޓުބީ ޕާފެކްޓް ފޯ ހާ." ޔަމާނު ދެން ވެސް ބަދަލުކޮށްލީ ފުޅާ ހިނިތުންވުމެކެވެ.
"ކަމޯން ބްރަދާ... ޓިއުން ދިމާވާ ކަހަލަ ކުއްޖަކާ އަދި ދިމާނުވަނީ. މާބޮޑަށް ނުވިސްނާ. އަންހެނުން ހުސްވީކީ ނޫނެއްނު." އީހާންގެ ދިރިއުޅުމާމެދު އޭނާ ވިސްނަނީއޭ ހީވެ ޔަމާނު ބުނެލިއެވެ. ފަނޑު ހިނިތުންވުމެއް އެކުވެރިޔާއަށް ދެމުން އީހާނު ބޯޖަހާލީއެވެ.
އީހާންގެ އިހްސާސްތައް ޔަމާނަށް ނޭނގުނަސް އެ މޫނުގައި ކުރީން ހުރި އަސަރުތައް ފިލައިފިއެވެ. އެކުވެރިޔާ ހަމަޖެހިއްޖެ ކަމުގަ ޔަމާނު ދުށީ އެހެންވެއެވެ. ކޮފީ ނިންމާފައި ދެމީހުން ނުކުމެ ސައިކަލަށް އެރިއެވެ. ދެމީހުންގެ މަންޒިލު ތަފާތެވެ. ޔަމާނު ގޭދޮށަށް ނައްޓާލީއެވެ. އީހާނު ދިޔައީ ހުޅުމާލެއާ ދިމާއަށެވެ.
* * * * *
ރޭގަނޑުގެ ކެއުން ސުފުރާ މައްޗަށް ނެގުމުގައި ލަމްހާއާއެކު ނީރާ އުޅެއެވެ. އޭނާ ގެއަށް އައިރު އީހާނު ގެއަކު ނެތެވެ. އެނބުރި އައިކަމެއް ވެސް ނީރާ ނުދެނަހުއްޓެވެ. ކޮޓަރީގަ އީހާނު އުޅޭތޯ ބަލަން ނީރާ އައީ ކާމޭޒު ދޮށަށް ސުޖާއު ވެސް އެރީމައެވެ. ތަޅުގައި ހިފާލުމާއެކު ދޮރު ހުޅުވާލައި ނީރާ ކޮޓަރި ތެރެ ބަލާލިއެވެ. އީހާނަށް ގޮވާލިއެވެ. އެނދުމަތިން ފޭބި އީހާނު ހުރީ ކޮޅަށެވެ. ގޭތެރޭ އާންމުކޮށް ލާ އުޅޭ ބިސްތޮށި ކުލައިގެ ލިނެން ހަރުވާޅުގައި ހުރިއިރު އީހާނުގެ ފޫޅުން މަތި އޮތީ ހާމައަށެވެ. އިސްތަށިގަނޑުގައި އެއްވެސް ތަރުތީބެއްނެތި ހޭވިފައެވެ.
"ކީއްތަ ތިކުރަނީ؟. އާދޭ ކާން." ނީރާ ބުނެލިއެވެ. އޭނާއަށް އީހާނުގެ އެ ސިފައަކީ ފެނި އާދަވެފައި ހުރި ސިފައެކެވެ. ނަމަވެސް އީހާނު ހުރި ގޮތް ނީރާއަށް ފާހަގަވާން އީހާނުގެ ހިތް ބުނަމުންދިޔައެވެ. އެއްޗެކޭ ނުބުނެވިފައި އީހާން ހުއްޓާ ނީރާ ހިނގައްޖެއެވެ. ހަވީރު ލައިގެން އުޅެފައި ބޭލި ކޮނޑުކެނޑި ނަގައި ގަޔަށް ހެޔޮވަރު ކުރަމުން އީހާން ނުކުތެވެ.
"ކޮންއިރަކު އައީ؟" ކާމޭޒު ދޮށުގައި އިނދެފައި އީހާން ސުވާލުކުރީ ނީރާއާއެވެ.
"އިރުއޮއްސުނު ވަގުތު." އަނގަ ފުރައިގެން އިނދެ ނީރާ ވާހަކަދެއްކިއެވެ. ހެނދުނު ފެނުނުއިރު ނީރާގެ ތަބީއަތް ގޯސްވެފައި ހުރިކަން ފާހަގަވިޔަސް މިހާރު އޭނާ ފެންނަނީ ނިކަން ހަމަޖެހިފައިކަން އީހާނަށް ފާހަގަ ކުރެވުނެވެ. ސުވާލު ގިނަ ނުކުރީ މަންމަ އިނީމައެވެ. ނީރާ ނުރުހުންވެއްޖެނަމަ މަންމަ އަރާނީ ނީރާއާ އެއްކޮޅަށްކަން އީހާނަށް އެނގޭތީއެވެ.
"ކެފޭއަށް ނުދަންތަ؟" ނީރާ އަހާލިއެވެ.
"އިރުކޮޅަކުން... ނުނިދައްޗޭ އަހަރެން އަންނަންވާއިރަށް." އީހާނު ބެލީ އާންމު އުސޫލުން ނީރާއާ ވާހަކަދެއްކޭތޯއެވެ.
ކެއުމުގެ ކަންކަން ނިމުމުން އީހާނު ތައްޔާރުވެގެން ގެއިން ނުކުތީ ކެފޭއަށް ދާށެވެ. އޭނާ ދިއުމާއެކު ލަމްހާއާއި ސުޖާއުއާއެކު އީހާނުގެ އުފަން ދުވަހުގެ މަޝްވަރާ ނީރާ ފެށިއެވެ. އެމީހުންގެ އެހީތެރިކަމާ ނުލާ އެކަން ފުރިހަމަނުވާނެތީއެވެ. ގާތް އެކުވެރީން ނޫން ބަޔަކަށް ދައުވަތުދޭން ނީރާ ނުވިސްނައެވެ. އީހާނުގެ އުފަން ދުވަހުގެ ތަހުނިޔާ ސަޕްރައިޒެއްގެ ގޮތުގައި ބާއްވަން ނީރާ ގަސްދުކުރިއެވެ. ކަމެއް ހިނގާކަމުގެ ހިލަން އީހާނަށް ވާން ނީރާ ނޭދެއެވެ.
ލަމްހާއާއި ސުޖާއު އެގާރަ ޖަހަންވާއިރަށް ނިދަން ވަދެއްޖެއެވެ. ސިޓިންރޫމުގައި ޓީވީ ހުޅުވާލައިގެން ސޯފާގެ ދިގަށް އޮށޯވެލައިގެން ނީރާ އޮތެވެ. ދެއަތުން ފޯނުން ހިފަހައްޓާލައިގެން އޮވެ އޭނާ ލައިޒަލްއާ ވާހަކަދައްކަނީއެވެ. އީހާނު ގެއަށް ވަދެގެން އައީ ބާރަޖެހިފަހުންނެވެ. ކެފޭ ބަންދުކުރަން ޔަމާނާ ހަވާލުކޮށްފައެވެ.
"ކީއްކުރަނީ؟" ނީރާ ފޯނު ބޭއްވި ގޮތް އީހާނަށް ފެނުނެވެ. އޭނާ އައިސް ނީރާގެ ގާތަށް ސޯފަށް ވެއްޓިގަތެވެ.
"ފެންފޮދެއް ދީބާ." ނީރާގެ ފައިކޮޅުގައި ބައްދާ ލައިގެން އޮވެފައި އީހާނު ބުންޏެވެ.
"ފައިން ދޫކޮށްލީމައެއްނު." ނީރާ މިހެން ބުނުމާއެކު އީހާނު ތެދުވެލިއެވެ. ނީރާ ގޮސް ފެންތަށްޓެއް ހިފައިގެން އައެވެ.
"ހަވީރު ނިމޭގަޑިއަށް ބަލާ ދިޔައީން. ދާލިޔާއާ ދިމާވި." ފެންކޯވަރެއް ބޯލައި އަތުގެ ތެރޭ ތަށި ހިފަހައްޓާލައިގެން އިނދެ އީހާން ބުނެލިއެވެ.
"އެސޯސިއޭޝަން ކައިރިއަށްތަ؟" ނުތަނަވަސްކަން ވެރިވެގެން ދިޔަ ނީރާއަށް އަހާލެވުނެވެ.
"ހޫމް... އެތާނގައޭވީ ބުނީމަ." އީހާންގެ އަޑުގައި ދެން ވެސް ވީ މަޑުމައިތިރިކަމެވެ.
"އީހާން..." ކޮޅަށް ހުރި ނީރާ ސޯފާގައި އިށީނެވެ. ފަރުވާތެރިކަމާއެކު އީހާނަށް އޭނާ ބަލާލިއެވެ. ވަޒީފާ އަދާކުރާ އެއްވެސް ތަނަކަށް ނުގޮސް ހުރިހާ ވަގުތެއް ނީރާ ހޭދަކުރީ ލައިޒަލްއާއެކު ކަން އެނގެން ނީރާ ނޭދެއެވެ. އަދި އެވާހަކަ ދައްކަން އަވަހެވެ. އީހާނު ވަރަށް ހަމަޖެހިފައި ހުންނަ ވަގުތެއްގައި ނޫނީ ލައިޒަލްގެ ނަން ކިޔަން ނީރާ ޖެހިލުންވަނީއެވެ. އީހާނުގެ ގޮތް އެނގޭތީއެވެ. ނީރާގެ އެއްވެސް ހޮވުމެއް އީހާނަށް ކަމުނުދާނޭކަން އެނގޭތީއެވެ. މިހާތަނަށް ނީރާއާ މެދު ޝައުގުވެރިވީ ޒުވާނުންނަށް ކަންތައްވެފައި ހުރި ގޮތުން ވެސް މެއެވެ. ލައިޒަލްއާއެކު އޮތް ގުޅުން ނިމުމަކަށް ގެނައުމަކީ ނީރާ ކުރާނޭ ކަމެއްނޫނެވެ.
"ކީއްވެ އީހާން ދިޔައީ؟. އަބަދު ތިހެން ކަންތައްނުކޮށްބަލަ... ކީއްވެ އަހަރެން އެއްޗެކޭ ބުނީމަ ގަބޫލުނުކުރަނީ. ފާރަލާ މީހަކުހެން އީހާނު އަހަރެންގެ ފަހަތުގައި އަބަދު ހުންނައިރު އެނގޭތަ އަހަރެން ނޭވާ ހާސްވާވަރު. އަހަރެން ވެސް އަމިއްލަ ސްޕޭސްއެއް ބޭނުންވާނެ. ޕްރައިވެސީ ބޭނުންވާނެ... ކީއްވެ އީހާނަށް ނުވިސްނެނީ."
"ނީރާ މިހާރު އަހަންނަށް ބޭނުންނުވަނީތަ؟" އީހާނު އަހާލިއެވެ.
"ޔޫ އާ ފެމިލީ. އަހަރެގެން މިނޫނީ ފެމެލީއެއް ކޮބާ؟. ފެމެލީއަށް ބޭނުންވާނެ އަބަދުވެސް. އެކަމަކު މިދައްކަނީ އެހެން ވާހަކައެއް. އީހާން... އަހަރެންނަކީ އަންހެނެއްކަން އެނގޭތަ. އަދި ތީ ފިރިހެނެއް." ނީރާއަށް އިތުރަށް އެ ވާހަކަތައް ވިސްނައިދޭން ދައްކާނީ ކިހިނެއްކަމެއް ނޭނގުނެވެ. އީހާނު އެއްޗެކޭ ބުނޭތޯ އެ މޫނަށް ބަލަހައްޓައިގެން ނީރާ އިނެވެ.
"އަހަރެން ބޭނުމެއްނޫން އަހަރެމެންގެ ދެމެދުގައި އޮތް އެއްވެސް ކަމެއް ބަދަލުވާކަށް. ޔޫ އާ ދި ކްލޯސަސްޓް ޕާސަން ޓު މައި...." އީހާންގެ ނަޒަރު ނީރާއާ ސީދާކޮށްލިއެވެ. އޭނާ ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުކުރިއެވެ. ވައަތްތިލަ އުފުލާލައި ނީރާގެ ކޯތާފަތުގައި އީހާން އަތް ޖައްސާލިއެވެ. ފިނިފެންތަށީގައި ހިފަހައްޓައިގެން އިނުމުގެ ސަބަބުން އެ އަތްތިލަ ވަނީ ފިނިވެފައެވެ. އެ ފިނިކަމުގެ އިހްސާސް ކުރެވުނު ނަމަވެސް އީހާންގެ އަތް ނީރާ ފޮޅުވައެއް ނުލިއެވެ. އޭނާ ބޭނުންވަނީ އީހާނަށް ވިސްނޭށެވެ. އިހްސާސްތަކަކާއި ޖަޒުބާތުތަކުގައި ހުރިހާ ހިއްސެއްމެ ޝާމިލުވާ ފުރިހަމަ އަންހެނެއްކަން ނީރާއަކީ ވިސްނޭށެވެ. (ނުނިމޭ)