މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖް ވެގެންދާނީ ދިވެހިންނަށް އަރައިނުގަނެވޭނެ ވަރުގެ އަގު ދައްކަން ޖެހޭނެ ހިތާމައަކަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖު 2023 ވަނަ އަހަރަށް އެއްކޮށް ނިންމާނުލެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައެވެ.
މާލެ-ހުޅުލެ ގުޅުވާލި ތާރީހީ ބްރިޖް ހެދި ދުވަސްވަރު އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ސައީދު ވިދާޅުވީ ތިލަމާލެ ބްރިޖްގެ މަސައްކަތް ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ޒައާމަތެއްގައި ނިންމައިނުލެވޭނެ ކަމަށެވެ. އެއީ ޗެލެންޖް ކުރައްވާ ވިދާޅުވާ ވާހަކައެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ސައީދު ސިފަ ކުރެއްވި ގޮތުގައި ތިލަމާލެ ބްރިޖް ވެގެންދާނީ ދިވެހިންނަށް އަރައިނުގަނެވޭނެ ވަރުގެ އަގު ދައްކަން ޖެހޭނެ ހިތާމައަކަށެވެ.
"ޗެލެންޖް ކޮށްފައި ބުނަން. މިއީ [ތިލަމާލެ ބްރިޖް] ދުވަހަކުވެސް ރައީސް ސޯލިހު އަކަށް ރައީސް ނަޝީދަކަށް ނިންމޭނެ ކަމެއް ނޫން. މިއީ ދިވެހިން އަރައިނުގަނެވޭނެ ވަރުގެ އަގު ދައްކަން ޖެހޭނެ ހިތާމައެއް،" ސައީދު ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން ރާއްޖޭގައި ބިޔަ މަޝްރޫތަކެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ތިލަމާލެ ބްރިޖްގެ މަަސައްކަތް ކަމަށެވެ. އެ މަޝްރޫއު ވަނީ ބިޑްކޮށް، ބަޔަކަށް އެވޯޑްކޮށް، އެގްރިމެންޓްގައި ސޮއި ކުރުމުގެ މަރުހަލާގައި ކަމަށް ވިދާޅުވި އެވެ.
ބްރިޖް ހެދުމުގެ އެގްރިމެންޓްގައި ސޮއި ކުރުމުގެ ކުރިން ބިޑް ޑޮކިއުމެންޓާ ގުޅޭ މަޝްވަރާތަކެއް ކުރަން އެބައޮތް ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. އިއްޔެ ވެސް މަޝްވާރެގެ ބައްދަލުވުމެއް ބޭއްވުނުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވަރަށް އަވަހަށް އެގްރިމެންޓްގައި ސޮއިކުރެވިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ 2023 ވަނަ އަހަރުގައި ބްރިޖް މަސައްކަތުގެ ބޮޑުބައި ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް ތިލަފުށްޓާއި ގުޅުވާ ނުލެވޭނެ ކަމަށެވެ. އެއީ ކޮވިޑާ ގުޅިގެން ދޮޅު އަހަރު ގެއްލުމުން ވީކަމެއްގެ ގޮތުގައި ވިދާޅުވި އެވެ. ބްރިޖްގެ ނިމޭނެ ބައި 2023 ވަނަ އަހަރު ހުޅާވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.
ތިލަމާލެ ބްރިޖު އެޅުމުގެ ގޮތުން ސާވޭގެ މަސައްކަތް ކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏަކުން 15 މިލިއަން ޑޮލަރަށެވެ. ނެދަލޭންޑުގެ ފުގްރޯ ކުންފުނިން މި މަސައްކަތުގެ ދަށުން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފުމުގެ މަސައްކަތް ކޮށް ދިރާސާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ތިލަ މާލެ ބްރިޖަށް، އިންޑިއާއިން 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ)ގެ ލޯނު ދިނުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއި ކޮށްފަ އެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ އޮތް 400 މިލިއަން ޑޮލަރަކީ ލޯނެވެ.