މުހައްމަދު ސައީދު

"ކޯލިޝަންގައި ތިއްބެވީ ކަޑަޖެއްސެވި ލީޑަރުން"

ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުންނަކީ މަޝްރޫއުތަކުގައި ހުސް ކަޑަ ޖެއްސެވި ބޭފުޅުން ކަމަށް ވިދާޅުވެ ތިލަމާލެ ބްރިޖްގެ މަސައްކަތް ފުރިހަމަކޮށް ނިންމިދާނެ ކަމާމެދު ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަައީދު ސުވާލު އުފައްދަވައިފި އެވެ.

މާލެ، ވިލިނގިލި އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖްގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. ސަރުކާރުން އަމާޒު ހިފަނީ ރިޔާސީ އިންތިހާބުގެ ކުރިން މާލެ-ވިލިމާލެ ބްރިޖުން ގުޅުވާލުމަށެވެ.

ނަމަވެސް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ ބްރިޖް މަސައްކަތަށް ފަސް އަހަރު ހޭދަވާނެ ކަމަށް ބުނެފަ އެވެ. ތިލަ މާލެ ބްރިޖަށް، އިންޑިއާއިން 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ) ގެ ލޯނު ދިނުމުގެ އެއްބަސްވުމުގައި ވަނީ ސޮއި ވެސް ކޮށްފަ އެވެ. އެ ފައިސާގެ ތެރެ އިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ އޮތް 400 މިލިއަން ޑޮލަރަކީ ލޯނެވެ. ލޯން ދީފައި ވަނީ އެގްޒިމް ބޭންކުންނެވެ.

އެކަމަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ގިނަ ބޭފުޅުންނަކީ މަޝްރޫއުތަކުގައި ހުސް ކަޑަ ޖެއްސެވި ބޭފުޅުން ކަމަށެވެ. ހަރުދަނާ ވިސްނުމެއް ނެތި މިހާ ބޮޑެތި ކަންކަން މިއީ އަޖުމަ ބަލަން ކައިރިވާވަރުގެ ކަމެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.

"އިންތިހާއަށް ބޮޑު ހަރަދާއެކު ޖަހާ ތަނބު އެކަނި ހުންނަން ވެއްޖެނަމަ ފަހުން ހިތާމަ ކުރާނެ،" ސައީދު ވިދާޅުވިއެވެ.

މާލެ އާއި ތިލަފުށި އަދި ވިލިމާލެ ގުޅިގެންދާ ގޮތަށް ބްރިޖް އެޅުމުގެ ގޮތުން ސާވޭގެ މަސައްކަތް ކޮށްފައިވަނީ ނެދަލެންޑްސްގެ ކުންފުންޏަކުން 15 މިލިއަން ޑޮލަރަށެވެ. ނެދަލޭންޑުގެ ފުގްރޯ ކުންފުނިން މި މަސައްކަތުގެ ދަށުން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފުމުގެ މަސައްކަތް ކޮށް ދިރާސާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަހަރަށް މަޖިލީސް ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ބްރިޖުން ގުޅައިލުމުގެ އަމަލީ މަސައްކަތް ވެސް، ކުރިއަށް އޮތް ހަ މަސްތެރޭގައި ފެށިގެންދާނެ ކަމަށެވެ.