ނީލަމް ކޮތާރީ އަކީ 1980ގެ އަހަރު ތަކުގަ އާއި 1990ގެ ކުރީކޮޅު ބޮލީވުޑްގައި އެންމެ ވިދާލި އެއް ބަތަލާ އެވެ. ހޮންގްކޮންގް އަށް އުފަން ނީލަމް އަކީ އޭރުގެ ހުރިހާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ފޭވަރިޓަށްވީއިރު ފޭނުންގެ މެދުގައި ވެސް އޭނާ ވަރަށް މަގުބޫލެވެ.
ނީލަމްގެ ފިލްމީ ކެރިއަރުގެ އެންމެ ރަން ޒަމާނުގައި އޭނާގެ ލޯބިވެރިޔަކީ ބޮބީ ޑެއޯލް އެވެ. ބޮބީ ފިލްމު ކުޅެން ފެށުމުގެ މާކުރިއްސުރެ ނީލަމް އާއި އޭނާގެ ލޯބީގެ ގުޅުން އޮތެވެ. ފަސް ވަރަކަށް އަހަރަށް ދެމިގެން ދިޔަ މި ގުޅުމާ މެދު ބޮބީ އާއި ނީލަމް ވެސް ވަރަށް ސީރިއަސް އެވެ. އެ ދުވަސްވަރު ދެ މީހުން ތިބީ އެކަކު އަނެކަކާ ހެދި ލޯބިން މޮޔަވާވަރު ވެފަ އެވެ. އެހެންވެ މި ލޯބީގައި ކައިވެނީގެ ކުލަ ޖައްސައި މުޅި އުމުރަށް އެކުގައި އުޅެން މި ދެ މީހުން ބޭނުންވި އެވެ. ނަމަވެސް އެމީހުން ލޯބިވާން ތަގްދީރުގައި ނެތުމުން އެކަން ވާގޮތް ނުވީ އެވެ.
ބޮބީ އާއި ނީލަމްގެ ލޯބީގައި ނުބައިބައި ކުޅުނީ ބޮބީގެ ބައްޕަ އަދި ފިލްމު އެކްޓަރު ދަރުމެންދުރަ ކަމަށް އެ ދުވަސްވަރު މީޑިއާތަކުގައިވާ ޚަބަރުތަކުގައި ބުނެފައި ވެއެވެ. އޭނާގެ އެއްވެސް ދަރިއަކު ބޮލީވުޑް ބަތަލާ އަކާ ކައިވެނިކުރުމަކީ ދަރުމެންދުރަ ގަބޫލު ކަމެއް ނޫނެވެ. އެހެންވެ ނީލަމްއާ ރުޅިވާން ބޮބީއަށް މަޖުބޫރުވީ އެވެ.
ސްޓާޑަސްޓް އަށް މީގެ އެތައް އަހަރެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ނީލަމް ވަރަށް ސާފު ބަހުން ބުނެފައިވާ ގޮތުގައި އޭނާ އާއި ބޮބީ ވަކިވީ އެ ދެމެދަށް ތިންވަނަ މީހަކު ވަދެގެނެއް ނޫނެވެ. އެ ދެ މީހުން ވަކިވާން އެއްބަސްވެފައި ވަކިވީ އެވެ.
ނީލަމް މިހެން ބުނީ ބޮބީ އާއި ނީލަމް ރުޅިވާން ޖެހުނީ އެ ދެމެދަށް ޕޫޖާ ބަޓް ވަދެގެން ކަމަށާއި ބޮބީ އާއި ޕޫޖާގެ ވެސް ސިއްރު ގުޅުމެއް އޮތް ކަމަށް އެ ދުވަސްވަރު ވާހަކަތައް ފެތުރިފައި އޮތުމުންނެވެ.
ލޯބިވާ މީހަކާ ވަކިވާން ޖެހުމަކީ ވަރަށް ހިތަށް އަސަރުކުރާ ކަމެއް ކަމަށް ނީލަމްގެ އިންޓަވިއުގައި އެއްބަސްވެފައިވެ އެވެ. ނަމަވެސް ބޮބީ އާއި ވަކިވާން ނިންމި ނިންމުމަކީ އޭނާގެ ހަޔާތުގައި ނިންމުނު އެންމެ ބުއްދިވެރި އެއް ނިންމުން ކަމަށް ނީލަމް ގަބޫލު ކުރެ އެވެ. އެކަމުގެ ސަބަބުން އޭނާގެ އާއިލާގެ މީހުން ވަރަށް އުފާވި ކަމަށާއި ހަޔާތުގައި އަޅާނުލެވި ހުރި ގިނަ ކަންތައްތަކަށް އަޅާލާނެ ފުރުސަތު ލިބިގެން ދިޔަ ކަމަށް ވެސް ނީލަމް ބުންޏެވެ.
ނީލަމް ބުނި ގޮތުގައި ބޮބީ އާ ރައްޓެހިވެގެން ފަސް އަހަރު ދުވަހު އޭނާ އުޅުނެވެ. ބޮބީއާ އެކު އުފާވެރި ހަޔާތެއް ހޭދަ ނުކުރެވޭނެކަން އޭނާއަށް ވިސްނެން އެހާ ގިނަ ދުވަސް ނެގި ކަމަށް ނީލަމް އެއްބަސްވި އެވެ.
"އެހާ ގިނަ ދުވަސް ފަހުން ކުއްލިއަކަށް އަހަންނަށް އިހްސާސްވީ ބޮބީއާ އެކު އަހަރެންނަށް އުފާވެރި ހަޔާތެއް ވޭތު ނުކުރެވޭނެކަން. އަހަންނަށް ވެސް އެނގޭ މިކަން ގަބޫލުކުރެވެން ފަސް އަހަރަކީ ވަރަށް ދިގު މުއްދަތެއްކަން. ލަހުން ނަމަވެސް އަހަންނަށް އެކަން ގަބޫލުކުރެވިއްޖެތާ. އެހިސާބުން އަހަރެން ވަރަށް އަވަހަށް ފިޔަވަޅު އަޅަން އިސް ނެގިން. ރުޅިވާން މުޅިން ނިންމައި އަދި އެގޮތަށް އަމަލުވެސް ކުރިން. އަހަރެން ކަމެއް ކުރަން ނިންމައިފިއްޔާ ދެން ފަސް އެނބުރި ބަލައެއް ނުލާނަން،" ނީލަމް ބުންޏެވެ.
ބޮބީ އޭނާގެ ބައްޕައާ އިދިކޮޅަށް އެއްވެސް ކަމެއް ނުކުރާނެކަމާއި އެ ދެ މީހުންގެ ލޯބީގައި އެއްވެސް ކުރިމަގެއް ނެތްކަން ނީލަމް އަށް ވިސްނުނީ 15 ދުވަހަށް އެމެރިކާއަށް ކުރި ދަތުރެއްގައި އެ ގައުމުގައި ހުއްޓަ އެވެ. އެހެންވެ އެނބުރި އައިސް އޭނާ ބޮބީ އާ ބައްދަލުކޮށް މިކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުން ބޮބީ ހުރީ ބައްޕަ އާ ދެކޮޅު ހަދަން ތައްޔާރަށް ނޫންކަން ޔަގީންވި އެވެ. އެހިސާބުން ދެ މީހުން އެއްބަސް ކިޔާފައި ވަކިވީ އެވެ.
ބޮބީއާ ރުޅިވުމަށްފަހު ނީލަމްގެ އާއިލާއިން 2000 ވަނަ އަހަރު ޔޫކޭގެ ވިޔަފާރިވެރިއެއް ކަމަށްވާ ރިޝީ ސޭތިއާއާ ކައިވެނި ކުރުވި އެވެ. ނަމަވެސް އެ ކައިވެނި މާ ގިނަ ދުވަހެއް ނުވެ ވަނީ ނިމުމަކަށް އައިސްފަ އެވެ. ސަމީރް ސޯނީ އާއި ނީލަމް ކައިވެނިކުރީ 2011 ގައެވެ. މި ކައިވެންޏަށް ދެ އަހަރުވީއިރު ވެސް ދަރިއަކު ނުލިބުމުން 2013ގައި މި ދެމަފިރިން ވަނީ ކުޑަ އަންހެން ކުއްޖެއް އެޑޮޕްޓް ކޮށްފަ އެވެ. މި ކުއްޖާގެ ނަމަކަށް މި ދެމަފިރިން ދީފައިވަނީ އާހަނާ ސޯނީ އެވެ.
ބޮބީ ކައިވެނިކުރީ ތާނިއާ އަހޫޖާ ކިޔާ މީހަކާ އެވެ. މި ކައިވެންޏަށް ދެ ފިރިހެން ދަރިން ލިބިފައިވެ އެވެ. އާރްޔަމަން ޑިއޯލް އާއި ދަރަމް އެވެ.