އިޒްރޭލުން މޮރޮކޯގެ ވެރިރަށް ރަބަތުގައި ބުރާސްފަތި ދުވަހު ލިއޭޒަން އޮފީހެއް ހުޅުވައިފި އެވެ.
މި އޮފީހުގެ ބޭނުމަކީ އިޒްރޭލާއި މޮރޮކޯއާ ދެމެދު ވިޔަފާރިއާ އިންވެސްޓްމަންޓްތައް އަދި މިފަދައިން ދެގައުމުގެ ދެމެދުގައި ކުރެވޭ މުއާމަލާތްތައް ބަލަހައްޓާ ފަސޭހަކުރުމެވެ.
މޮރޮކޯގައި ލިއޭޒަން އޮފީހެއް ހުޅުވިކަން އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔައީރު ލަޕީދު ވަނީ ޓްވީޓާގައި އިއުލާންކުރައްވާފަ އެވެ. މިރަސްމިއްޔާތުގައި މޮރޮކޯ ފޮރިން މިނިސްޓްރީގެ އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ލަފީދު ވިދާޅުވި ގޮތުން މޮރޮކޯގައި އިޒްރޭލު ތަމްސީލުކުރެވެން ފެށުމަކީ ތާރީޚީ ކަމެކެވެ. އޭނާ ވިދާޅުވި ގޮތުން އިދާރީ ފޮތްތަކުގައި ރަސްމިއްޔާތު އޮތް ދުވަސް ކުލަގަދަކޮން ލިޔަން ޖެހެ އެވެ.
މޮރޮކޯއިން ވަނީ އިޒްރޭލާ އެކު ޑިސެމްބަރުގައި ގުޅުން ބަދަހިކޮށްފަ އެވެ. މިއެއްބަސްވުމުގެ ދަށުން ދެގައުމުގެ ދެމެދުގައި ވިޔަފާރި އާއި ޓޫރިޒަމް އަދި ތަރައްގީގެ މަސައްކަތްތައް ކުރެވޭނެ އެވެ. ޓެލެކޮމިއުނިކޭޝަނާއި ސަލާމަތީ ފަސޭހަތައް ވެސް މޮރޮކޯއަށް ލިބިގެން ދާނެ އެވެ.
ޔައީރު ލަޕީދު މޮރޮކޯއަށް ވަޑައިގެން އެއްބަސްވުންތަކެއްގައި ސޮއިކުރެއްވި ކަމަށް ވެސް ހަބަރުތައް ބުނެ އެވެ. އޭގެ ތެރޭގައި އޭވިއޭޝަނާއި ޒުވާނުން އަދި ކުޅިވަރާއި ސިޔާސީ ލަފާދިނުމާ ބެހޭ އެއްބަސްވުންތައް ހިމެނެ އެވެ.
އިޒްރޭލާއެކު އޮތް ގުޅުން މޮރޮކޯއިން މެދުކަނޑާލީ 2000 ވަނަ އަހަރު ހިގައިދިޔަ ފަލަސްތީން އިންތިފާޒާއާ ގުޅިގެންނެވެ. އެއަށް ފަހު އަލުން ގުޅުން ގާއިމުކުރީ ފާއިތުވި އަހަރު ޑިސެމްބަރު 10 ވަނަ ދުވަހު އެވެ.
މޮރޮކޯއަކީ އިޒްރޭލާ އެކު ގުޅުން ގާއިމުކުރި ހަތަރުވަނަ އަރަބި ގައުމެވެ. ދެން ހިމެނެނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބަރުރޭން އަދި ސޫދާން އެވެ.