ދައުލަތުގެ ބަޖެޓް

އެމްޑީޕީ އިން ބަޖެޓަށް ގިނަ އިސްލާހުތަކެއް ހުށަަހަޅައިފި

Nov 23, 2015
3
  • ޖުމްލަ 11 އިސްލާހު ހުށަހެޅި
  • ޓެކްސްތައް މަދުކޮށް ސަބްސިޑީ އިތުރުކުރަން ހުށަހެޅި
  • ޕީޕީއެމް އިން ބުނީ އިސްލާހުތައް ހުށަހެޅީ ޖެއްސުމަށް ކަމަށް

ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ 27 ބިލިއަން ރުފިޔާގެ ބަޖެޓަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން 11 އިސްލާހެއް މިއަދު ހުށަހަޅައިފި އެވެ.

ބަޖެޓް ކޮމިޓީގެ މުގައްރިރު، ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ބަޖެޓް ކޮމިޓީގެ ރިޕޯޓް މަޖިލީހަށް އިއްވައި ނިމުމުން، އަންނަ އަހަރުގެ ބަޖެޓަށް އިސްލާހުތައް ހުށަހެޅުމަށް ހުޅުވާލުމުން އިސްލާހު ހުށަހެޅުއްވީ ހަމައެކަނި އެމްޑީޕީގެ މެންބަރުންނެވެ. އެމްޑީޕީ އިން ބަޖެޓަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އާމްދަނީ އިތުރުކުރުމަށް މުޅިން އަލަށް ނަގަން ނިންމާފައިވާ ޓެކްސްތައް އުނިކޮށް ބައެއް ފަރާތްތަކަށް ދޭ އެލަވަންސްތައް ބޮޑު ކުރުމަށެވެ.

އެމްޑީޕީ އިން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ކޮންޓިންޖެންސީ ބަޖެޓުން، 20 މިލިއަން ރުފިޔާ އުނިކޮށް މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި އެ ފައިސާ ހިމެނުމާއި 50 މިލިއަން ރުފިޔާ ކަރަންޓް ސަބްސިޑީއަށް ހަމަޖެއްސުމަށާއި 100 މިލިއަން ރުފިޔާ ހޯމް މިނިސްޓްރީގެ ބަޖެޓުން އުނިކޮށް އެކަނިވެރިމައިންގެ އެލަވަންސަށް 5،000ރ. ބޮޑު ކުރުމަށާއި 20 މިލިއަން ރުފިޔާ ދަނޑުވެރިންގެ ސަބްސިޑީއަށް ހިމެނުމަށެވެ. އަދި ބިދޭސީ އިން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ފީ ނުނެގުމާއި ފްލެޓް ވިއްކާ އިރު ނަގާ ޓެކްސް ނެގުން އެއް އަހަރަށް ފަސް ކުރުމާއި މިހާރު ހުރި ކޮންޓްރެކްޓްތަކުން އެ ޓެކްސް ނުނެގުން ހިމެނެ އެވެ. މީގެ އިތުރުން މީހުން ބަންދުކޮށްފައި ތިބޭ ތަންތަނަށް، ޒިޔާރަތް ކުރުމަށް އެޗްއާރުސީއެމްއަށް ބަޖެޓް އިތުރު ކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.

އެމްޑީޕީ އިން ބަޖެޓަށް ހުށަހެޅި އިސްލާހުތަކާ ގުޅޭ ގޮތުން، ބަހުސްގެ މަރުހަލާގައި މައްޗަން ގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަބްދުﷲ ވިދާޅުވީ ބަޖެޓަށް އިސްލާހުތައް ހުށަހެޅީ ރައްޔިތުން މިކަމަށް ބޭނުންވާތީ ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅާ ކަންތައްތަކަށް ވެސް މަޖިލީހުގައި އިސްލާހުތައް ހުށަހަޅައި ފާޑު ކިޔައި އެކަންކަން ބަލައިގަންނަން ޖެހޭނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. އަދި އެމްޑީޕީ އިން ހުށަހެޅި އިސްލާހުތަކުގައި ރައްޔިތުންނާ ގުޅުން ހުރި ކަންކަން ހިމެނޭނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު ހުށަހެޅި އިސްލާހުތަކުގައި ސަބްސިޑީ އިތުރުކުރުން ހިމެނޭނެ. އެބަ ފެނޭ ގޭގެއަށް ވަންނަ އިރު ކަރަންޓް ބިލު ފެން ބިލު ރައްޔިތުންނަށް ނުދެއްކިގެން އުޅޭތަން. އަޅުގަނޑު ހުށަހަޅާފައި ހުންނާނީ މިގޮތަށް ރައްޔިތުންނާ ގުޅުން ހުރި އިސްލާހުތައް،" މާރިޔާ ވިދާޅުވި އެވެ.

ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އައިބީ ވިދާޅުވީ، އެމްޑީޕީން ހުށަހެޅި އިސްލާހުތަކަކީ ޖެއްސުމަށް ހުށަހެޅި ކަންތައްތަކެއް ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ބައެއް ޓެކްސްތައް އުނިކުރުމަށް ފަހު ވެސް، ދައުލަތުގެ ހަރަދުތައް ބޮޑުވާ ގޮތަށް އިސްލާހުތައް ހުށަހަޅާފައި ހުރުމެވެ. މިއީ ރައްޔިތުންނަށް ކުރާ މަލާމާތެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

އެ އިސްލާހުތަކާ މެދު ކުރާ ބަހުސް ނިމުމަށް ފަހު، ބަޖެޓް ފާސްކުރުމަށް މިއަދު މަޖިލީހުގައި ވޯޓަށް އަހާނެ އެވެ.
ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 22.8 ބިލިއަން ރުފިޔާ އެވެ. އަދި ދަރަނީގެ ގޮތުގައި ލަފާކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު އަތޮޅުތަކުގައި ހިންގާ އެކި މަޝްރޫއުތަކަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ގޮތުގައި ހިންގާ މަޝްރޫއުތަކަށް 9.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ތައުލީމީ ދާއިރާ ތަރައްގީ ކުރުމަށް 3.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި ސިއްހީ ދާއިރާއަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ޒުވާނުންގެ ތަރައްގީއަށް 378 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.