އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބުރާސްފަތި ދުވަހު ކުޅުނު ދެ މެޗުން މޮޅުވެ ލިޓްލް ޓައުން ސްޕޯޓްސް (އެލްޓީ) އާއި ބިސް ބުރު ސްްޕޯޓްސް ކްލަބް މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ކަށަވަރު ކޮށްފި އެވެ.
އެފްއޭއެމްގެ އެއް ނަންބަރު ޓާފު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ކުއާޓާ ފައިނަލް މެޗުން އެލްޓީ މޮޅުވީ ލޮރެންޒޯ އާއި ވާދަކޮށެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަވަވީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ. އެލްޓީ މޮޅުވީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން 3-2 ގެ ނަތީޖާ އަކުން ލޮރެންޒޯގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ރޭގެ ކުއާޓާ ފައިނަލް މެޗުގައި ބައްދަލު ކުރީ ޓީންއޭޖް އާއި ބިސް ބުރު އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ކޮންމެ ޓީމަކުން އެއް ލަނޑު ޖަހައި ދެޓީމު އޮތީ އެއްވަރު ވެފަ އެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން ބިސް ބުރު ކުރި ހޯދީ 3-1 އިންނެވެ.
އިއްޔެ ކުޅުނު ދެ މެޗުން މި ދެޓީމުވެސް މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. މުބާރާތުގެ ސެމީ ފައިނަލްގައި މި ދެޓީމު ބައްދަލު ކުރާ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހަވީރު އެވެ. އާދީއްތަ ދުވަހުގެ ހަވީރު އޮންނާނީ މިދިޔަ ބުދަ ދުވަހު ކުޅުނު ދެ ކުއާޓާ ފައިނަލުން މޮޅުވި އޮންލީ ވަން އޮޕަޗިއުނިޓީ (އޯވަންއޯ) އާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލު ކުރާ ސެމީ ފައިނަލް މެޗެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.