ހުޅުމާލޭގެ ބީޗް ސަރަހައްދު ތަރައްގީ ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރަނގަޅު ކަމެއް ނަމަވެސް ކައުންސިލްގެ ނުރުހުން އޮތީ އިހްތިސޯސްގެ މައްސަލައެއްގައި ކަމަށް ވިދާޅުވެ އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި އަފްޝަންގެ ފިރިކަލުން ހުސެއިން އަމްރަށް ރައްދު ދެއްވައިފި އެވެ.
މި މައްސަލަ އާއި ގުޅިގެން އަމްރު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތެއް އެޗްޑީސީން އަހާލި ކަމަށްޓަކައި ރުޅި އައިސް ބަޔާން ނެރޭ ހިިސާބަށް ދިއުމަކީ ވަރަށް ހުތުރު ކަމެއް ކަމަށެވެ. އަދި ގައުމު ކުރިއެރުވުމަށްޓަކައި އެސްޓީއޯއިން ކޮށްދެވެން ހުރި ކަންކަމާއި މެދު ރައްޔިތުންގެ ފަރާތުން އަމްރުވެސް ހިޔާލު ހޯއްދަވާކަން ފާހަގަ ކުރައްވަމުން ވިދާޅުވީ މިއީ ހުރިިހާ މުއައްސަސާ އަކުންވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އަމްރުގެ މި ޓްވީޓަށް ރައްދު ދެއްވަމުން އަފްޝަން ވިދާޅުވީ ހުޅުމާލޭގެ އިހްތިސޯސް އަކީ މާލެ ސިޓީ ކައުންސިލުން އަބަދުވެސް ހިއްސާ ކުރާ ކަންބޮޑުވުމެއް ކަމަށެވެ. އަދި ހުޅުމާލޭގެ ބީޗް ސަރަހައްދު ތަރައްގީ ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރަނގަޅު ކަމެއް ނަމަވެސް ކައުންސިލްގެ ނުރުހުން އޮތީ އިިހްތިސޯސްގެ މައްސަލައަކާއި ކަމަށާއި މަޝްވަރާ ކުރުމާ ނޫން ކަމަށެވެ. އެހެން ކަމުން މިިއީ ކައުންސިލްގެ ހިޔާލުފާޅުކޮށް ބަސް ބުނެވޭނެ މައްސަލައެއް ކަމަށެވެ.
އެޗްޑީސީން ކުރަމުން އައި މަސައްކަތްތައް ހުޅުމާލޭ ކައުންސިލަށް ބަދަލު ކުރުމުގައި ގޮންޖެހުންތަކެއް ހުރުމާއި އެކު މި މައްސަލަތައް ހައްލު ކުރެވިފައެއް ނުވެ އެވެ. އަދި ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކަށް ދީފައިވާ ބާރުތަކާއި އެކު މި މަސައްކަތްތައް ކައުންސިލަށް ބަދަލުކުރުމުގައި ގާނޫނީ ހުރަސްތަކެއް ވެސް އެބަހުރި ކަމަށް ބައެއް ގާނޫނީ ބޭފުޅުން ގެންދަނީ ވިދާޅުވަމުންނެވެ.