ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މާޓިން ކޫޕްމަން އާއި އެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަދާފައިވާ އެއްބަސްވުން އުވާލައިފި އެވެ.
އެފްއޭއެމްގެ ޖެނެލަރް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އަވަސްއަށް ވިދާޅުވި މި އެއްބަސްވުން އުވާލީ މިދިޔަ ޖޫން މަހު ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިން މެޗުތަކަށް ފަހު އެފްއޭއެމާ އެކު ކޫޕްމަން ބޭއްވި ބައްދަލުމުވުމުގައި ދެފަރާތުގެ މެޗުގައި ހިޔާލު ތަފާތުވުންތަކެއް ހުރުމުން އެކަމާއި މެދު މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
މިދިޔަ އަހަރު ޖެނުއަރީ މަހު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމާއި ހަވާލުވި ކޫޕްމަންއަށް ރަސްމީ މެޗެއް ނުލިބެނިސް މި އަހަރުގެ ކުރީކޮޅުގައި ވަނީ އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއް ދީފަ އެވެ. މިއީ ރާއްޖޭގެ ގައުމީ ޓީމާއި ހަވާލުވި ކޯޗަކު އެންމެ މަދު މެޗަށް ފަހު މަގާމުން ދުރުކުރި ފަހަރެވެ.
ކޫޕްމަންގެ އިތުރުން މީގެ ތިން މަސް ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ މަގާމުގައި ހުރި ނެދަލެންޑްސްގެ ކޯޗު ރެނޭ ހިޑިންކް ވެސް ވަނީ މަގާމުން ވަކިވެފަ އެވެ. ގައުމީ ޒުވާން ޓިމުގެ ކޯޗުކަން ވެސް ކުރަމުންދިޔަ ރެނޭ ވަކި ކުރުމަށް ފަހު މިމަހުގެ 10 ވަނަ ދުވަހު ގައުމީ ޒުވާން ޓީމުގެ ކޯޗަކަށް އަލީ ސުޒޭން ވަނީ ހަމަޖައްސާފަ އެވެ.
ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕާއި ދިމާކޮށް ރާއްޖޭގެ ޓީމަށް ކޯޗުން ނެގުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށް ޖަވާ ވިދާޅުވި އެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވި އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕަށް ހުސް ދިވެހި އޮފިޝަލުންނާއި ކޯޗުން ހިމަނައިގެން ޓީމެއްް ނެރުން ވަރަށް ގާތް ކަމަށެވެ.
ކޫޕްމަން މަގާމުން ވަކި ކުރުމާއި އެކު އޭނާ ވެގެން ގޮސްފައި ވަނީ މިދިޔަ ހައެއްކަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކޯޗުކަން ގެއްލުނު ފަސްވަނަ ބިދޭސީ ކޯޗަށެވެ.