ޕީއެސްޖީ

އަނިޔާގެ ސަބަބުން ރާމޯސް އެއްމަހަށް ކުޅުމާ ދުރަށް

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާއި އަލަށް ގުޅުނު ޑިފެންޑަރު ސާޖިއޯ ރާމޯސް އެއްމަސް ދުވަހުގެ މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް އެޓީމުން ބުނެފި އެވެ.

ރާމޯސް ކުޅުމާއި ދުރުގައި މަޑުކުރަން ޖެހުނީ އޭނާ ފައިގެ މަސްގަނޑަށް ލިބިފައިވާ އަނިޔާ އަކާ ގުޅިގެންނެވެ. މިދިޔަ މޭ މަހުން ފެށިގެން އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާތަކަށް އަދި ރަނގަޅު ފަރުވާ ހޯދިފައެއް ނުވެ އެވެ.

މަސް ދުވަހަށް ކުޅުމާއި ދުރަށް ދާން ޖެހުމުން މިހިނގާ އޯގަސްޓް މަހުގައި ޕީއެސްޖީ ކުޅޭ އެއްވެސް މެޗަކުން ރާމޯސް ނުފެންނާނެ އެވެ. މީގެ އިތުރުން ސެޕްޓެމްބަރު މަސް ފެށޭ ކޮޅުގައި ސްވިޑެން، ޖޯޖިއާ އަދި ކޮސޯވޯ އާއި ސްޕެއިން ބައްދަލުކުރާ މެޗު ތަކުގައިވެސް ރާމޯސް އަށް ބައިވެރި ނުވެވޭނެ އެވެ.

ރާމޯސްގެ އިތުރުން ޕީއެސްޖީގެ ހަތަރު ކުޅުންތެރިން މިވަގުތު ތިބީ އަނިޔާގަ އެވެ. އެއީ ކޮލިން ޑަގްބާ، އުވާން ބާނެޓް، އިދްރީސާ ގޭ އަދި އަލެކްސެންޑްރާ ލަޓެލިއާ އެވެ.

އެހެންކަމުން މިއަންނަ ހޮނިހިރު ދުވަހުގެ ރޭ ސްޓްރާސްބާގް އާއި ބައްދަލުކުރާ މެޗުގައި މި ކުޅުންތެރިންނަކަށް ނުކުޅެވޭނެ އެވެ. އަދި ޓީމާއި ގުޅުނު ފަހުން އެންމެ ތިން ފަރިތަކުރުމުގައި ބައިވެރި ވެވިފައި ވާތީ މެސީ ވެސް މި މެޗުގައި ނުފެންނާނެ އެވެ.