ވާހަކަ

ވީމޭ ކަލާޔާނުލާ

(9 އޯގަސްޓު 2021އާ ގުޅޭ)

މެންދުރުގެ ހޫނުގަދަ ވަގުތެވެ. ޓެކްސީއަށް އަރައިގެން ހުސްނާ ގެއިން ނުކުތީ ޝީލާގެ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށްފަހުގަ އެވެ. ހުސްނާ މުޅީން ރަނގަޅު ނުވަނީސް އެކަނި މާއެކަނި ލިވިޔާ ދިރިއުޅޭ ގެއަށް ދިޔުމަށް ޝީލާއަށް ރުހެވޭ ގޮތް ނުވީއެވެ. ލިވިޔާގެ ގޮތްދޫ ނުކުރުމުގެ މިންވަރު ޝީލާ އަށް އެނގޭތީއެވެ. އެމީހުންގެ ގުޅުން ނިންމަން ލިވިޔާ ޤަބޫލު ވެދާނެ ކަމަށް، ޝީލާއަށް މިހާރު އެއްގޮތަކަށް ވެސް ޤަބޫލު ނުކުރެވޭތީއެވެ. އެހެންކަމަށް ވަނީ ނަމަ، ލިވިޔާ ބުނާ އެއްޗަކުން ނޫނީ ދައްކާ ވާހަކައަކުން މަންމަ އަށް ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެތީ އެވެ. އެކަމާ ޝީލާ އިނީ ނުހަނު ކަންބޮޑުވެ މާޔޫސް ވެފަ އެވެ.

ގޭގެ ދޮރުގައި ޓަކި ދިން އަޑަށް ލިވިޔާ ގޮސް ދޮރު ހުޅުވައިލިއެވެ. ލިވިޔާ ހީކޮށްގެން ހުރީ ޝަހުރު ކަމަށެވެ. ނަމަވެސް ކަންތައް ހިނގައި ދިޔައީ ލިވިޔާ ހީކުރި ގޮތަކަށް ނޫނެވެ. ދޮރު ކުރިމަތީގައި ހުއްޓިގެން ހުރީ ހުސްނާ އެވެ. ވަގުތުކޮޅަކަށް ލިވިޔާ ގަނބުވާ ގޮތްވިއެވެ.

"މަން... ވަދޭ އެތެރެއަށް." މަންމަ ކިޔަން އުޅެފައި ލިވިޔާ ފަސްޖެހުނެވެ. ލިވިޔާގެ އެދުމަށް ހުސްނާ އެ ގޭތެރެއަށް ވަނެވެ. އަދި ވަށައިގެން ގޭގެ ތެރެއަށް ހުސްނާ ނަޒަރު ހިންގައިލިއެވެ.

"ޝަހުރެއް ނެތް! އިށީންދޭ.." ދެން ވެސް ވާހަކަދެއްކީ ލިވިޔާއެވެ. ހުސްނާ އައިސް އިށީންނީ ސޯފާގައެވެ. ހުސްނާއާ މޫނު ދިމާވާ ގޮތަށް ހުރި ސޯފާގައި އިށީންނީ ލިވިޔާއެވެ. ލިވިޔާގެ ހިތުގެ ހިނގުން ދިޔައީ އަވަސް ވަމުންނެވެ. ވާން މިއުޅޭ ގޮތް ނޭނގޭތީއެވެ. މިއިން އެއްވެސް ދުވަހަކު ހުސްނާއާ ވާހަކަދައްކާފައި ނުވުމުން، ލިވިޔާ ވަނީ ވަރަށް ބޮޑަށް ފަސްޖެހިފައެވެ. މުޅި ތަނަށް ވެރިވެފައި ވަނީ ހިމޭން ކަމެވެ. އެއްވެސް މީހެއް ވާހަކައެއް ނުދައްކައެވެ. ވަގުތުކޮޅަކަށް ލިވިޔާ އަދި މަޑުކޮށްލިއެވެ. ހުސްނާ ވާހަކަދައްކަން ފަށާފާނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް ހުސްނާގެ ފަރާތުން ފެންނަ ހިމޭން ކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. އެހެން އިނދެފައި ހުސްނާ އިސްޖެހީއެވެ.

"ކިހިނެއް ވީ؟ ކަމަކުތަ؟" ޖެހިލުންވެފައި އިނދެގެން ލިވިޔާ ކޮށްލީ ސުވާލެކެވެ. ލިވިޔާގެ ސުވާލާ އެކު ހުސްނާ އިސް ނެގިއެވެ. އެ މޫނުމަތިން އެއްވެސް ރުޅިވެރި ކަމެއް ނެތެވެ. ހުސްނާ ރީތިކޮށް ބަލައިލީ ލިވިޔާގެ ދެލޮލަށެވެ. ވާނުވާ ނޭނގިފައިވާ ލިވިޔާއަށް ހަރަކާތެއް ވެސް ގެންނަން ނޭނގިފައި އިނދެވުނެވެ.

"އަހަރެން ހިތެއް ދުވަހަކު ވެސް ލިވިޔާއަށް ހެވެއް ނުވާނެ.." ހުސްނާގެ ދުލުން އެންމެ ފުރަތަމަ ވެސް ބޭރުވީ އެ ޖުމުލައެވެ. ލިވިޔާއަށް އެ ވާހަކަތަކުން ހައިރާން ކަމެއް ނުލިބުނަސް، ލިވިޔާގެ ދެލޯ ބޮޑުވިއެވެ. ހުސްނާ ކޮޅަށް ތެދުވިއެވެ. ދެން ވެސް ވާހަކަ ކުރިއަށް ގެންދިޔައީ ހަމަ ހުސްނާ އެވެ.

"އަހަރެން މީ ޝަހުރުގެ މަންމަ.. ޝަހުރު ދެކެ މި މަންމަ ލޯބިވާ ވަރަށް އެއްވެސް މީހެއް ޝަހުރު ދެކެ ލޯތްބެއް ނުވާނެ. އަހަރެން މީ ނުވަ މަސް ވަންދެން އަހަރެންގެ ބަނޑުގަ ޝަހުރު ބޭއްވި، އޭނަގެ އުފަން މަންމަ.. އެހެންވީމަ،" ހުސްނާ ހުއްޓުނެވެ. ފުންނޭވާއެެއް ހުސްނާ ދޫކޮށްލަމުން ބަލައިލީ ލިވިޔާގެ މޫނަށެވެ.

"އެހެންވީމަ، މައި މީހާ ހިތުގަ ޖައްސާފަ އެއްވެސް ދަރިއަކަށް އުފަލެއް ނުލިބޭނެ.. ލިވިޔާއަށް ވެސް އުފަލެއް ނެތް.. އަހަރެންނަށް ދުޢާ ކުރެވޭ ލިވިޔާއަށް އުފަލެއް ނުލިބުމަށް.. އެއީ އަހަރެންގެ ނަޒަރުގަ އަހަރެންމީ އަނިޔާ ލިބޭ މީހެއް. ލިވިޔާގެ ފަރާތުން.." ހުސްނާގެ ވާހަކަ މިހާ ހިސާބަށް ދިޔަ އިރަށް ލިވިޔާގެ ދެލޯ ފެންކަޅި ވިއެވެ.

"ކޮންމެ މަޔަކު ވެސް ދަރިއަކަށްޓަކައި ވަރަށް ގިނަ ހުވަފެން ތަކެއް ދެކޭނެ. އެތައް އުއްމީދެއް ކުރާނެ. އެކަމު، އަހަރެން ދުށް ހުވަފެންތައް ލިވިޔާ ފުޑުފުޑު ކޮށްލީ." ހުސްނާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގެން ދިޔައެވެ. އެމަންޒަރު ބަލަން އިން ލިވިޔާއަށް ވެސް ވަނީ ރޮވެން ގާތްވެފައެވެ.

"ލިވިޔާ.. އަހަރެން މިއަދު މިތަނަށް މިއައީ ގޮތް ހުސްވެގެން.. އަހަރެންގެ ހުވަފެންތައް ޙަޤީޤަތުގައި ވެސް ފުޑުފުޑު ވީތޯ ޔަގީން ކުރަން.. އަހަރެންނަށް އެއްވެސް އުފަލެއް މިދުނިޔޭގަ ލިބެން ނެތީތޯ ކަށަވަރު ކުރަން." ހުސްނާ ރޮމުން ދިޔައީ ހިތަށް ވަރަށް ތަދުވެގެންނެވެ. ލިވިޔާގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. ސޯފާއިން ތެދުވެގެން ލިވިޔާ މަޑުމަޑުން ހިނގައިގަތީ ހުސްނާގެ ގާތަށެވެ. މޫނުމަތީގައި އަތް އަޅައިގެން ރޮމުން ދިޔަ ހުސްނާގެ ދެ އަތުގައި ލިވިޔާ މަޑުމަޑުން ހިފައިލީ ނުކެރިފަ ހުރެގެންނެވެ.

"އަހަރެން މީ ތިހާ ނުބައި އަންހެނެއް ނޫން.. އަހަރެންނަށް މާފު ކުރޭ!" ލިވިޔާގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ.

"އަހަރެންނަށް ޔަޤީން ވެއްްޖެ، އަހަރެންނަށް ލިބިފައި މިވަނީ އުފަލެއް ނޫންކަން. ޙަޤީޤީ އުފަލެއް ނޫންކަން.. މައިންބަފައިން ހިތުގައި ޖައްސާ، ތިވަރަށް ރޮއްވާފަ އަހަރެން ބޭނުމެއް ނޫން މިހެން އުޅޭކަށް." ލިވިޔާ އެހެން ބުނުމާ އެކު، ހުސްނާއަށް ހީވީ ކުއްލިއަކަށް އޭނާގެ ލޮލުން ކަރުނަ ހުސްވި ހެންނެވެ.

"އޭނ؟ ތިބުނީ ކީކޭ؟" ހުސްނާ ބޭނުންވީ އޭނާގެ ކަންފަތުގައި ޖެހުނު ވާހަކަ ޔަޤީން ކުރާށެވެ.

"އާނ! އަހަރެން ޝަހުރުގެ ޙަޔާތުން ދުރަށް ދާނީ.. މުޅި އުމުރަށް ދުރަށް ދާނަން. އެކަމު، އަހަރެންނަށް އިތުރަށް ބަދު ދުޢާ ނުކުރޭ. އަހަރެންނަށް ނަފުރަތު ނުކުރާތި.." ހުސްނާއަށް ބަލަހައްޓައިގެން ހުރެ ލިވިޔާ އެހެން ބުނެލީ ރޮމުންނެވެ.

"އަސްލުތަ؟ ޝީލާ ބުނި ކަންތައް ކޮށްދޭނަންތަ؟ ޚިޔާލު ބަދަލެއް ނުކުރާނަން ތަ؟" ހުސްނާގެ ތުންފަތުން މިހާރު ފައުޅުވެފައި ވަނީ ހިނިތުންވުމެކެވެ. ހުސްނާގެ ލޯ ކައިރީގައި ހުރި ކަރުނަތައް ދިޔައީ ހިކެމުންނެވެ.

"ހާދަ ރަނގަޅޭ! ތިހެން ތިކަން ކޮށްދީ! އޭރުން މިހިތަށް ލުޔެއް ލިބޭނެ.. ޝުކުރިއްޔާ.." ލިވިޔާއަށް ބަލައިލުމަށްފަހު، ހުސްނާ ހިނގައިގަތީ އެގެއިން ނުކުންނާށެވެ. ހުސްނާ ގެއިން ނުކުތުމާ އެކު ލިވިޔާގެ ހިތް ހީވީ ދެފަޅި އަށް ބުރިބުރި ވި ހެންނެވެ. ހިތްމަތީގައި އަތް އަޅައިލުމަށްފަހު، ލިވިޔާ ޖެހިގަތީ ސޯފާއަށެވެ. ހިތް ފުރެންދެން ރޯލަން ލިވިޔާ ބޭނުންވީއެވެ. ކޮންމެ ގޮތެއް ވިޔަސް، ލިވިޔާ ނިންމީ ޝީލާގެ ރޭވުމާ އެއްގޮތަށް އަމަލު ކުރާށެވެ. އެއީ ޝަހުރަށް ވެސް ދިރިއުޅެން ފުރުޞަތު ލިބޭނެ ހަމައެކަނި ގޮތް ކަމަށް ލިވިޔާއަށް ޤަބޫލު ކުރެވުމުންނެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ޝީލާއާ ފޯނުން ވާހަކަދެއްކުމަށްފަހު، ލިވިޔާ ފޯނު ބޭއްވިއެވެ. ލިވިޔާ ކުރަން މި އުޅެނީ ކިހާ ބޮޑު ކަމެއްކަން އޭނާއަށް އެނގެއެވެ. މިކަމުން ލިވިޔާއަށް ލިބޭނެ ދެރަ އެއްވެސް ޝައްކެތް ނެތި އޭނާއަށް ޔަޤީނެވެ. ދޮރުގައި ޓަކި ދިނުމާ އެކު، ލިވިޔާއަށް ފުންކޮށް ނޭވާއެއް ދޫކޮށްލެވުނެވެ. ހިތުގެ ހިނގުން ވަރަށް އަވަސްވިއެވެ. ދޮރު ކުރިމަތީގައި އެހުރީ އޭނާގެ ޙަޔާތް އެފުށް މިފުށަށް ޖަހާލާނެ ޝީލާގެ ރޭވުމެވެ. މޭޖެހޭ ޙާލުގައި ލިވިޔާ ލަސް ފިޔަވަޅު ތަކެއް ނަގަމުން ދޮރާ ދިމާލަށް ހިނގައިގަތެވެ. ކުރިއަށް ފިޔަވަޅު އަޅަމުން ދާއިރު ލިވިޔާގެ ފައި ތުރުތުރު އަޅައެވެ. އިންތިހާއަށް ގަނެފައިވާ ބިރާ އެކު، ލިވިޔާ އަތް ދިއްކޮށްލީ ދޮރުގެ ތަޅަށެވެ. ދޮރު ހުޅުވުމަށެވެ. (ނުނިމޭ)