އެމްއެމްއޭ

އާ ނޫޓުތަކަށް ހޭލުންތެރި ކުރަން އެމްއެއެމްއޭ ހުރިހާ ރަށަކަށް އަރަނީ

Nov 23, 2015
1

"ރަންދިޔަ ފަހެއް" ގެ ނޫޓު ސީރީޒަށް ހޭލުންތެރި ކުރުވަން މަރުކަޒީ ބޭންކުގެ މުވައްޒަފުން ރާއްޖޭގެ ހުރިހާ ރަށަކަށް ފުރަން ތައްޔާރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގެ އެސިސްޑެންޓް މެނޭޖަރު އަހުމަދު ފަޒާލް ހުސެއިން ވިދާޅުވީ އާ ނޫޓު ސީރީޒަށް ހޭލުންތެރިކުރުވުމަށް ފަށާ ދަތުރުތައް ހުކުރު ދުވަހު ފަށާނެ ކަމަށެވެ.

"ތިން ހަފުތާ ތެރޭގައި މީހުން އުޅޭ ހުރިހާ ރަށެއް ކަވަރު ކުރުމަށް ހަމަޖެހިފައިވަނީ. މިކަމުގައި ވަރަށް ގިނަ މުވައްޒަފުން ހަރަކާތެރިވާނެ،" ފަޒާލް ވިދާޅުވި އެވެ.

އެމްއެމްއޭ އިން މިދިޔަ ހަފުތާ ބަންދުގައި މާލޭގައި މި ފަދަ ހަރަކާތެއް ހިންގާފައިވެ އެވެ.

މިނިވަން 50އާ ގުޅުވައިގެން "ރަންދިހަ ފަހެއް" ގެ ނަން ދީފައިވާ ސީރީސްގައި ހިމެނެނީ ތަފާތު ކުލަތަކުގައި ނެރޭ 10، 20، 50، 100 500 އަދި އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ ނޫޓެވެ. މި ސިރީސްގައި 5 ރުފިޔާގެ ނޫޓުގެ ބަދަލުގައި ނެރުމަށް ހަމަޖެހިފައި ވަނީ 5 ރުފިޔާގެ ފައިސާ ފޮއްޗެވެ.

ފަޒާލް ވިދާޅުވީ އަލަށް ނެރޭ ނޫޓުތައް އަންނަ މަހުގެ ތެރޭގައި ދައުރުވާން ފަށާނެ ކަމަށެވެ.

"އަންނަ މަހުގެ ތެރޭގައި ނެރުމަށް ހަމަޖެހިފައިވަނީ،" ފަޒާލް ވިދާޅުވި އެވެ.