އިންކަމް ސްޕޯޓް އެލަވަންސް ހައްގު ނުނާ ގިނަ ބަޔަކަށް ދީފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިހެން ބުނެފައިވަނީ އިންކަމް ސަޕޯޓް އެލަވަންސް ސްކީމުގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގަ އެވެ.
ރިޕޯޓްގައި ކޮވިޑްގެ ސަބަބުން އާމްދަނީއަށް އެންމެ ބޮޑަށް އަސަރުކޮށްފައިވާ މީހުންނަށް ސްކީމުގެ މަންފާ ހާސިލުވާނެ ފަދަ ގޮތަކަށް އުސޫލުކުރު މުއްދަތެއްގެ ތެރޭގައި އެކުލަވާލާފައިވާކަން ފާހަގަކޮށްފައިވެ އެވެ އަދި އެޕްލިކޭޝަންތައް ވަޒަންކުރުމަށްޓަކައި ރަނގަޅު އުސޫލުތަކެއް ގާއިމުކޮށް، ތަންފީޒުކޮށްފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އެލަވަންސަށް އެދޭ ފަރާތްތަކަށް އިތުރު އާމްދަނީއެއް ނުލިބޭކަން ކަށަވަރުކޮށް، ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގައުމީ ފެންވަރުގައި ގާއިމްކޮށްފައި ނުވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ. މީގެ ސަބަބުން އާމްދަނީ ލިބޭ ފަރާތްތަކަށްވެސް އޮޅުވާލުމެއްގެ ތެރެއިން އެލަވަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށްވެ އެވެ.
އެހެންވެ އިންކަމް ސަޕޯޓަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އެލަވަންސް ދޫކުރުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި އާމްދަނީ ލިބޭ މީހުންނަކީ މާލީ ނިޒާމުގެ ތެރެއަށް ވަންނަ މީހުންނަށް ނުވުމުގެ ސަބަބުން އެފަދަ މީހުން އެލަވަންސަށް އެދި ހުށަހެޅި ނަމަވެސް، އެމީހަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ އަދަދު ކަށަވަރުކުރެވޭނެ ގޮތެއް ނޯންނަ ކަމަށްވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވެ އެވެ.
އެގޮތުން އިންކަމް ސަޕޯޓް އެލަވަންސް ހައްގު ނުވާ 217 އެޕްލިކޭޝަނެއް އޮޑިޓަށް ފާހަގަވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ވަޒީފާގައި އުޅެމުންދިޔަ މީހުންނަށް އެލަވަންސް ދީފައިވާ މައްސަލަތައް ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި މިފަދަ މައްސަލަތަކުން މިހާތަނަށް 409969 ރުފިޔާ ދައުލަތަށް އަނބުރާ ލިބެންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރިވިއުތަކުން ފާހަގަކުރެވިފައިވާ ކަމަށާއި އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދޫކުރުމުގައި ބައެއް މައްސަލަތައް ފާހަގަވި ނަމަވެސް އެ ސްކީމް ތައާރަފުކުރި މަގްސަދު ހާސިލުވެފައިވާ ކަމަަށް ރިޕޯޓުގައިވެ އެވެ. އެގޮތުން މި އަހަރުގެ މާޗް 18ގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ލިބިފައިވާ ފަންޑުގެ 69 ޕަަސަންޓް ފައިސާ އެލަވެންސަށް އެދި ހުށަހެޅި މީހުންގެ ތެރެއިން 86 ޕަސަންޓް މީހުންނަށް ދޫކޮށްފައިވެ އެވެ.
އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ޖުމްލަ ގޮތެއްގައި އެލަވަންސް ލިބުނު މީހުން ނިސްބަތްވާއިރު، އެ މީހުންގެ ތެރޭގައި އާމްދަނީއަށް އެންމެ ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާ ދާއިރާ ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މީހުންގެ ބޮޑު އިންސައްތައެއް ހިމެނޭ ކަމަށެވެ. ނަމަވެސް މި ސްކީމުގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފެށިފައި ނުވާތީ، ވަޒީފާ ގެއްލިފައިވާ މީހުން ވަޒީފާގެ ބާޒާރަށް އަނބުރާ ނެރެވުނު މިންވަރު އޮޑިޓުގައި ބެލިފައި ނުވެ އެވެ.