މިހާރު އޮތް ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން ތިއްބެވީ ސިޔާސީ ނުފޫޒުން ސަލާމަތް ވެގެން ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ އެވެ.
އަވަސްގެ ފޭސް ޓު ފޭސް ޕްރޮގްރާމްގައި މިއަދު ވާހަކަދައްކަވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ މިހާރު ކޮމިޝަން ހިންގަމުންދަނީ މިނިވަންކަމާ އެކުގައި ކަމަށެވެ. އަދި ސިވިލް ސާވިސްގެ ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކަށް ވެސް ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުން އަމަލުކުރާނެ އިތުރު ނުފޫޒެއް ނުފޯރުވޭނެ ކަމަށެވެ. އެހެންކަމުން މިހާރުގެ ސިވިލް ސާވިސް ކޮމިޝަން ސަރުކާރުގެ ސިޔާސީ ނުފޫޒު ރައްކާތެރިކޮށްފައިވާ ކަމުގެ ޔަގީންކަން ދެއްވި އެވެ.
އިބްރާހީމް ރަޝީދު ވިދާޅުވީ ސަރުކާރުގެ ސިޔާސީ ނުފޫޒު ފޯރަންނުޖެހޭ އެއްވެސް އިދާރާއަކަށް އެ ނުފޫޒު ފޯރަނީ އެތަނެއްގެ މުވައްޒަފުން ނުފޫޒަށް ޖާގަދޭތީއާއި އެތަނެއްގެ މުވައްފަޒުން ކޮރަޕްޓް ވުމުން ކަމަށެވެ. ނަމަވެސް އެފަދަ ފުރުސަތެއް ދޭނެ މެމްބަރަކު މިހާރު ސިވިލް ސާވިސް ކޮމިޝަންގައި ނެތް ކަމަށާއި މައްސަލަތައް ވެސް ބަލަމުންދަނީ ގާނޫނީ އިމުގެ ތެރެއިން އިންސާފުވެރި ކަމާއެކުގައި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮމިޝަނަށް ޖޮއިން ކުރި ފަހަކުން ނޯންނާނެ އެއްވެސް މައްސަލައެއް އަދި އެއްވެސް މީހަކާ މެދުގައި ގާނޫނީ އިމުގެ ބޭރުން ފިޔަވަޅެއް އަޅާފަ އެއް. އަޅުގަނޑުމެންގެ މިހާރުގެ މަސައްކަތް ވަރަށް އިންސާފުވެރިވާނެ އަދި އަދުލުވެރިވާނެ،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ އިދާރާތަކުގައި ތިއްބެވި ސިޔާސީ މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުން ވަކި ގޮތަކަށް އަމަލުކުރެއްވުމަށް މުވައްޒަފުންނަށް އަދިވެސް އަންގަމުންދާ ކަމަށް ބުނާ މައްސަލަތައް ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ. އެފަދަ މައްސަލަތައް ކޮމިޝަނުން ބަލައި ވަކި ގޮތެއް ނިންމާނީ ގާނޫނީ އިމުގެ ތެރެއިން ބަލަންޖެހޭ ހުރިހާ ކަމެއް ބެލުމަށްފަހު އިންސާފުވެރިކޮށް ކަމުގައި ވިދާޅުވި އެވެ.
އިބްރާހީމް ރަޝީދު ވިދާޅުވި ގޮތުގައި މިހާރު އޮތް ކޮމިޝަންގައި ސިޔާސީ ނުފޫޒެއްގެ ތެރެއިން މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށެވެ. ވަކިކޮށްފައިވާ މީހުންނަކީ ގާނޫނަށް ބޯނުލަބައިގެން ވަކިކުރި މީހުން ކަމަށާއި އެކަމަކު އެއީ ވަރަށް މަދު އަދަދެއް ކަމުގައި ވެސް ވިދާޅުވި އެވެ.
ވަޒީފާގެ މަހައުލުގައި އުފެދޭ މައްސަލަތައް ހައްލުކުރުމަށް މުވައްޒަފުންނާއި ކޮމިޝަނާ ދެމެދުގައި އިތުބާރު ގާއިމުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމުގައިވެސް އިބްރާހީމް ރަޝީދު ވިދާޅުވި އެވެ. ސިވިލް ސާވިސް ކޮމިޝަންގެ މަސައްކަތްތައް ވީހާވެސް ހުޅުވާލައިގެން ޓްރާންސްފޭރެންޓްކޮށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ވެސް އިތުބާރު ގާއިމުކުރުން ކަމުގައިވެސް ރަޝީދު ވަނީ ވިދާޅުވެފަ އެވެ.