އެމްޑީޕީ

"މިންޖުވާން" މުޒާހަރާއާ މެދު ފުލުހުންނާއި އެމްޑީޕީ އަދި އީސީ އިން މަޝްވަރާކޮށްފި

Nov 23, 2015
1

އަންނަ ހުކުރު ދުވަހު އެމްޑީޕީ އިން މާލޭގައި ބާއްވާ، "މިންޖުވާން" މުޒާހަރާޔާ ގުޅޭ ގޮތުން ފުލުހުންނާއި އެމްޑީޕީ އަދި އިލެކްޝަން ކޮމިޝަން (އީސީ) ބައިވެރިވެގެން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

އެންމެ ފުރަތަމަ އެމްޑީޕީ އިން މުޒާހަރާ ބާއްވަން އުޅުނީ މި މަހުގެ ހަވަނަ ދުވަހު ކަމުގައި ވީ ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އެ މުޒާހަރާ ވަނީ ކެންސަލްކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަންގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރުންނާއި އެމްޑީޕީގެ އިސް އޮފިޝަލުންނާއި މުޒާހަރާ އިންތިޒާމް ކުރާ ކޮމިޓީގެ އިސް ފަރާތްތަކާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވި އެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވަނީ އެއްވެއުޅުމުގެ ގާނޫނުގެ ތެރެއިން ވީހާ ވެސް އަމާން ކަމާއި ސުލްހަވެރިކަމާ އެކު އެދުވަހުގެ މުޒާހަރާ ގެންދިޔުމާ މެދުގައި ކަމަށް އެނގިފައިވެ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވަނީ އެ މުޒާހަރާ ސުލްހަވެރިކޮށް ގާނޫނުތަކުގެ އިމުގެ ތެރެއިން ގެންދިޔުމަށް އެމްޑީޕީގެ ކިބައިން އެދިފަ އެވެ. މަގުތައް ބެލެހެއްޓުމާއި ސަލާމަތީ ކަންކަން ފޯރުކޮށް ދިނުމުގައި ފުލުހުންނަށް އެކަށީގެންވާ އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އެ ބައްދަލުވުމުގައި އެމްޑީޕީގައި އެދިފަ އެވެ.

އެމްޑީޕީ އިން ވަނީ އެ މުޒާހަރާ ގާނޫނީ އިމުގެ ތެރެއިން އަމާންކަމާ އެކު ގެންދިޔުމަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައި ކަމަށް ވެސް އެނގިފައިވެ އެވެ. އަދި މުޒާހަރާ ކުރުމުގެ ހައްގު ގެއްލޭ ގޮތަށް ފުލުހުން އަމަލު ނުކުރުމަށް އެމްޑީޕީ އިން އެދުނެވެ.

މިއީ އެމްޑީޕީ އިން ބާއްވާ މުޒާހަރާ އަކާ ގުޅިގެން މި ތިން ފަރާތުން އެކުގައި މަޝްވަރާ ކުރާ ފުރަތަމަ ފަހަރެވެ.

އެ މުޒާހާރައަކީ ޖަލުގައި ތިބި ސިޔާސީ ފަރާތްތައް ދޫކޮށްލުމަށާއި ސަރުކާރުން ކުރާ އެކި ކަންކަމާ ދެކޮޅަށް އަޑުއުފުލަން ބާއްވާ މުޒާހަރާ އެކެވެ. މީގެ ކުރިން ވެސް އެމްޑީޕީ އިން މިފަދަ މުޒާހަރާތައް ބޭއްވި އެވެ. އަދި ބައެއް މުޒާހަރާތައް ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވެފައި ވެސްވެ އެވެ.