އާދަމް ޝަރީފު އުމަރު

އެމްޑީޕީ ޕްރައިމަރީގައި ހިންގީ ޓެރަރިޒަމްގެ އަމަލެއް: އާދަމް ޝަރީފް

އެމްޑީޕީގެ ޕްރައިމަރީގައި އިއްޔެ ހިންގާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ވިދާޅުވެ އެކަންކަން ބެލުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފި އެވެ.

އާދަމް ޝަރީފް މިކަމަށް ގޮވާލެއްވީ އިއްޔެ މުޅި ރާއްޖޭގައި ބޭއްވުނު އެމްޑީޕީގެ ކައުންސިލް ޕްރައިމަރީގެ ތެެރެއިން ހުވަދޫގެ ތިން ރަށެއްގައި ހަމަނުޖެހުން ހިނގާ ވޯޓްފޮއްޓާއެކު ކަރުދާސްތައް އަންދާލި މައްސަލައާއި ގުޅިގެންނެވެ.

"އެމްޑީޕީގެ ޕްރައިމަރީގައި ހިންގާފައިވަނީ އެ ވަނީ ޓެރަރިޒަމްގެ އަމަލެއް، ސީރިއަސްކަމާއެކު ތަހުގީގު ކުރަންޖެހޭ." ޝަރީފް ވިދާޅުވިއެވެ.

ކުރީގެ މިިނިސްޓަރު ވަނީ ހުޅުޖެހުމާއި އަލިފާން ރޯކުރުމަކީ ސަގާފަތަކަށް ނުހެދުމަށް ގޮވާލާ ކަމަށެވެ.

"ޒިންމާ އުފުއްލަވާ، މި ގޮތަށް ދާނަމަ ލޯކަލް ކައުންސިލް އިންތިހާބު އޮމާންކަމާއެކު ބޭއްވޭނެ ކަމަކަށް ނުފެނޭ." ކަންބޮޑުވުން ފާޅުކުރައްވާ ޝަރީފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އިއްޔެ ވަނީ ޕްރައިމަރީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ގއ އަތޮޅުގެ ބައެއް ރަށްރަށުގައި ވަނީ ހަމަނުޖެހުން ހިނގާފައެވެ. އަދި ބައެއް ރަށްރަށުގައި ވޯޓް ފޮށިތައް ވަނީ އަންދާލާފައެވެ.

އެމްޑީޕީން ބުނީ ގއ އަތޮޅުގައި ޕްރައިމަރީ ބޭއްވި ތިން ރަށުގެ ވޯޓްވެސް ބާތިލް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ވިލިގިލި، ދާންދޫ އަދި ކޮލަމާފުށި ވޯޓެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަމީމް ވިދާޅުވީ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއަށްފަހު އެ ތިން ރަށުގެ ވޯޓް ބާތިލްކޮށްފައިވާ ކަމަށެވެ.

"އިންތިހާބު ބާއްވާނެ ދުވަހެއް ފަހުން އިއުލާނު ކުރާނެ، މިހާރު ވޯޓް ކަރުދާސްތައްވެސް ވަނީ އަންދާލާފައި." ހުސައިން ވިދާޅުވިއެވެ.