ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު މަދުކޮށްގެން ސަރުކާރު ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.
ސިވިލް ސާވިސްގައި މިހާރު މަސައްކަތް ކުރަމުންދަނީ 26،217 މުވައްޒަފުންނެވެ. ކޮވިޑްގެ ހާލަތުގައި ދައުލަތަށް އިގްތިސާދީ ބޮޑު ގެއްލުމެއް ލިބިފައިވާއިރު އެންމެ ބޮޑު ހަރަދެއް ދައުލަތުން ކުރަނީ މުވައްޒަފުންގެ މުސާރަ އަށެެވެ.
މިކަމާ ގުޅޭގޮތުން އަވަސްގެ ފޭސް ޓު ފޭސް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ މުވައްޒަފުންގެ އަދަދު މަދު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ކޮވިޑްގެ ހާލަތުގައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަން ޖެހުނު ކަމަށާއި ބައެއް މީހުން ވަޒީފާތަކުން ވަކިކުރަން ވެސް ޖެހުނު ކަމަށެވެ.
އިބްރާހީމް ރަޝީދު ވިދާޅުވީ ކޮވިޑްގެ ތެރޭގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ޖެހުމުން ސިވިލް ސާވިސްގެ މަދު މުވައްޒަފުންނާ އެކު ޓެކްނޮލޮޖީގެ އެހީގައި މަސައްކަތް ކޮށްފައިވާތީ މަދު މުވައްޒަފުންނާ އެކު ވެސް ސަރުކާރު ހިންގޭނެ ކަން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. ބައެއް އިދާރާތަކުން މަދު މުވައްޒަފުންތަކަކާއި އެކުގައި ވަރަށް ފުރިހަމަ ހިދުމަތްތަކެއް ދީފައިވާ ކަމަށާއި އެކަމުން އެނގުނީ ހިދުމަތް ދޭނެ ރަނގަޅު ވަސީލަތްތައް ގާއިމު ކުރެވިއްޖެނަމަ މަސައްކަތްތެރިން މަދަސް މުއައްސަސާ ހިންގޭނެ ކަން ކަމަށް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ހިންގުމުގެ ނިޒާމް ޑިޖިޓަލައިޒް ކުރަން ޖެހޭ ކަން. އެ މަސައްކަތް އަޅުގަނޑުމެން ކުރަމުން ދަނީ"
ރަޝީދު ވިދާޅުވި ގޮތުގައި ސިވިލްސާވިސްގެ އޮނިގަނޑު ހަދާފައިވަނީ އެންމެ މަދު މިންވަރެއްގެ މުވައްޒަފުން ބޭނުންކޮށްގެން ހިންގޭނެ ނިޒާމެއްގެ މައްޗަށެވެ. ކޮންމެ މުވައްޒަފަކަށް ވެސް ޒިންމާއެއް ދީފައިވާނެ ކަމަށާއި ކުރަން ޖެހޭ މަސައްކަތްތަކެއް ވެސް ހުންނާނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތް އެންމެ ފުރިހަމަކޮށް ބައެއް މުވައްޒަފުން ނުކުރާތީވެ ޝަކުވާ ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.
އިބްރާހީމް ރަޝީދު އިތުރަށް ވިދާޅުވީ ސަރުކާރުގެ ހިދުމަތްތައް ލާމަރުކަޒު ކުރުމަށް ސިވިލް ސާވިސް ކޮމިޝަނާއި ސަރުކާރާ ދެމެދު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅޭ މަޝްވަރާ ބައެއް ބައްދަލުވުންތައް ބާއްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ސަރުކާރުގެ ހިދުމަތްތައް ލާމަރުކަޒު ކުރުމުން އަތޮޅު ފެންވަރުގައި ދޭނީ ކޮން ހިދުމަތްތަކެއްތޯ ރައީސް އޮފީހުން ނިންމާނެ ކަމަށާއި އެ ނިންމުމާ އެއްގޮތަށް ހިދުމަތްތައް ދިނުމާ ގުޅޭ ކަންކަން ތަންފީޒު ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމުގައި ވިދާޅުވި އެވެ.
"އެހެންކަމުން ސަރުކާރުން ނިންމާނެ ކޮންމެ ނިންމުމަކަށް ވެސް ތައްޔާރުވަމުން މިދަނީ،" އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.