އައްޑޫ ސިޓީ

އައްޑޫ ބްރިޖްގެ ތަސައްވުރު ހަގީގަތަކަށް ވާނެ: ޣައްސާން

އައްޑޫ ސިޓީގައި ބްރިޖެއް އެޅުމަށް އެ ސިޓީގެ ރައްޔިތުން ކުރަމުންދާ އުންމީދުތައް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމެއްގައި ހަގީގަތަކަށް ވެގެންދާނެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން ކްލަބް ހައުސްގައި ކުރިއަށް ގެންދިޔަ ހާއްސަ ބައްދަލްވުމެއްގައި ވާހަކަދައްކަވަމުންނެވެ. އައްޑޫގައި ބްރިޖް އެޅުމަށް ގޮވާލާ ކްލަބް ހައުސްގައި ސިލްސިލާ ބައްދަލްވުންތަކެއް ގެންދަނީ ބާއްވަމުންނެވެ. މިރޭގެ ބައްދަލްވުން ހާއްސަކޮށްފައި ވަނީ ޣައްސާން އަށެވެ.

ރައީސް ޔާމީންގެ 2018ގެ މެނިފެސްޓޯގައި މީދޫ އާއި ހިތަދޫއާ ދެމެދު ބްރިޖް އެޅުމަށް ނިންމާ އެކަން ހިމަނާފައި އޮތެވެ. ކެންޕެއިންގައި އެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

އެ ހަނދާންތައް އައުކުރައްވާ ޣައްސާން މިރޭ ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ މެނިފެސްޓޯގައި ހިމެނުއްވި އައްޑޫ ސިޓީ ބްރިޖްގެ މަޝްރޫއު އަދިވެސް ދިރިއެބައޮތް ކަމަށާ އެމަނިކުފާނުގެ 2023 ވަނަ އަހަރުގެ ރިޔާސީ މެނިފެސްޓޯގައި އެ ވައުދު އަލުން ހިމަނުއްވާނެ ކަމަށެވެ. ރައީސް ޔާމީންގެ ވިސްނުންފުޅަކީ ރާއްޖެ ތިން ސަރަހައްދަކަށް ބައްސަވާލައްވައިގެން ތަަރައްގީގެ މަޝްރޫއުތައް ހިންގެވުން ކަމަށާ ދެކުނުގެ އައްޑޫއަށް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ 2023 ގައި ރައީސް ޔާމީން ވެރިކަަމަށް ވަޑައިގެން ބްރިޖްގެ ތަސައްވުރު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.

"ރައީސް ޔާމީން ވާހަކައެއް ވިދާޅުވަނީ ވަރަށް ބޮޑަށް ވިސްނަވާފައި. ރައީސް ޔާމީން ތިޔަ ބޭފުޅުންގެ ހަގީގަތް އިރާދަކުރެއްވިއްޔާ ހަގީގަތަކަށް ހައްދަވައިދެއްވާނެ،"

ޣައްސާން ވިދާޅުވީ އައްޑޫ ސިޓީގެ ބްރިޖާއެކު ރައްޔިތުންނަށް އެތައް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ދަތުރުފަތުރު ފަސޭހަވުމުގެ އިތުރުން ތަރައްގީގެ އެތައް ފުރުސަތުތަކެއްވެސް ހުޅުވިގެންދާނެ ކަމަށެވެ.

އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި އައްޑޫ ކަނޑައެޅި އެކަމުގެ ސަބަބުން އިންވެސްޓަރުންގެ ޝައުގުވެރިކަން އެ ސިޓީއަށް އަމާޒުވާނެ ކަމަށެވެ. އަދި ފިއުލް ބަންކަރިންގެ ހިދުމަތް ފަދަ އެތައް ހިދުމަތެއް ފެށިގެންދާނެ ކަމަށެވެ.

"އައްޑޫ ސިޓީގެ ބްރިޖް މި އަންނަނީ ތަރައްގީގެ އެތައް މަޝްރޫއުތަކަކާއެކީގައި،"

މި ބައްދަލްވުމުގައި ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޝިޔާމް ވިދާޅުވީ އައްޑޫ ސިޓީގެ ބްރިޖަކީ އެ ސިޓީގެ ރައްޔިތުންގެ ވަރަސް ބޮޑު ހުވަފެނެއް ކަމަށާ އެކަން ހަގީގަތަކަށް ވެގެންދާނެ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމަށްޓަކައި އައްޑޫ ރައްޔިތުން ކުރަމުންދާ މަސައްކަތަށް ތައުރީފުވެސް ކުރެއްވިއެވެ. ޝިޔާމްވެސް ވިދާޅުވީ ބްރިޖާއެކު އައްޑޫގެ ތަރައްގީ އެހެން ލެވްލްއަކަށް ދާނެ ކަމަށެވެ.

އަދި އެ ބްރިޖް ވެގެންދާނީ ޓޯލްފީއެއް ނުނެގި ނަމަވެސް ފީސިބަލް މަޝްރޫއަކަށް ކަމަށް ވިދާޅުވިއެވެ.

"މި ބްރިޖާއެކު އަޅުގަނޑުމެންނަށް އެބަ ފެނޭ މި ބްރިޖާއެކު އައްޑޫ ސިޓީގައި ތަރައްގީގެ އެތައް މަޝްރޫއުތަކެެއް ފެށޭނެތަން. އެތައް އިންޑަސްޓްރީއެއްގެ މަސައްކަތް ފެށިގެންދާނެ،" ޝިޔާމް ވިދާޅުވިއެވެ.