ބޮލީވުޑް

އިންޑިއަން އައިޑަލް 12: އަރުނީތާ އާއި ޕަވަންދީޕަށް ޓްރޮފީ ލިބިދާނެބާ؟

މިއަދު މެންދުރު 12.00 ޖަހާއިރު "އިންޑިއަން އައިޑަލް 12"ގެ ގްރޭންޑް ފިނާލޭ ފެށޭނެ އެވެ. އަދި ބަރާބަރު 12 ގަޑިއިރަށް މި ޝޯ ދެމިގެން ދާނެ އެވެ. މިފަހަރުގެ ޓްރޮފީ ހާސިލުކުރާ ލަވަކިޔުންތެރިޔެއެއް އިއުލާން ކުރާނީ މިރޭ ދަންވަރު 12.00 ގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.

މިފަހަރުގެ ޓްރޮފީއަށް ހަ ލަވަކިޔުންތެރިއަކު ވާދަ ކުރެ އެވެ. ޕަވަންދީޕް ރާޖަން އާއި އަރުނީތާ ކާންޖީލާލް، ނިހާލް ޓާރޯ، ސަޔާލީ ކަމްބްލޭ، މުހައްމަދު ދާނިޝް އަދި ޝަންމުކާޕްރިޔާ އެވެ.

އިންޑިޔާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ ބޮލީވުޑްލައިފްގައިވާ ޚަބަރެއްގައި ބުނެފައިވަނީ އިންޑިއަން އައިޑަލްގެ މިފަހަރުގެ ސީޒަންގެ އެއްވަނައިގެ ގޮތުގައި ދެ ލަވަކިޔުންތެރިޔަކު ހޮވަން ވަނީ ހަމަޖެހިފަ އެވެ. އަދި މި ދެ ލަވަކިޔުންތެރިންނަކީ ޕަވަންދީޕް އާއި އަރޫނީތާ ކަމަށް ވުމަކީ ވަރަށް ގާތް ކަމެއް ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެ އެވެ.

ޕަވަންދީޕް އާއި އަރޫނީތާ ދާދިފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ ޓޮޕް 6 އަށް ގޮސްފައިވާ ހުރިހާ ބައިވެރިންނަކީ ވެސް ޝޯ ކާމިޔާބުކުރެވިފައިވާ ފަރާތްތަކެއް ކަމަށް އެމީހުން ގަބޫލު ކުރާ ކަމަށެވެ. ސަބަބަކީ "އިންޑިއަން އައިޑަލް" ޓްރޮފީ އަކީ ހަމައެކަނި ރަމްޒީ އެއްޗަކަށް ވެފައި މިހާރުއްސުރެ އެ ހުރިހާ ލަވަ ކިޔުންތެރިންނަށް ވެސް ވަރަށް ގިނަ ގުނަ ފުރުސަތުތައް ލަވަ ކިއުމުގެ ރޮނގުން ލިބިފައިވާތީ އެވެ. އެމީހުން ބޭނުންވާ މަޝްހޫރު ކަމާއި މަގުބޫލުކަން ލިބިފައިވާތީ އެވެ.

މިފަހަރުގެ ޝޯގެ އެއްވަނައަށް ދެ ލަވަކިޔުންތެރިއަކު ހިނގައިދާނެތޯ ސުވާލުކުރުމުން ޕަވަންދީޕް އާއި އަރުނީތާ އަށް ވެސް ލިބުނީ ޝޮކެކެވެ. އެމީހުން ބުނީ އެމީހުންނަށް އެކަން އެނގިފައި ނުވާ ކަމަށެވެ. އަދި ދެ ލަވަކިޔުންތެރިން ހޮވިޔަސް އެއީ އޭނާ އާއި އަރުނީތާ އަށް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޕަވަންދީޕް ބުންޏެވެ.

"ޝޯ ޕްރޮޑިއުސްކުރާ ފަރާތުން މިފަހަރުގެ ސީޒަންގެ އެއްވަނަ އަށް ދެ ބައިވެރިޔަކު ހޮވަން ހަމަޖައްސާފައިވާނަމަ އެ ވާނީ ވަރަށް ތާރީޚީ ކަމަކަށް. ސަބަބަކީ މީގެ ކުރިން އެއްވެސް ސީޒަނެއްގައި އެކަން އެގޮތަށް ކޮށްފައި ނުވާތީ،" ޕަވަންދީޕް ބުންޏެވެ.

މިފަހަރުގެ އިންޑިއަން އައިޑަލްގެ އެއްވަނަ އަށް އަންނަ ފަރާތަކަށް 25 ލައްކަ ރުޕީސް އާއި މިއުޒިކް އިންޑަސްޓްރީގެ ކޮންޓްރެކްޓެއް ލިބޭނެ އެވެ.

އިންޑިއަން އައިޑަލް 1ގެ އެއްވަނަ އަބިޖީތު ސާވަންތަށް 50 ލައްކަ ރުޕީސް އާއި ޓީ-ސީރީޒްގެ ލަވަ އަލްބަމެއްގެ ކޮންޓްރެކްޓް ލިބުނެވެ. ދެވަނަ ސަންދީޕް އަޗާރިޔާ، ތިންވަނަ ޕްރަޝާންތު ތަމަންގް، ހަތަރުވަނަ ސައުރަބީ ދެބަރްމާ އަށް ކޮންމެ މީހަކަށް އެއް ކްރޯޑު ރުޕީސް ލިބުނެވެ.