ދުނިޔެ

ހުޅަނގު އައްސޭރީގައި ގެދޮރުވެރިކުރުވާކަށް ނުފެނޭ: އެމެރިކާ

ހުޅަނގު އައްސޭރީގައި ޔަހޫދީން ގެދޮރުވެރިކުރަން އިޒްރޭލުން ހިންގާ މަޝްރޫއުތައް ފުޅާކުރަން ނުފެންނަ ކަމަށް އެމެރިކާއިން ބުނެފި އެވެ.

ބައިޑަން ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން ސަރަހައްދުގައި ސުލްހަ ދެމެހެއްޓުމަށް އިޒްރޭލުން ވެސް ވިސްނަން ޖެހެ އެވެ. އެނޫން ގޮތެއްގައި އިޒްރޭލަށް އަދި އެހެން ބަޔަކަށް ވެސް ދެމިތިބެވޭނެ ގޮތެއް ނެތެވެ.

އެމެރިކާގެ ރައީސް ކަމަށް ޖޯ ބައިޑަން ވަޑައިގެން މެދުއިރުމައްޗަށް ޚާއްސަ ސަމާލުކަމެއް އޮތީ ދެއްވާފަ އެވެ. އޮފިޝަލް ވިދާޅުވި ކަމަށް ނޫސްތަކުން ބުނަނީ ވައިޓް ހައުސްގެ ނަސޭހަތަކީ އިޒްރޭލާ ފަލަސްތީނުން ވެސް މަސްލަހަތު ގެއްލޭ ކަމެއް ނުކުރުން ކަމަށެވެ.

އިޒްރޭލުން ކުރާ ކަމަކަށް އާދައިގެ ހާލަތްތަކުގައި ފާޑުކިޔުމަކީ އެމެރިކާއިން ކުރާ ކަމެއް ނޫނެވެ. ޔަހޫދީ އިޒްރޭލަކީ ބަޔަކު ދޭ ނަސޭހަތެއް ގަބޫލުކުރަން ދަންނަ ބައެއް ނޫނެވެ. އެހެންކަމުން ނަސޭހަތެއް އަދި ހެޔޮ ބަހެއް ބުނި ނަމަވެސް ގިނަ ފަހަރު އޮންނަނީ އިޒްރޭލު މައިތިރި ނުކުރެވިފަ އެވެ.

ހުޅަނގު އައްސޭރީގައި ޒޯން ސީގައި ޔަހޫދީން ގެދޮރުވެރިކުރަން ނުފެންނަ ކަމަށް އެމެރިކާއިން ބުނިއިރު މިއީ މިފަދަ މޭރުމަކުން ވޮޝިންގްޓަނުން ވާހަކަދެއްކި ފުރަތަމަ ފަހަރެވެ.

އިޒްރޭލުން ވިސްނާފައި އޮތީ އާސަރުކާރު – ނަފްތަލީ ބެނެޓް އިޒްރޭލުގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަތުމުން ހުޅަނގު އައްސޭރިގައި ޔަހޫދީންނަށް 2،000ގެ އަޅައިދިނުމަށެވެ. އަދި ފަލަސްތީން މީހުންނަށް 1،000ގެ އަޅަން ހުއްދަދިނުމަށެވެ.

އިޒްރޭލުން ފަލަސްތީންގެ ބިންތައް ޖަހަގައިނެ ގަދަބާރުން ވެރިވެގަނެ ހިންގާ ޖަރީމަތައް ބައިނަލްއަގްވާމީ މުޖުތަމައުން ކުށްވެެރިކުރެވެ އެވެ. އެހެން ނަމަވެސް އިޒްރޭލާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރެވެ އެވެ. މައިގަނޑު ސަބަބަކި އެމެރިކާއާއި އިނގިރޭސީން ފޮރުވިފައި ތިބެ އިޒްރޭލަށް ހިތްވަރުދިނުމެވެ.