ރައްޔިތުންގެ މަޖިލިސް

މަޖިލިސް މާދަމާ ފަށަނީ، ޖަލްސާއިން ރައީސް ނަޝީދު ނުފެންނާނެ

ކުރިންވެސް ނިންމާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުޖެ ޖަލްސާތައް މާދަމާ ފަށަން ނިންމައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ކުރިންވެސް އިއުލާންކޮށްފައިވާ ގޮތަށް މަޖިލީހުގެ ޖަލްސާ މާދަމާ އޮންނާނެ ކަމަށެވެ. ނަމަވެސް ޖަލްސާގެ އެޖެންޑާ އަދި އެކުލަވާލާފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާދަމާގެ ޖަލްސާގައި އެއްވެސް ޕްލެޓްފޯމެއް މެދުވެރިކޮށް ބައިވެރިވެވަޑައިގަންނަވާނެތޯ ދެންނެވުމުން ނިއުޝާ ވިދާޅުވީ ރައީސް ނަޝީދު ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.

މާދަމާގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ.

މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށާއިރު ރައީސް ނަޝީދު ބައިވެރިވެވަޑައިނުގަންނަވާތީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ. އެގޮތުން މަޖިލިސް ފަށާއިރު އެންމެ އެދެވޭ ގޮތަށް މަޖިލީހުގެ ހިދުމަތް ގައުމާއި ރައްޔިތުންނަށް ނުލިބިދާނެ ކަމަށް ވިދާޅުވެ އެކަމުގައި ވެސް އާދަމް ޝަރީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"ސުޕަ މެޖޯރިޓީ މިއޮތީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި. މަޖިިލިސް ރަނގަޅަށް ކުރިއަށް ނުދާނަމަ އެކަމުގެ ޒިންމާ ނަގާނީ ކާކު" އާދަމް ޝަރީފް ވިދާޅުވެފައިވެ އެވެ.

އާދަމް ޝަރީފް އަވަސްއަށް މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސްއަށް ދައުލަތުން ބޮޑު ހަރަދެއް ކުރާއިރު އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުން ފެނިގެން ދިއުން ވަރަށް މުހިއްމު ކަމަށެވެ. ހާއްސަކޮށް މިފަހުން އެމަނިކުފާނަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިފައި ވަނިކޮށް އެތައް ފައިސާއެއް ބޭކާރުވެގެންދާ ގޮތަށް ކަންކަން އިންތިޒާމުވުމަކީ ވެސް ދެރަކަމެއް ކަމަށެވެ.

"ބޮޑަށް ލަފާކުރެވެނީ މަޖިލީހުން ނެރުނު އިންކުއަރީ ރިޕޯޓުގައި ލަފާދީފައިވާ ކަންކަމަށް ސަރުކާރުން އަމަލުކުރާ ގޮތާ ދޭތެރޭ ހިތްހަމަނުޖެހޭތީ [މަޖިލީހުގެ ރައީސް] ވަޑައިގަންނަވަން ބޭނުންފުޅުނުވަނީހެން" އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައީސް ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވީ މަޖިލީހުގެ ފުރަތަމަ ދައުރުގެ އެންމެ ފަހުގެ ޖަލްސާގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށާއިރު މަޖިލީހުގެ ތެރެއިން ކުރިން ނުފެންނަ ބައެއް ބަދަލުތައް ފެނުމަކީ ވަރަށް ކައިރި ކަމެކެވެ. ސަބަބަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ ދެބައިވުމާ ގުޅިގެން އެޕާޓީގެ މަޖިލިސް މެންބަރުން ވެސް ދެބައިވުމާއި، މަޖިލީހުގެ ފަސް މެންބަރަކު ގުޅިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށުމަކީ ވެސް ފެންނާނެ ބަދަލެކެވެ.