ރެއާލް މެޑްރިޑް

ދެވަނަ ހާފުގެ ލަނޑުތަކުން ރެއާލްއަށް މޮޅެއް

ލަލީގާގެ އާސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން ރެއާލް މެޑްރިޑް ފަސޭހަ ކާމާއިއެކު މޮޅުވެއްޖެ އެވެ.

ޑިޕޯޓިވޯ އަލަވޭސް އާއި ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗުން ރެއާލް މޮޅުވީ 4-1ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ހުރިހާ ލަނޑެއްވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގަ އެވެ.

އަލަވޭސްގެ މެންޑިޒޮރޯޒާ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ރެއާލް ޓީމުންނެވެ. ފުރަތަމަ ހާފުގައި ދެޓީމުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އެއްވެސް ޓީމަކަށް އިދިކޮޅު ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލައެއް ފޮނުވާލެވިފައެއް ނުވެ އެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވަނީސް ރެއާލް އަށް ލީޑު ނަގައިދނީ ޓީމުގެ ކެޕްޓަން ކަރިމް ބެންޒެމާ އެވެ. މި ގޯލަކީ އިދިކޮޅު އޭރިއާ ތެރެއިން ހަޒާޑް ފުންނާބުން ދިން ޕާހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެންޒެމާ ކާމިޔާބު ކުރި ވަރަށް ރީތި ގޯލެކެވެ. އޭގެ އިރުކޮޅެއް ފަހުން، މަތިމަތިން ސޮހިގެން އައި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރެއާލް އަށް ލީޑު ފުޅާ ކޮށްދިނީ ނާޗޯ އެވެ. މެޗުގެ 62 ވަނަ މިނެޓުގައި ބެންޒެމާ އިތުރު ގޯލެއް ޖަހައި ލީޑް ފުޅާ ކުރި އެވެ.

ނަމަވެސް ރެއާލް މެޑްރިޑްގެ ކީޕަރު ކުރި ފައުލަކާއި ގުޅިގެން އަލަވޭސް އަށް ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ފަރަގު ހަނި ކޮށްދިނީ ހޮސެލޯ އެވެ. ރެއާލްގެ ފަހު ލަނޑު ކާމިޔާބު ކޮށްދިނީ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ އެވެ.

މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް އެއްވެސް މުބާރާތެއް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް މިފަހަރުގެ ލަލީގާގެ ފެށުން އެމީހުން ވަނީ ރަނގަޅު ކޮށްފަ އެވެ.