(12 އޯގަސްޓް 2021 އާ ގުޅޭ)
ފިނިފެންތަށީގައި ހިފަހައްޓައިގެން އިނުމުގެ ސަބަބުން އެ އަތްތިލަ ވަނީ ފިނިވެފައެވެ. އެ ފިނިކަމުގެ އިހްސާސް ކުރެވުނު ނަމަވެސް އީހާންގެ އަތް ނީރާ ފޮޅުވައެއް ނުލިއެވެ. އޭނާ ބޭނުންވަނީ އީހާނަށް ވިސްނޭށެވެ. އިހްސާސްތަކަކާއި ޖަޒުބާތުތަކުގައި ހުރިހާ ހިއްސެއްމެ ޝާމިލުވާ ފުރިހަމަ އަންހެނެއްކަން ނީރާއަކީ ވިސްނޭށެވެ.
ދެމެދުގައި ދެކެވެމުންދިޔަ ވާހަކައިގެ މިސްރާބު ބަދަލުވާން ފަށައިފިކަން އީހާނަށް އެނގުނެވެ. ނީރާގެ ވާހަކަ ކުރިއަށްދާނަމަ އީހާނު އަޑު އަހަން ނޭދޭ ވާހަކައެއް އިވިދާނޭ ހީވިއެވެ. ވާހަކަ ހުއްޓާލަން އީހާން ގަސްދުކުރީ އެހެންވެއެވެ. އަތުގައި އޮތް ފެންތަށި ހިފައިގެން އޭނާ ސޯފާއިން ތެދުވީއެވެ. ނީރާއަށް ބަލާލާފައި އޭނާ ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ.
"އީހާން..." ނީރާ ގޮވާލިއެވެ.
"އަހަރެން ބަލާދިޔައިރު ނީރާ ހިނގައްޖެ. ކާކާއެކު ދިޔައީ؟" ހުރިހާކަމެއް އެނގިހުރެ ފާޅުގައި އީހާނު އޮޅުވާލިއެވެ.
"ވަޓް... ދާލިޔާއާ ދިމާވިނަމަ އަހަރެން މިއަދު ނުނިކުންނަކަން އެނގޭނެ. ދާލިޔާއާއި އީހާނު ވާހަކަނުދައްކަނީތަ؟ ނޫނީ ދާލިޔާ ނުބުނީތަ؟. އީހާނަށް ކަމެއް އެނގުނީތަ؟." ކުއްލިއަކަށް ޖަވާބެއް ދިނުމުގެ ކުރީން ނީރާގެ ސިކުނޑި މަސައްކަތް ފެށިއެވެ.
"ނީރާ..."
"ނިދަން ދަމާ." ނީރާއަށް އީހާނު ގޮވާލުމާއެކު ނިކަން އަވަހަށް ބުންޏެވެ. ސޯފާއިން ތެދުވި ގޮތަށް އޭނާ މަޑެއް ނުކުރިއެވެ. ކޮޓަރިއާ ދިމާއަށް އައެވެ. ނަމަވެސް ދޮރު ހުޅުވާލުމުގެ ކުރީން ނީރާ މަޑުކޮށްލިއެވެ.
"ދޮރު ތަޅުލާފަ ހުއްޓާ ނުހުޅުވައްޗޭ." ނީރާ ބުނެލީ އިސްޖަހާލައިގެން ހުރެއެވެ.
"މަޑުކޮށްބަލަ. ކީއްވެ ޖަވާބުނުދީ ފިލަން ތިއުޅެނީ. ނުބުނެވޭވަރު ވާހަކައެއް އޮތީތަ؟ ނީރާ ބަދަލުވެއްޖޭ ހީވަނީ މިހެންވެ... ފީލްވަނީ މިހާރަކަށް އައިސް ކަންކަން ނީރާ ސިއްރުކުރޭ އަހަންނަށް. ވަރަށް ބޮޑަށް ސިއްރުކުރާހެން."
"ސިއްރުކުރާނަމަ އެކަމުގެ ފަހަތުގައި ރަނގަޅު ރީޒަންއެއް އޮންނާނެ. އާއިލާ މީހުންނަށް ދޮގުހަދާ އޮޅުވާލުމަކީ އަހަރެން އެންމެ ކުރަން ބޭނުންނުވާ ކަންތައް. މިހާ ދުވަސްވީއިރު އެކަން ނޭނގޭތަ؟. އީހާން އަހަރެން ޕްރޮޓެކްޓްކުރާ ގޮތް އެނގޭ. އެކަން ބަދަލުވާންވެއްޖެ... އައި އޭމް ނޮޓް އަ ޓީނޭޖާ އެނީމޯ. ލައިފްގެ ކޮންމެވެސް ހިސާބަކުން މީހަކާ ރައްޓެހި ވެސް ވާނެ، ކައިވެނި ކުރާނެ. އަބަދު އީހާނު އެދޭގޮތަށް އުޅޭންވެއްޖެނަމަ އަހަންނަށް ލައިފެއް ލިބޭނެކަމާމެދު ޝައްކު. އަހަރެންވެސް މިހާރު ބޯއިފްރެންޑެއް ބޭނުން." ނީރާ ބުނެލިއެވެ.
އީހާންގެ ލޮލުން ނީރާ ދުށީ ކަންބޮޑުވުމެވެ. އޭނާ ޖަވާބެއް ނުދީ ނީރާއަށް ބަލަން ހުރީއެވެ. ހަގީގަތް ފަޅާ އަރާ ބޭޒާރުނުވަނީސް ނީރާ ކޮޓަރިއަށް ވަދެއްޖެއެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު އީހާން އިސްޖަހާލީ ދެނެވެ. މަޑު ހިނގުމުގައި އޭނާ ނުކުތީ ބެލްކަންޏެވެ. ނީރާއާ މެދު އީހާން ވިސްނި ވަރަކަށް ލިބެމުންދިޔަ ނުތަވަނަސްކަން އައީ އިތުރުވަމުންނެވެ. އަމިއްލަ އެދުން ކުރިއަށް ނުނެރި ހުރެއްޖެނަމަ އީހާނަށް ނީރާ ގެއްލިދާނޭކަން އެނގެއެވެ. ކެތްކުރަން އުނދަގޫވަނީ އެ ހިޔާލުގެ ހުރި ތެދުކަން އިހްސާސް ކުރެވޭތީއެވެ. މި ހުރިހާ ދުވަހު ގަބޫލުކުރަން އުނދަގޫވެ ހިތުގެ އެންމެ އެތެރޭގައި ފޮރުވަމުން އައި ހަގީގަތާ ކުރިމަތިނުލާ ނުވާނޭކަން އީހާނަށް އެނގުނުއިރު ނީރާގެ އިހްސާސްތައް ބަދަލުވެއްޖެއެވެ. އެކަން އެހެންއެވީ އެ ދެމެދަށް ލައިޒަލް އައުމުންނެވެ. އޭނާ ނީރާއަށް ދެއްކީ ކޮން ދަޅައެއްކަމެއް ނޭނގެއެވެ. އެހާ ފަސޭހައިން ނީރާގެ ހިތް ހޯދީ ކިހިނެއްކަމެއް އީހާނަކަށް ނޭނގެއެވެ.
* * * * *
ސުޖާއާއި ލަމްހާ ބުނެފިކަމެއްގައި އީހާން ދެކޮޅެއް ނުހަދާނެކަން ނީރާއަށް އެނގެއެވެ. މެންދުރުފަސްވެފައި ވަނިކޮށް ސުޖާއުއާއެކު އީހާން ފޮނުވާލީ އެހެންވެއެވެ. ގޭތެރޭގައި ކުރަން ހުރި ކަންކަން ގިނައެވެ. އީހާންގެ އުފަން ދުވަސް ވީމައެވެ. ހުރިހާކަމެއް އިންތިޒާމް ކުރުމުގައި އުޅެނީ ނީރާއެވެ. އެހީވާން ހުރީ ލަމްހާއާއި ޔަމާނެވެ. އެމީހުން ދިރިއުޅޭ ލަގްޒަރީ ބޮޑު އެޕާޓްމެންޓުގެ "ޕަޓިއޯ" ޒީނަތްތެރި ކުރުމުގައި އެކަމަށް ހާއްސަ ބަޔަކު ހަރަކާތްތެރިވަމުން ދިޔައެވެ. ބޮކިފަތިތައް އެކިދިމާއިން އެލުވާފައިވާއިރު އެކި ކަހަލަ ފުއްޕާހަންތައް ވިއެވެ. ބިޔަ ގަހުން ނައްޓާލައިފަވާ ތޮށިގަނޑެއް ފަދައިން ހަދާފައިވާ ފިލާގަނޑެއްގައި އީހާނުގެ ނަމާއެކު އުފަން ދުވަހުގެ ތަހުނިޔާ ލިޔެ ބަހައްޓާފައި ހުއްޓެވެ. އީހާންގެ ކޮޓަރީގެ ސީލިން ނިވާވެފައި ހުރީ ފުއްޕާހަމުންނެވެ. އެނދުމަތީ ނީރާގެ އަތުން ޕާރުސަލްކޮށްފައިވާ ސައްބީސް ހަދިޔާ އޮތެވެ. އީހާންގެ އުފަންދުވަހަށް ހަފްތާއެއް ކުރީން ނީރާ ތައްޔާރުވާން ފެށިއެވެ. ފައިސާ ގޮތުން އޭނާއަށް ދަތިކަމެއްނެތެވެ. އޭނާގެ އަތުގައި ފައިސާ ހުރޭތޯ ލަމްހާ އަބަދުވެސް ބަލާނެއެވެ. ލިބޭ މުސާރައިގަ އަތްނުލާ ވެސް ނީރާއަށް ފުދެއެވެ. އެހެންވިޔަސް އީހާނަށް ޓަކައި ހަދިޔާ ތައްޔާރުކުރީ އޭނާގެ އަމިއްލަ ފައިސާ ޚަރަދުކޮށްގެންނެވެ. އީހާން ރުއްސުމަށް ޓަކައި އެ ދެމެދުގައި ހިނގި ދެބަސްވުންތައް ނީރާ ހަނދާންނައްތާލިއެވެ. އީހާން އުފަން ދުވަސް އުފާވެރި ދުވަހެއްގެ ގޮތުގައި ނިމިގެންދާން އެދޭތީއެވެ. އީހާން އެދޭ ފަދައިން އޭނާއަށް ޓަކައި ނީރާގެ ހުރިހާ ވަގުތެއްމެ ހުސްކުރިއެވެ. އިހާންގެ ޝަކުވާތައް މަދުވިއެވެ. މިހުރިހާކަމާއެކު ވެސް ނީރާގެ ސިކުނޑިން އެއްފަރާތް ނުކުރެވި އޮތީ ލައިޒަލްއެވެ. އެ ދެމެދުގައި އޮތް ގުޅުމެވެ. އީހާންގެ އުފަން ދުވަހަށްފަހު އެންމެ އަވަހަށް ނީރާ އިއުލާން ކުރާނީ ލައިޒަލްއާއެކު އޮތް ގުޅުމުގެ ހަގީގަތެވެ. އާއިލާގެ ރުހުން ލައިޒަލްއަށް ލިބެން ނީރާ އެދެއެވެ. އެންމެ މުހިންމީ މަންމައަށް ކަމުދިއުމެވެ. ބޭނުންވަނީ ވެސް މަންމަގެ ރުހުމެވެ. ލައިޒަލްއާއެކު މުސްތަގުބަލެއް ބިނާކުރާން ނީރާ ބޭނުންވާވަރު މަންމައަށް ކިޔާދިނުމެވެ.
ރޭގަނޑު އަށެއް ޖެހީއެވެ. އީހާނު ގޮވައިގެން އަންނަނީ ކަމުގައި ސުޖާއު އެންގީ ލަމްހާ އަށެވެ. ފުރަތަމަ އީހާނާ ބައްދަލުކުރާ ބަޔަކަށްވާން ނިންމީ އާއިލާއެވެ. ސިޓިންރޫމުގައި އީހާނާއަށް މަރުހަބާ ކިޔަން ތިބީ ލަމްހާއާއި ނީރާއެވެ. ޔަމާނު ގުޅާފައި ރިދާ ގޮވައިގެން އަންނަނީ ކަމުގައި ނީރާ ކައިރީ ބުންޏެވެ. އެ ދެމީހުން ވަންނާނީ ލައިޒަލްއާއި އުޝާ އައީމަ، އެންމެން އެކުގައިކަން ބުންޏެވެ. އެކުވެރިއަކުން އަންނަކަން އީހާނަށް އެނގޭކަށް ނީރާ ނޭދެއެވެ. އޭރުން އީހާނަށް ހީވާނީ ހަމައެކަނި އާއިލާގެ މެދުގައި އުފަން ދުވަސް ފާހަގަކުރަނީ ހެންނެވެ. ނިކަން ހިނިއައިސްފަ ނީރާ ހުރީ އީހާނު އެޕާޓްމެންޓަށް ވަންނާނޭ އިރަކަށް ކެތްތެރިކަން ކުޑަވެފައެވެ. އަބަދުވެސް އީހާންގެ އުފަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަކީ ނީރާ ކުރަމުން އަންނަ ކަމެކެވެ. އުފަންދުވަހުގެ ހަދިޔާތައް ހުޅުވުމުގައި އެރޭގެ ވަގުތުތައް އީހާނާއެކު ނީރާ ހޭދަކުރެއެވެ. ކޮންމެ ހަދިޔާއަކާމެދު އީހާނު ދެކޭ ގޮތް އޮޅުން ފިލުވަން ނީރާ ބޭނުންވާނެއެވެ. މިރޭ ވެސް ނީރާ އެވަގުތައް އިންތިޒާރު ކުރެއެވެ.
"ސަޕްރައިޒް..." ލަމްހާއެކޭ އެއްވަރަށް ނީރާ ނިކަން ބާރަށް ބުނެލިއެވެ. އަދި އަތުގައި އޮތް ކަރުދާސް ހޮޅި ދޮރުން ވަން އީހާނާ ދިމާކޮށް ގޮއްވާލިއެވެ. އެއާއެކު ކުދިކުދި ކަރުދާސްތައް އޭގެ ތެރެއިން ބުރައިގެން ހިނގައްޖެއެވެ.
ފުޅާ ހިނިތުންވުމެއް އީހާންގެ ތުންފަތަށް ވެރިވެފައި ވިއެވެ. އުފަންދުވަހުގެ ތަހުނިޔާ ސުޖާއު ކިއުމުން އޭނާގެ ގައިގާ އިހާން ނިކަން އަވަހަށް ބައްދާލިއެވެ. ދެން އައިސް ލަމްހާގެ ގައިގާ އީހާން ބައްދާލިއެވެ. ދަރިފުޅުގެ ކޮންމެ އުފަން ދުވަހެއްގައި ލަމްހާގެ ލޮލުން ކަރުނަ ނައިސް ނުދެއެވެ. މާޒީގެ ހިޔަނި އެޅުނަ ނުދީ އެ ދަރިފުޅު ބޮޑުކުރި ގޮތުގެ ހަނދާންތައް އެ ދެ ލޯ ރޮއްވާލަނީ އިހްތިޔާރުން ބޭރުގައެވެ. ލަމްހާގެ ފެންކަޅިވެފައިވާ ދެ ލޮލާއެކު އޭނާގެ ހުނުމުގެ އަޑު ފެތުރިގެން ދިޔައީ އީހާން މަންމަ އުފުލާލަން އުޅުމުންނެވެ. ހެމުންހެމުން އީހާންގެ ކޮނޑުގައި ލަމްހާ ތަޅައިގަތެވެ. ސުޖާއުއާއި ނީރާ ހީނހީނ ތިއްބެވެ. ލަމްހާއާ ދުރަށް ޖެހިލުމާއެކު އީހާން ބަލާލީ ނީރާއަށެވެ. ހަރަކާތެއްނުކޮށް ހިނިތުންވުމަކާއެކު ނީރާއަށް ބަލަން އިރުކޮޅަކު އީހާން ހުއްޓެވެ. ނީރާގެ ތުންފަތް އިހުނަށްވުރެ ބޮޑަށް ދެމިލިއެވެ. ބޯއަރިކޮށްލަމުން ނީރާ ދެއަތް އުފުލާލިއެވެ. އީހާން ކުރިއަށް ފިޔަވަޅު އަޅާލިއިރު ހީވީ އޭނާގެ ކެތްތެރިކަން ގެއްލުނީ ހެނެވެ. ހަމައެވަގުތު އެޕާޓްމެންޓްގެ ބެލް އަޅާލި އަޑު އިވުނެވެ. އީހާން ހުއްޓުނީ އެހެންވެއެވެ. އޭނާގެ ކައިރިން އަޅާ ހަލުވިކޮށް ދިޔަ ނީރާ ދޮރު ހުޅުވާލީ އައީ ކޮންބައެއްކަން އެނގޭތީއެވެ.
"ހެޕީ ބާތްޑޭ ބްރަދާ..." ޔަމާނުގެ އަޑު ފުރަތަމަ ވެސް އިވުނެވެ. އޭނާ އައިސް އީހާންގެ ގައިގާ ބައްދާލުމާއެކު ބުރަކަށީގައި ޖަހާލަމުން ދެވަނަ ފަހަރަށް އުފަން ދުވަހުގެ ތަހިނިޔާ ކިއެވެ. ނަމަވެސް ޔަމާނުއާ ދުރަށް ޖެހިލި ހިނދު އީހާނަށް ލައިޒަލް ފެނުމުން ޠަބީޢަތް ބަދަލުވެގެން ދިޔައެވެ. ފުރަތަމަ ވެސް ބަލާލެވުނީ ނީރާއަށެވެ. ލައިޒަލްއަށް ދަޢުވަތު ދިނީ ނީރާބާއޭ އީހާން ހިތަށް އެރިއެވެ. ނޫނީ އޭނާ ގޮވައިގެން އައީ ޔަމާނަށް ވެދާނެބާއެވެ. ލިބުނު ފޫހިކަން އީހާން ފޮރުވާލިއެވެ.
"ތޭންކްސް ޓު ހާ... މިފަހަރު އަހަރެމެންނަށް ބައިވެރިވާނޭ ޗާންސް ލިބިއްޖެ." ޔަމާނު ބުނެލިއެވެ. އީހާން ހިނިތުންވުމަކުން ފުއްދާލިއެވެ.
"އެންމެން ހަމަވީނު." ލަމްހާ ބުނެލީ ނީރާއަށެވެ. ހުރިހާކަމެއް ތައްޔާރުކޮށްފައި އޮތް ތަނަށް އީހާން ގޮވައިގެން ދާންކަން އެ އިޝާރާތްކުރަނީ ނީރާ ދެނެގަތެވެ. އަވަހަށް ނީރާ އައިސް އީހާންގެ މުލައްދަނޑީގައި ހިފާލިއެވެ. އީހާނެކޭ އެއްގޮތަށް ނީރާގެ ކޮންމެ ހަރަކާތަކަށް ލައިޒަލްގެ ލޯ ވެސް އަމާޒު ވެފައި ހުއްޓެވެ. ހުސްކޮށް އޮތް ބަޔަށް އީހާނު ގޮވައިގެން ނީރާ ނުކުތެވެ. ދެންތިބި އެންމެން އެމީހުންގެ ފަހަތުން އައެވެ.
"ވާއު..." އީހާން ބުނެލިއެވެ. އޭނާ ނީރާގެ ގައިގާ ބައްދާލުމާއެކު އުރާލިއެވެ. ކަންފަތް ދޮށުގައި ޝުކުރިއްޔާއޭ ބުނެލިއެވެ. ދުރުގައި ހުރި ލައިޒަލްގެ މޫނަށް އީހާނަށް ބަލާލީ ސިއްރުންނެވެ. ވާންވެލާފައި ހުރި ކަތުރުކަށިގަނޑާއި ނިތަށް ގިނަވެލާފައިވާ ރޫތައް އީހާން ދުށްޓެވެ. އެއްމިޔަކަނުން އީހާންގެ ތުންފަތް ދެމިލިއެވެ. ނީރާ ތިރީގަ ބަހައްޓާލުމާއެކު އޭނާގެ ނިތްކުރީގަ އީހާން ބޮސްދިނެވެ. ނީރާގެ ނަޒަރު ލައިޒަލް ހުރި ހިސާބެއް ހޯދަލަން ވާއިރަށް އީހާން އޭނާގެ އަތުގައި ހިފައި ދަމާލިއެވެ. ގާތްކޮށްލައިގެން ހުރެ ކޭކާ ކައިރިވެލިއެވެ. އަނެއްއަތް މަންމައަށް ދިއްކޮށްލިއެވެ. ދެފަރާތުން މަންމައާއި ނީރާ ގާތްކޮށްލައިގެން ހުރެ ކޭކު ފެޅުމަށް އީހާން އުޅުނެވެ. އެންމެންނާ ދުރުގައި ލައިޒަލް ހުއްޓެވެ. އުޝާގެ ނަޒަރު ލައިޒަލްގެ އަސަރެއްނުވާ މޫނަށް އިރުއިރުކޮޅާ ހުއްޓެވެ. އޭނާއަށް ވެސް ފާހަގަވީ ލައިޒަލްގެ ނަޒަރު ނީރާއާ ވަކިނުވާތީއެވެ.
އެކުވެރީން ގަބޫލުކުރަނީ ލަމްހާއަކީ "ސުޕާ ކޫލް މަންމަ"އެއް ކަމުގައެވެ. އެމީހުންނާ އޭނާ ވާހަކަދައްކާއިރު އެކުދީންގެ ހިޔާލުތަކާއި ނުހަނު ގުޅެއެވެ. ޕީޒާތަކަށް އެންމެން އިންސާފު ކުރަމުންދިޔައިރު ކާހިތް ނެތިފައި އިނީ ލައިޒަލްއެވެ. ދުރުގައި ޕީޒާތަށި ބަހައްޓާފައި ކޯކުތަށްޓެއް ހިފައިގެން ލައިޒަލް އިނެވެ. އީހާނު ގަސްދުގައި އޭނާއަށް ޖެއްސުމެއް އުޅޭހެން ލައިޒަލްއަށް ހީވަނީއެވެ. ނީރާއާއި ދެމެދު އޮތް ގުޅުން އީހާނަށް އެނގޭކަން ވަރަށް ބޮޑަށް ލައިޒަލްއަށް ޔަގީން ވެއެވެ. ލައިޒަލްއާ ވާހަކަދައްކާނޭ ފުރުސަތެއް ނީރާއަށް ނުދޭން އީހާން އުޅެނީއޭ ހީވަނީ އެހެންވެއެވެ. ސުޖާއުއާއެކު ލަމްހާ ކޮޓަރިއަށް ދިޔައީ އީހާނުގެ ހަދިޔާ ބަލައެވެ. ލައިޒަލް ތެދުވިގޮތް ނީރާއަށް ފާހަގަވީއިރު އެ މޫނުގައިވި ނުރުހުން ސިއްރެއް ނުވެއެވެ. އީހާނާ ދިމާއަށްކަން ލައިޒަލް އަންނަނީ އެނގި ނީރާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދައުރުވެލިއެވެ. އޭނާ ތެދުވި ގޮތަށް ހަލުވިކޮށް އައިސް ލައިޒަލްގެ އަތުގައި ހިފިއެވެ. ލައިޒަލް ގޮވައިގެން އެއްފަރާތަށް ނީރާ އައެވެ.
"އެމީހުން ރައްޓެހިވީތަ؟" ރިދާ އަޖައިބުވެފައި ހުރެ ބުނެލިއެވެ. އުޝާގެ ސަމާލުކަން ވަގުތުން އެ އަޑަށް ދެވުނެވެ.
"އެކަމެއް ކުރިޔަށްދާތާ ދުވަސްތަކެއްވެއްޖެ... މިރޭ އެންމެންނަށް އެނގޭނެ." ޔަމާނުގެ އަޑުގައި ހުރީ ސަމާސާ ގޮތެވެ.
"ތީ ތެދަކަށްނުވާނެ." އުޝާއަށް ބުނެވުނެވެ. އެއީ އޭނާ ގަބޫލުކުރަން ބޭނުންވާ ގޮތެވެ.
ދުރުގައި ލައިޒަލްއާއެކު ހުރި ނީރާއަށް އީހާން ބެލިއެވެ. ލަމްހާއާއި ސުޖާއު ނުކުމެގެން އައީތީ ނީރާގެ ކައިރިއަށް ދާނޭ ފުރުސަތެއް އީހާނަށް ނުލިބުނެވެ.
"އަތްނުލާށޭ ނުބުނެވެނީތަ؟" ނީރާގެ އަތަށް ލައިޒަލްއަށް ބާރުކޮށްލެވުނެވެ.
"ޕްލީޒް... މިރެއަކުނޫން... ޕްލީޒް... ލައިޒަލް. ހަނދާންނެތުނީތަ އަހަރެމެން އެއްބަސްވީގޮތް." ނީރާ ހަނދާންކޮށްދޭން މަސައްކަތް ކުރިއެވެ.
"އޭނާ ނޭނގިއެއްނޫން އެހެން އެއުޅެނީ. އޭނާ ބަލާގޮތް... އަތްލާގޮތް... އައި ކާންޓް... އައި ޖަސްޓް ކާންޓް..." ލައިޒަލް ދެފަރާތަށް ބޯހޫރާޅލިއެވެ. ކެތެއްނުވާނޭ ބުނާ ފަދައިންނެވެ. އެހިނދު އެ މޭގައި ނީރާގެ ކަނާއަތްތިލަ ޖައްސާލިއެވެ. ނަޒަރު ސީދާވެލިވުމުން ލުއި ހިނިތުންވުމެއް ނީރާ ދިނެވެ. މަޑުމަޑުން ލައިޒަލްގެ މޭގައި ނީރާ ފިރުމާލިއެވެ.
"ހަމައެކަނި މިރޭ... ދެން ނުބުނާނަން... މިރޭ ކެތްކޮށްލާ." ނީރާ މަޑުމަޑުން ބުނެލިއެވެ. އެ ދެ ލޮލުން ފެންނަ އާދޭހަށް ނޫނެކޭ ބުނާނޭ ހިތްވަރެއް ލައިޒަލްގެ ނެތެވެ. ފިނިނޭވާއެއް ދޫކޮށްލުމާއެކު ލައިޒަލް މޫނު އަނބުރާލިއެވެ. އެ ހަރަކާތް ނީރާއަށް ޖަވާބަކަށް ފުދުނެވެ.
"ނީރާ... ކަމް..." އިވުނީ އީހާންގެ އަޑެވެ.
ނީރާ އެނބުރިލަން އުޅުނު ހިނދު މޭގައިވި އަތްތިލަ މަތީ ލައިޒަލް އަތް އަޅާ ހިފަހައްޓާލިއެވެ. ނީރާ ދާން ނޭދޭ ފަދައިންނެވެ. ނަމަވެސް އެ އަތަށް އޭނާއަށް ޖެހުނީ ދޫ ދޭށެވެ. އަތްތިލަ ދަށުން ނީރާގެ އަތް ދެމިގަންނަން ފުރުސަތު ދޭށެވެ. ބަލަބަލަ ހުއްޓާ ނީރާ ހިނގައިގަތީ އީހާނާ ދިމާއަށެވެ. ކައިރިވެވެންވާއިރަށް އީހާން ކުރިއަށް ޖެހި ނީރާގެ އަތުގައި ހިފާލިތަން ދުށްޓެވެ. ނީރާ މޫނާ އިސްތަށްޓެއް ދުރުކޮށްލަ ދެމުން އީހާން ހިފާލީ ނީރާގެ އުނަގަނޑުގައެވެ.
"ލިސެން!... އެވްރިވަން!... އެބައޮތް ބޮޑު ވާހަކައެއް ބުނަންވެފަ. މިއަދު އަހަރެން ދުވަހަކުވެސް އުފާނުވާވަރަށް އުފަލުން މިހުރީ. މަންމާ... އައި ހޭވް ގުޑް ނިއުސް ފޯ ޔޫ. އެކްޗުއަލީ އިޓްސް އަ ގްރޭޓް ނިއުސް... ތޭންކްސް ނީރާ..." ނީރާގެ ކޯތާފަތަށް އީހާން ބޮސްދިނެވެ. އެންމެންނަށް ފަރުވާތެރިކަމާއެކު އީހާން ބަލާލިއެވެ. އީހާންގެ ވާހަކަތަކުން މިވާން އުޅޭ ގޮތެއް އެކަކަށް ވެސް ނޭނގެއެވެ. އޭނާ ދޭން އުޅޭ ޚަބަރަކީ ކޮބައިކަމެއް އެކަކަށް ވެސް ނޭނގެއެވެ. އެންމެން ސޯފާގައި ތިބިއިރު އީހާނު ވެސް ނީރާ ގޮވައިގެން އައިސް އިށީނެވެ. ނީރާ ބޭނުންނުވިޔަސް އެންމެންގެ ތެރޭ ގަދަ ހަދަން ނުކެރިފައި ހުއްޓާ އީހާން އޭނާ ގެނެސް ބޭންދީ ފައިމަތީއެވެ.
"އަހަރެމެން މެރީ ކުރަން ނިންމައިފިން." އިހުނަށްވުރެ ވެސް ނީރާ ކައިރިކޮށްލުމާއެކު އީހާނު ބުނެލިއެވެ. ލިބުނު ސިހުމުގައި ނީރާއަށް ބުނާނެ އެއްޗެއް ނޭނގި ވަގުތުން މީހާ ހުއްޓުނީއެވެ. ކައިރީގަ ތިބި މީހުން ދެއްކި ވާހަކައެއް ނީރާއަކަށް ސާފެއް ނުވިއެވެ. ނީރާގެ ނަޒަރު އީހާނަށް ހުއްޓުނު ހިނދު އީހާން ބަދަލުކޮށްލީ ފުޅާ ހިނިތުންވުމެކެވެ. ނަމަވެސް ނީރާގެ މޫނުގައިވީ ސިހުމުގެ އަސަރެވެ.
"ނީރާ..." ލަމްހާއަށް ލިބުނު ސިހުމާއެކު އުފާވެރިކަމުގެ ހަޅޭކަކާއެކު އެކުވެގެން ލަމްހާގެ އަޑު އައި ކަހަލައެވެ. އީހާނު ކައިރީ ސަމާސާ ނުކުރާށޭ ނިކަން އަވަހަށް ލަމްހާ ބުނެލިއެވެ.
"މަންމަ އުފަލެއްނުވޭތަ؟ މީ މަންމަ ބޭނުންވެފަ ހުރި ގޮތެއްނު..." ހެމުންހެމުން އީހާން ވާހަކަދެއްކިއެވެ. ލަމްހާގެ އުފާވެރިކަން ދެގުނައަށް އިތުރުވިއެވެ. އީހާން އެ ދެއްކީ އޭނާގެ ހިތުގައި މިއަދާ ހަމައަށް ވެސް ފޮރުވައިގެން އުޅޭ ވާހަކައެކެވެ.
ޔަމާނާއި ރިދާގެ ނަޒަރު ހުއްޓުނީ ލައިޒަލްއަށެވެ. ބަހެއް ވެސް ނުބުނެ އޭނާ އީހާނަށް ބަލަން ހުރީ ނުރައްކާތެރި ގޮތަކަށެވެ. އީހާނު ބަދަލުކޮށްލި ހިނިތުންވުން ވެސް އެމީހުން ދުށްޓެވެ. އީހާންގެ ކަރުގައި ހިފަން ތައްޔާރަށް ލައިޒަލް ހުރި ކަހަލައެވެ. ޔަމާނުގެ ހިތަށް އުނދަގޫވިއެވެ. އީހާނަށް އޭނާ ތަހިނިޔާ ކިޔެވެ. އެވަގުތަށް އެކުވެރިޔާގެ މައްޗަށް ކަންތައް ކުރަން ޖެހޭނެ އުސޫލަކީ އެއީކަން އެނގޭތީއެވެ. އިރުގަނޑު ނީރާއަށް ބަލަން ލައިޒަލް ހުއްޓެވެ. އެއަށްފަހު އެންމެންގެ ސަމާލުކަން އަތުލީ ކުއްލިއަކަށް ތެދުވެގެން ލައިޒަލް ހިނގައިގަތުމުންނެވެ. ހަރުކޮށް ހިނގާފައި ގޮސް ދޮރުން ނުކުންނަން ދިޔަ ލައިޒަލްގެ މުލައްދަނޑީގައި ހިފީ ޔަމާނެވެ.
"ލީވް މީ..." ހަރުކަށިކަމާއެކު ލައިޒަލް އިއްވާލިއެވެ.
"ދަނީތަ؟" ޔަމާނަށް އަހާލެވުނެވެ. އެހިނދު ލައިޒަލްގެ ނަޒަރު ދަތުރުކުރީ ނީރާއަށެވެ. އޭނާގެ ދެބުމަގޮއްޖަހާލިއެވެ. ދަތްކުނޑިވިކާލުމާއެކު ޔަމާނުގެ އަތުގެ ތެރެއިން އަތް ދަމައިގަތެވެ. މަޑުކުރުމެއްނެތި ލައިޒަލް ދިޔައީއެވެ.
"ލައިޒަލް..." އީހާންގެ ފައިމަތިން ނީރާ ތެދުވިއެވެ.
"ކޮންގްރާ ނީރާ... ކައިވެންޏަށް ދަޢުވަތު ލިބޭނެކަމަށް ހީކުރަން." އުޝާ ހުއްޓިލީ ނީރާގެ ކުރިމަތީއެވެ. ލައިޒަލްގެ ފަހަތުން ދާން ހުރަސް އަޅާށެވެ.
"އައި ތިންކް ވީ ޝުޑް ގޯ." ޔަމާނު ބުނެލީ ރިދާ ކައިރީއެވެ. ކަމެއްވެއްޖެކަން އެންމެންނަށް އެނގޭކަށް ޔަމާނު ނޭދެއެވެ. ހާއްސަކޮށް ލަމްހާއާއި ސުޖާއު އަށެވެ. އެހެންވެ ލައިޒަލްއަކީ ބިޒީ މީހެއްކަން ބުނެ އޭނާގެ ޢަމަލުތައް ޔަމާނު ފޫބައްދާލިއެވެ. އެމީހުންނަށް ވެސް އެހާ ގިނައިރު ތިބެވޭކަށް ނެތްކަން ބުނަމުން ނުކުންނަން އައެވެ.
"އައި ހޭވް ޓު ގޯ." ނީރާގެ އަތުން އީހާން ދޫކޮށްނުލުމުން ބުނެލިއެވެ. (ނުނިމޭ)