ރައީސް މުހައްމަދު ނަޝީދު

ތަހުގީގު ނުނިމެނީސް ރާއްޖެ ދިއުމަށް ޖެހިލުންވޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހައެއް ފަހެއްގައި ދިން ބޮމުގެ ހަމަލާގެ ތަހުގީގު ނުނިމެނީސް ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވެ ވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެެވެ.

ހަމަލާ ގުޅިގެން ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދަވަން މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދު މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އަށް ފޮނުއްވި ސިޓީއެއް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު ވަނީ އިއްވާފަ އެވެ.

ސިޓީގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެ ސިޓީއަކީ ސަރުކާރުގެ އިދާރާއާ ނުރުހިގެން އެމަނިކުފާނު ފޮނުއްވި ސިޓީއެއް ނޫން ކަމަށާއި ނަމަވެސް މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް އިހުލާސްތެރިކަމާއެކު ދަންނަވާ ދެންނެވުމެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ހަމަލާ ރާވާ ހިންގި ފަަރާތުގެ ތަހުގީގު އަދިވެސް ނުނިމޭ ކަަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ތަހުގީގު ނިމި އެކަމުގައި ބައިވެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރީގައި ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާއާއި އެމަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކާއި އަދި އެމަނިކުފާނުވެސް ޖެހިލުންވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އެހެންކަމުން އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދެއްވައި ރާއްޖެއިން ބޭރުގައި ހުރެވޭނެ ގޮތަށް ކަންކަން މަގުފަހިކޮށްދެއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ޗުއްޓީގައި ހުންނެވި ނަމަވެސް ގައުމަށް ހިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ. އެގޮތުން އިންޓަޕާލިމެންޓްރީ ޔޫނިއަން އާއި ކޮމަންވެލްތުގެ ޕާލިމެންޓްރީ އެސޯސިއޭޝަންގެ މަސައްކަތްތަކާއި އަދި ކްލައިމެޓް ޗޭންޖްގެ މަސައްކަތްތަކާ ގުޅޭ މަސައްކަތްތަކުގައި ބައިވެެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވީ މަޖިލީހުގެ ފުރަތަމަ ދައުރުގެ އެންމެ ފަހުގެ ޖަލްސާގަ އެވެ.