މިހެން ބުނީމަ ބައެއް އަންހެން ކުދިން މާ ނޫން ކަމަކަށް ހެދިގެން އުޅެފާނެ އެވެ.
އެކަމަކު އަގު ބޮޑެތި ތަކެއްޗަށް ހިތްކިޔާ ފިރިހެނުންނަށް ވުރެ އެ ފާޑުގެ ތަކެއްޗަށް ހިތްކިޔާ އަންހެނުން ގިނަ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ހަގީގަތަކީ ބައެއް ނުވަތަ ގިނަ އަންހެން ކުދިންގެ ހިތް އަގުބޮޑެތި ތަކެއްޗަށް ނިކަން ފަސޭހައިން ދަމައިގެންދާ ކަމެވެ. ރަނގަޅީ ހަމަ އަގުބޮޑުވި ވަރެކެވެ.
ގިނަ ފަހަރަށް މިހެން ވަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ބައެއް ކުދިންނަކީ އެމީހުން ކޮންމެ ގޮތަކަށް ތިއްބަށް ނިކަން ބްރޭންޑެޑް ނުވަތަ އަގުބޮޑު ފެޝަންތަކަށް ހޭވައްޓާލައިގެން އުޅޭ ކުދިންނެވެ. އެމީހުންގެ ނަފުސާއި އަބުރުުގެ ރީތިކަމުގެ މޫނު މައްޗަކަށް ވެފައި މި އޮންނަނީ ނުވަތަ ދައްކަން ބޭނުންވެފައި އޮންނަނީ އެންމެ އަގުބޮޑު އެއްޗެވެ.
އެހެންވީމަ މި ފިކުރުގެ އަންހެން ކުއްޖަކަށް ހަދިޔާއެއް ދޭއިރު އާދައިގެ ނުވަތަ ޕޯޝް ދަރަޖައަކަށް ނުފެތޭ އެއްޗެއް ދީފި ނަމަ އެ އެއްޗެއް ކުނިވަށިގަނޑުން ހޮވަން ޖެހުމުގެ ފުރުސަތު ބޮޑުވާނެ އެވެ. މިއީ ގަބޫލު ނުކުރެވޭ ވަރުގެ ވާހަކައެއް ނަމަ، އެންމެ ފަހުގެ އައިފޯނެއް ގެނެފައި އަންހެން ކުއްޖަކަށް ހަދިޔާއެއްގެ ގޮތުގައި ދީބަލާށެވެ. އެ ކުއްޖަކު އުފަލުން ގޮސް ދެ ދުނިޔެއިން ވެސް މޮޔަކޮށްލާނެ އެވެ.
މީގެ އިތުރުން އަގުބޮޑެތި ރެސްޓޯރެންޓްތަކުން ކެއުމަކީ ވެސް ބައެއް އަންހެނުން ނިކަން ހިތްކިޔާ ކަމެކެވެ. އަދި މި މަންޒަރެއް ބޮޑަށް ފުރިހަމަވެގެން ދަނީ ވެސް ކާން ގެންނަ އެއްޗިއްސާ އެކު ނަގާ ސެލްފީ އިންސްޓަގްރާމްކޮށްލެވޭ ހިސާބުންނެވެ.
ފާހަގަކޮށްލަން ޖެހެނީ ބައެއް އަންހެނުންނަކީ އަގުބޮޑު ތަކެތިން ނޫނީ ހިތް ނުފުރޭ މީހުން ކަމެވެ. އެހެންވީމަ ގިނަ ފަހަރަށް މީގެ އަންހެން ކުއްޖަކާ ހިތާވާން ބޭނުންވާ ފިރިހެން ކުއްޖާ ވެސް ދައްކަން ޖެހެނީ ނުވަތަ ވާން ޖެހެނީ ލަގްޒަރީ ލައިފްސްޓައިލްގެ ފިރިހެނަކަށެވެ. އަގުބޮޑު ޗާލު ކާރެއް ނުވަތަ ސައިކަލެއްގައި އެ ފިރިހެން ކުއްޖާ އުޅޭ ނަމަ ނުވަތަ މަޝްހޫރު މީހުންނާއި އަގުބޮޑެތި ތަންތަނަށް ގޮސް އުޅޭ ފިރިހެނެއް ނަމަ މި ދެންނެވި ކަހަލަ އަންހެން ކުދިންގެ ހިތް ފަސޭހައިން ލެނބިގެންދާނެ އެވެ.
ބައެއް މީހުން އެކަހަލަ އަންހެން ކުދިންނަށް ކިޔައި އުޅެނީ "ގޯލްޑް ޑިގާސް" އޭ އެވެ. އެހެން ނަމަވެސް ހަގީގަތަކީ އަގުބޮޑެތި ތަކެއްޗަށް ހިތްކިޔުމަކީ އަންހެންވަންތަ ސިފައެއް ކަމެވެ.
އެހެން ނަމަވެސް މިއަދުގެ ފެމިނިސްޓް ރޯޅީގައި ޖެހިފައި ބުރައިގެން ގޮސްފައިވާ އަންހެނުން މި ވާހަކައެއް ގަބޫލުނުކޮށްފާނެ އެވެ.