ނަޝީދަށް އަމާޒު ކުރި ހަމަލަ

ހައެއްފަހެއްގެ ހަމަލާގެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުގައި ތިން ފަނޑިޔާރުންގެ ބެންޗެއް

Aug 16, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފައިވާ މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބަލަން ތިން ފަޑިޔާރުންގެ ބެންޗެއް އެކުލަވާލައިފި އެވެ.

ހައެއްފަހެއްގެ ހަމަލާ އާއި ގުޅިގެން ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އޮފިޝަލަކު އަވަސް އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްދެވެން ނެތް ކަމަށްވެސް ވިދާޅުވި އެވެ.

މެެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައި ވަނީ ހަތަރު މީހެއްގެ މައްޗަށެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27) އެވެ.

ތަހުގީގު ނިންމުމަށްފަހު ފުލުހުން ވަނީ ފަސް މީހުންނަށް ދައުވާ ކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ. ނަމަވެސް ބޮމުގެ ހަމަލާ ދިނުމުގައި ބައިވެރިވުމުގެ ތުހުމަތަށް ހައްޔަރުކުރި އަހްމަދު ފާތިހަށް މިވަގުތު ދައުވާ ކުރެވެން ނެތް ކަމަށް އެ އޮފީހުން ވަނީ ކަނޑައަޅާފަ އެވެ. އެހެންވެ އޭނާ މިހާރު ވަނީ ބަންދުން ދޫކޮށްލާފަ އެވެ.

މި މައްސަލަ އާއި ގުޅިގެން އަދިވެސް ތަހުގީގު ކުރިއަށް ގެންދާއިރު ފަސް މީހެއްގެ ތަހުގީގު އަދިވެސް އަންނަނީ ކުރަމުންނެވެ. ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެހެން މީހުންނަކީ މ. ކުދެހިގެ އިސްހާގާއި، ގއ. ވިލިނގިލި ހުދުރުވާގެ ފަހްމީ އަލީ އާއި، ހއ. މޮޅަދޫ ބަހާރުގެ އަބްދުﷲ އަލި މަނިކާއި، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމްގެ އިތުރުން ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމް އެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތް ފެށުމަށް ތައްޔާރުވަމުންދާއިރު ހަމަލާގެ ތަހުގީގު ނުނިމެނިސް ރާއްޖެ ވަޑައިގަންނަން ޖެހިލުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސިޓީއެއް ފޮނުއްވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ހަމަލާ ރާވާ ހިންގި ފަަރާތުގެ ތަހުގީގު އަދިވެސް ނުނިމޭ ކަަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ތަހުގީގު ނިމި އެކަމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރީގައި ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާއާއި އެމަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކާއި އަދި އެމަނިކުފާނުވެސް ޖެހިލުންވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.