(14 އޯގަސްޓު 2021އާ ގުޅޭ)
"ވަންނަން ވީ ދޯ؟" ދޮރު ކުރިމަތީގައި ހުރީ ފިރިހެނެކެވެ. އެ މީހާ ބަލާ ބެލުމަށް ވައްތަރީ "ޕާޓޭ" އަކާ އެވެ. ކަންފަތާއި ނޭފަތް ވަނީ ތޮރުފާފައެވެ. ކަރުގައި ދެތިން ފަށެއް އަޅައިފައި ވެއެވެ. އަތާއި ފައިގަ ވެސް ގަހަނާއެވެ. ދިގު ޓީޝާޓަކާއި ކުރު ސޯޓެއް ލައިގެން ހުރި އެމީހާގެ އިސްތަށިގަނޑު ވަނީ އެއްވެސް ތަރުތީބެއް ނެތި ހާވާލާފައެވެ. ބަލާ ބެލުމަށް ހީވަނީ ފެންނުވަރާ ގިނަ ދުވަސްތަކެއް ވެފައިވާ މީހެއް ހެންނެވެ.
ބިރުން ހުރެ ލިވިޔާ ބޯޖަހައިލީ އެތެރެއަށް ވަންނަން ހުއްދަ ދެމުންނެވެ. ލިވިޔާގެ ހިތުގެ ހިނގުން އިތުރަށް އަވަސް ވިއެވެ. ހިތުގެ ވިންދަށް ހީވީ އާދަޔާ ޚިލާފު ހަލުވި ކަމެއް އަތުވެފައިވާ ހެންނެވެ. އެމީހާ އައިސް އިށީންނީ ސޯފާގައެވެ. އެއްވެސް އެއްޗެއް ނުބުނެ އެމީހާ ބަލަމުން ދިޔައީ ސިޓިންގރޫމްގެ އެކި ދިމާލަށެވެ.
"ކިހާ އިރަކު އަހަރެން މިހެން އިންނަން ޖެހޭނީ؟" ކުޑަ އިރުކޮޅެއް ނުވަނީސް، އެމީހާ އެހެން ބުނެލީ އާފުރެލަމުންނެވެ. އެމީހާގެ މޫނު މަތިން ހީވަނީ ފޫހިވެ، ނިދި އައިސްފައިވާ ހެންނެވެ.
"ކޮންމެ ގޮތެއް ވިޔަސް، އަހަރެން މަޑު ކުރާނަމޭ! ހާސް ނުުވޭ.. ކާކު މިވަރުގެ ކަމެއް ނުކުރާނީ؟ ފައިސާ ވިއްޔާ.." ލިވިޔާގެ ފަރާތުން ޖަވާބެއް ނުލިބުމުން އެމީހާ އެހެން ބުނެލީ ވިހަ ގޮތަކަށް ހީނލަމުންނެވެ. ލިވިޔާއަށް ކުއްލިއަކަށް ބަލައިލެވުނީ އޭނާގެ ފޯނަށެވެ. ގުޅަމުން ދިޔައީ ޒަކްވާނެވެ. ލިވިޔާ ފޯނު ނެގީ ވަގުތު ކޮޅަކު ފޯނަށް ބަލަން ހުރުމަށްފަހުގައެވެ.
"ލިވިޔާ.. އަހަރެން ތިގެއަށް ގޮސްލަން ކަމަށް.. ދުވަސް ކޮޅެއް ވެއްޖެއްނު، ދިމާ ނުވާތާ!" ޒަކްވާން އެހެން ބުނުމާ އެކު، ލިވިޔާ ވަރަށް އަވަހަށް "ނޫން ނޫން" ބުނެލިއެވެ. މިވަގުތުގައި ޒަކްވާން އަތުވެއްޖެ ނަމަ، އެމީހުން ކުރަން އުޅޭ ކަންތަކަށް ހުރަހެއް އަތުވެދާނެތީއެވެ. އިތުރަށް ސުވާލެއް ނުކޮށް ޒަކްވާން ފޯނު ބޭއްވީ ފަހުން ދިމާ ކުރާނީ ކަމަށް ބުނަމުންނެވެ.
"ވަރަށް ލަސް ވާނެތަ؟" އަނެއްކާ ވެސް ސޯފާގައި އިން މީހާ ފޫހި ރާގެއްގައި އަހައިލިއެވެ.
"ނޫން، ދެން ހިޔެއް ނުވޭ، ލަސް ވާނެހެންނެއް.." ލިވިޔާގެ އަޑުން ވެސް އޭނާ ޖެހިލުންވެ ބިރުގެންފައިވާ މިންވަރު އެނގި ހާމަވެއެވެ.
***
ކޮޓަރީގެ ދެކޮޅަށް ހުސްނާ ހިނގަމުން ދިޔައީ ދެއަތް ދެއަތަށް ކާއްތަމުންނެވެ. ހުސްނާގެ ފަރާތުން ފެންނަމުންދާ ތަފާތު ކަންތަކުން، އެ ސުވާލު ދެތިން ފަހަރަކު މަންސޫރު ވެސް އަހައިފިއެވެ. ނަމަވެސް އެ ސުވާލުތަކަށް ސަމާލު ކަމެއް ހުސްނާ ނުދެއެވެ. ހުސްނާ އޭނާގެ ހިތުން ދުޢާ ކުރަމުން ދިޔައީ މުޅިން އެހެން ކަމަކަށެވެ. ޝީލާގެ ޙާލަކީ ވެސް ހަމަ މިއީއެވެ. ނަމަވެސް ޝީލާއަށް ލިބިފައިވާ ޔަޤީންކަން ދަނީ ބޮޑު ވަމުންނެވެ. މި ރޭވުމަކީ އަތަށް ގޮވުމުގެ ފުރުޞަތު ވަރަށް ކުޑަ ރޭވުމެއްކަން ޝީލާ ދިޔައީ ޤަބޫލު ކުރަމުންނެވެ. އަދި މަންމަ ޝީލާގެ ނުޤަބޫލުގައި އެވަގުތު އެގެއަށް ދިޔުމުން އެކަމާ ޝީލާ މިހާރު ދަނީ ހިތުގެ އަޑިން އުފާ ކުރަމުންނެވެ.
އޮފީސް ނިންމާލައިގެން ޝަހުރު ސައިކަލުގައި ގޮސް މަޑުކޮށްލީ އޭނާ ދިރިއުޅެމުންދާ ގެ ކައިރީގައެވެ. ސައިކަލު ޕާކު ކުރުމަށްފަހު، މަޑުމަޑުން ސިޑިން އަރައިގެން ޝަހުރު ދިޔައެވެ. އޭނާގެ ސިކުނޑީގައި އެއްވެސް ޚިޔާލެއް ނެތެވެ. އޭނާގެ ޙަޔާތަށް ބިންދައިލަން މިއުޅެނީ ކިހާ ވަރެއްގެ ރާޅެއް ކަމާ މެދުގައި އެއްވެސް ވަރެއްގެ ޚިޔާލެއް ފިކުރެއް ވެސް އޭނާގެ ނެތެވެ. ޝަހުރު ގެއަށް އަރަމުންދާ ކަން އެނގުމާ އެކު، އެމީހުން ފެށީ އެމީހުންގެ ރޭވުން ފުރިހަމަ ކުރާށެވެ.
ދޮރުގެ ތަޅަށް ތަޅުގަނޑު ޖަހައިލުމަށްފަހު، ޝަހުރު ހުޅުވައިލީ އޭނާގެ އެޕާރޓުމެންޓުގެ ދޮރެވެ. ހަމަ އެއާ އެކު، ސޯފާގައި އޮށޯވެގެން އެޮތް ފިރިހެން މީހާ، ކުއްލިއަކަށް ކޮޅަށް ތެދުވެ، ވަރަށް އަވަސް ކޮށް ޓީޝާޓު ލަމުން، ސޯޓު ހެޔޮވަރު ކޮށްލިއެވެ. ލިވިޔާގެ ހަރަކާތްތަކަށް ވެސް ވަނީ އަވަސް ކަމެއް އަތުވެފައެވެ. ވަރަށް އަވަސްކޮށް ލިވިޔާ އޭނާގެ އިސްތަށިގަނޑު ރީތި ކޮށްލިއެވެ. ފެނުނު މަންޒަރު ޤަބޫލު ކުރަން ދަތިވެފައި ޝަހުރަށް ހުރެވުނީ ހުއްޓުން އަރާފައެވެ.
"ހަޑި މުޑުދާރު އަންހެނާ.." ހިމޭން ކަމަކަށް ފަހު، ޝަހުރުގެ އަނގައިން ނުކުތީ ލިވިޔާއަށް ރައްދުކޮށްފައި، ހުތުރު ސިފަކުރުމެކެވެ. ޝަހުރުގެ ދެލޯ ފެންކަޅި ވެފައި ވީނަމަވެސް، އެ ދެލޮލުން ފެންނަނީ ކޮޅުނެތްކޮޅަށް ނަފުރަތެވެ.
"ކަލޭ އަދިވެސް ބަލަން ހުންނަނީތަ؟ ރައްކާވޭ!" ޝަހުރުގެ އެއް އަތުން އެ ފިރިހެން މީހާ ދޮރުން ބޭރަށް ހޫރައިލިއެވެ. އަދި ޝަހުރު ހަރުކޮށް ހިނގާފައި އައިސް ހުއްޓުނީ ލިވިޔާގެ ކުރިމަތީގައެވެ. އަދި މުށް ބާރު ކޮށްލަމުން ޝަހުރު މަސައްކަތް ކޮށްލީ ލިވިޔާގެ މޫނުމަތީގައި ހޫނު ތަފާލެއް އަޅާށެވެ. ނަމަވެސް ޝަހުރަށް އެކަމެއް ނުވިއެވެ.
"ކީއްވެ؟ ތީތަ ލިވީގެ އަސްލު ސޫރަ އަކީ؟ ތީ ތިކަހަލަ އަންހެނެއްކަން އެނގުނު ނަމަ، އަހަރެން ލިވީއާ ގާތް ވެސް ނުވާނަން.. ނުކުމޭ މިގެއިން.. ތި ސިފަ ފެންނަން ވެސް އަހަރެން ނޭދެން.. ދުވަހަކުވެސް.." ޝަހުރުގެ އަޑުގައި ވަނީ އިންތިހާއަށް ވޭނާއި ރުޅިއެވެ. އެއްވެސް އެއްްޗެއް ބުނާނެ ހިތްވަރެއް ލިވިޔާގެ ނެތެވެ. މަޑުމަޑުން ފިޔަވަޅު ނަގަމުން ލިވިޔާ ހިނގައިގަތީ އެ ގެއިން ނުކުންނާށެވެ. އޭރު ލިވިޔާއަށް ވަނީ ރޮވިފައެވެ.
"އަދި އެއް ވާހަކަ.. ތި ކަރުނައިން އަހަރެންގެ ހިތަކަށް އެއްވެސް ރަހުމެއް ނުލިބޭނެ. ދެން އަހަރެން ލިވީއާ ދިމާ ކުރާނީ ކޯޓުން.." ޝަހުރު އެހެން ބުނުމާ އެކު، އަނގަ މަތީގައި އަތް އަޅައިލުމަށްފަހު، ރޮމުން ލިވިޔާ ދުއްވައިގަތީ ބޭރަށް ނުކުތުމަށެވެ.
***
މުޅިން އައު ދުވަހަކަށް އިރު އަރައިފިއެވެ. މުޅި ރޭ ރުއިމުގައި ހޭދަ ކުރި ލިވިޔާ އަދިވެސް ރޮނީއެވެ. ލިވިޔާގެ މައިންބަފައިންނަށް ޝަހުރު އެމީހުންގެ ދަރިފުޅު ގެއިން ނެރެލީކަން ޤަބޫލު ކުރަން ފަސޭހައެއް ނުވިއެވެ. އެތައް ފަހަރަކު ޝަހުރަށް ގުޅުމުން ވެސް އޭނާ ފޯނު ނުނަގާތީ ވާގޮތް އަދި ލިވިޔާގެ މައިންބަފައިންނަށް ސާފެއް ނޫނެވެ. ލިވިޔާގެ މަންމަ ފޯނު ނަގައި ގުޅަން ފެށީ ޝަހުރުގެ މަންމަ ހުސްނާ އަށެވެ. ލިވިޔާ އެއްވެސް އެއްޗެއް ތަފުސީލުކޮށް ކިޔައި ނުދީ ހަމަ ރޯތީއެވެ.
"މަންމާ.. އަހަރެން މިއަދު ވަރަށް ދެރަ ވެއްޖެ! އަހަރެން ހީނުކުރަން ލިވީ އަހަރެންނަށް މިހެން ހަދާނެ ކަމަކަށް.. ލިވީ އަހަރެން މުޅިން އެކަނި ކޮށްލައިފި.. އަހަރެން މުޅި ދުނިޔެއަށް ބާކީ ކޮށްލައިފި.." ހުސްނާގެ ގައިގައި ކުޑަ ކުއްޖެއްހެން ބައްދައިލައިގެން އޮވެ، ޝަހުރު ރޮމުން ޝަކުވާ ކުރަމުން ދިޔައެވެ. ޝަހުރުގެ ބޮލުގައި ހުސްނާ ފިރުމަމުން ދާއިރު، ޝީލާ ދިޔައީ ޝަހުރުގެ ކޮނޑުގައި ފިރުމަމުންނެވެ.
"ދަރިފުޅާ! ދެރަ ނުވޭ! މަންމަމެން އަބަދުވެސް މިތިބީ ދަރިފުޅާ އެކުގަ، ދަރިފުޅު އެކަނި ވިޔަކަ މި މަންމަ އެއް ނުދޭނެ. މަންމަ އަބަދުވެސް ދަރިފުޅަށް އެދޭނީ ހެޔޮ ގޮތް.." ހުސްނާ މަސައްކަތް ކުރަމުން ދިޔައީ ޝަހުރު ހަމައަކަށް އަޅުވާށެވެ.
"އަހަރެންނަށް މާފު ކުރޭ މަންމާ. އަހަރެންނަށް މިލިބުނީ މަންމަމެންގެ ނުޤަބޫލުގަ ކަމެއް އަމިއްލައަށް ނިންމުމުގެ ހިތި ރަހަ. އަހަރެންނަށް ރަނގަޅު ގޮތް މަންމައަށް އެނގޭނެ. އެކަމާ އަހަރެން ޝައްކެއް ނުކުރާނަން!" ޝަހުރު ރޮމުން ބަލައިލީ ހުސްނާގެ މޫނަށެވެ. ހުސްނާ އޭނާގެ އަތުގެ ނުފުށުން ޝަހުރުގެ ލޯ ކައިރި ފުހެން ފެށިއެވެ.
"މި މީހަކު ގުޅާތާ ވަރަށް އިރުވެއްޖެ! ލިވިޔާގެ މަންމަ. އެބަ ނަގާލަން.." ހުސްނާ އެހެން ބުނެ، ބަލައިލީ އޭނާގެ ފޯނަށެވެ. ޝަހުރު އެއްވެސް އެއްޗެއް ނުބުނެ ހަމަ އިނީއެވެ. ޝަހުރުގެ ހިތަށް ލިބިފައިވާ ހިތްދަތިކަމުން އޭނާގެ މުޅިގައި ވަނީ ފިނިވެފައެވެ.
"އަހަރެންގެ ދަރިފުޅަށް ކިހިނެއްތަ ވީ؟ ކިހިނެއް ހަދައިގެން ތިއުޅެނީ؟" ލިވިޔާގެ މަންމަ އެހެން އަހައިލީ ވަރަށް ހާސްވެފައި އިނދެގެންނެވެ. ހުސްނާ ކަރުކެހިލަމުން ކޮޅަށް ތެދުވިއެވެ.
"ތިހެން ޒުވާބު ކުރާނެ ކަމެއް ނެތް. އަހަރެމެންނަށް ވެސް ޒުވާބު ކުރަން އެބަ އިނގޭ! ތިހާ އެނގެން ބޭނުން ވަންޏާ ބުނެފާނަން! ކަލޭގެ ދަރިފުޅު ފިރިހެނެއް ވައްދައިގެން އޮއްވައި ޝަހުރަށް ފެނުނީ.." ހުސްނާ އެހެން ބުނުމާ އެކު، ޝަހުރަށް ދަތި ގޮތަކަށް ހިން ދިރުވައިލެވުނެވެ. ހުސްނާގެ ވާހަކަ އިވިފައި ހާލިދާގެ ކަންފަތަށް ހީވީ ހޫނު ފެން ފޮދެއް އެޅުނު ހެންނެވެ. ހާލިދާގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. އަދި ހާލިދާއަށް ވަގުތުން ބަލައިލެވުނީ ލިވިޔާއަށެވެ. (ނުނިމޭ)