ކުޅިވަރު

އަންނަ ސީޒަނަށް ޕޮގްބާ ރެއާލްއަށް

މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ މިއަންނަ ސީޒަންގައި ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިންގްލެންޑުގެ ކުޅިވަރު ނޫސްތަކުން ބުނާ ގޮތުގައި ޕޮގްބާ ރެއާލް މެޑްރިޑަށް ބަދަލުވަން ނިންމާފައި ވަނީ މިހާރު އޭނާ މެންޗެސްޓާ ޔުނައިޓެޑާއި އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން މިއަންނަ ސީޒަންގަ އެވެ.

ޕޮގްބާ އާއި އެކު މެންޗެސްޓާ ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން އެގްރީމެންޓް އާނުކޮށްފިނަމަ މިއަންނަ އަހަރުގެ މެދުތެރޭގައި އޮންނަ ސަމާ ޓްރާންސްފާ މާކެޓުގައި ފްރީ އެޖެންޓެއްގެ ގޮތުގައި ޕޮގްބާ އަށް ބޭނުން ކްލަބަކަށް ދެވޭނެ އެވެ.

ފްރާންސްގެ ގައުމީ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ ޕޮގްބާ އާއި ރެއާލް މެޑްރިޑާ ދެމެދު މިހާރު ވަނީ ރަނގަޅު ގުޅުމެއް އުފެދިފަ އެވެ. ވަކިން ހާއްސަކޮށް ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި ޒައިނެދީން ޒިދާން ހުރި އިރު އެޓީމާއި ޕޮގްބާގެ ގުޅުން ފެނުނީ ވަރަށް ގާތްކޮށެވެ. އަދި ޒިދާން ކޯޗު ކަމުން މިހާރު ދުރަށް ޖެހުނު ނަމަވެސް 13 ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ރެއާލް އާއި ޕޮގްބާގެ ގުޅުމަށް ހީނަރުކަމެއް އައިސްފައެއް ނުވެ އެވެ.

ކޮވިޑް ޕެންޑަމިކް އާއި ގުޅިގެން ލަލީގާއިން ވަނީ ކްލަބް ތަކަށް ފައިނޭންޝަލް ރެސްޓްރިކްޝަން ތަކެއް ދީފަ އެވެ. އެހެންކަމުން ލަލީގާގެ ކްލަބު ތަކުން މިފަހަރު ވަނީ ހަރަދު ވަރަށް ބޮޑު ތަނުން ކުޑަ ކޮށްފަ އެވެ. މީގެ ބަދަލުގައި މިއަންނަ އަހަރުގެ ޓްރާންސްފާ މާކެޓުގައި މި ޓީމުތަކުން ބޮޑެތި ހަރަދު ތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ.

ވަކިން ހާއްސަކޮށް ރެއާލް މެޑްރިޑަށް މިއަންނަ އަހަރުގެ ޓްރާންސްފާ މާކެޓު ވަރަށް ހާއްސަ ވެގެންދާނެ ކަމަށް ބެލެވެ އެވެ. އެ ޓީމުން އަންނަނީ ޒުވާން ތަރި އެމްބާޕޭ އާއި ހާލަންޑް އެޓީމަށް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މިއަންނަ ޓްރާންސްފާ މާކެޓަށް އެމްބާޕޭ އާއި ޕޮގްބާ ހުންނާނީ ފްރީ އެޖެންޓުންގެ ގޮތުގަ އެވެ. އެހެންކަމުން ހާލަންޑް ގެނައުމަށް ރެއާލް އަށް ބޮޑު ހަރަދެއް ކުރެވޭނެ އެވެ.