ރެއާލް މެޑްރިޑް

ޕޮގްބާގެ ޑީލްގައި ބޭލް ވެސް ހިމަނައިފި

ޕައުލް ޕޮގްބާ ގެނައުމަށް ރެއާލް މެޑްރިޑުން ކުރަމުން އަންނަ މަސައްކަތުގައި، ޓްރާންސްފާ ފީގެ އިތުރުން ރެއާލްގެ ވޭލްސް ފޯވަޑް ގެރެތު ބޭލްވެސް މެންޗެސްޓާ ޔުނައިޓަޑަށް ދޫކޮށްލަން ރެއާލުން ހުށަހަޅައިފި އެވެ.

އާ ސީޒަންގެ ޓްރާންސްފާގައި، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާންގެ ލިސްޓްގެ އެންމެ ކުރީގައި ހިމެނެނީ ޕޮގްބާ ނަމަވެ. ޕޮގްބާ ވިއްކާލަން ޔުނައިޓަޑުން އެއްވެސް ގޮތަކަށް ބޭނުމެއް ނުވެ އެވެ.

ރެއާލުން ރަސްމީކޮށް ހުށަހެޅުމުން، ޔުނައިޓަޑުން ކިޔާފައި ވަނީ 150 މިލިއަން ޔޫރޯގެ ބޮޑު އަގެކެވެ. އެވަރުގެ ބޮޑު އަގެއް ދޭކަށް ރެއާލުން ބޭނުމެއް ނުވެ އެވެ. ރެއާލުން މިހާރު ހުށަހަޅާފައި ވަނީ 120 މިލިއަން ޔޫރޯ އާއެކު ގެރެތު ބޭލްވެސް ޔުނައިޓަޑަށް ދޫކޮށްލުމަށެވެ.

އަންނަ މަހު 30 އަހަރު ފުރޭ ބޭލް ނުގެނައުމަށް، ޔުނައިޓަޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ވަނީ މީގެ ކުރިން ޔުނައިޓަޑަށް ލާފާ ދީފަ އެވެ. ޒިދާންގެ ޕްލޭންގައި ބޭލް ހިމަނާފައެއް ނުވެ އެވެ. އެހެންވެސް އޭނާއަށް ވެސް ގޮތެއް ހޯދަން ރެއާލްއަށް ވަނީ ޖެހިފަ އެވެ.

ޕޮގްބާ ނުގެނެވިއްޖެނަމަ، ބަދަލުގައި އަޔެކްސްގެ މިޑްފީލްޑަރު ޑޮނީ ވެންޑަބީކް ގެނައުމަށް ޕްލޭން ބީ ގެ ގޮތުގައި ރެއާލްއިން ވަނީ ތައްޔާރު ވެފަ އެވެ.

ޓޮޓެންހަމްގެ ޑެންމާކުގެ މިޑްފީލްޑް ކްރިސްޓިއަން އެރިކްސަން ގެނައުމަށް މީގެ ކުރިން ރެއާލުން މަސައކްތް ކުރި އެވެ. މެޑްރިޑުން ދިރިއުޅެން ގެއް ހޯދުމުގެ މަސައްކަތް އޭނާގެ އާއިލާއިން ފަށާފައިވާ ކަމަށް ޑެންމާކުގެ މީޑިއާތަކުން ޚަބަރު ފެތުރި އެވެ. މީޑިއާއިން އެކަން ގުޅުވީ، އޭނާ ރެއާލްއަށް ބަދަލުވާން އުޅޭ ކަމަށް ބުނެ އެވެ.